އެސްއެމްއީ ޑިޖިޓަލް އޮޑިން ރަށަށް: މިއަހަރުގެ ދެވަނަ އޯޕަން ވޯޓާ މުބާރާތް ކ. ގުރައިދޫގައި ބާއްވަނީ

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 56ސ
އެސްއެމްއީ ޑިޖިޓަލް އޮޑިން ރަށަށް: މިއަހަރުގެ ދެވަނަ އޯޕަން ވޯޓާ މުބާރާތް ކ. ގުރައިދޫގައި ބާއްވަނީ

ސްވިމް މޯލްޑިވްސްއިން އިންތިޒާމުކޮށްގެން ބާއްވާ "އެސްއެމްއީ ޑިޖިޓަލް އޮޑިން ރަށަށް" އޯޕަން ވޯޓާ ފެތުމުގެ މުބާރާތުގެ މިއަހަރުގެ ދެވަނަ އިވެންޓު މި މަހުގެ 27 ވާ ހުކުރު ދުވަހު ކ. ގުރައިދޫގައި ބޭއްވުމަށް ހަމަޖެހިއްޖެއެވެ.

މި މުބާރާތަކީ ރަށާ 500 މީޓަރު ބޭރުގައި އަޅާފައި އޮންނަ އޮޑިއަކުން ފެތުންތެރިން ފުންމާލައިގެން، ރަށުގެ ގޮނޑުދޮށަށް ފަތާފައި އަރަންޖެހޭ ގޮތަށް ފަރުމާކޮށްފައިވާ ހަރަކާތެކެވެ. މިއީ ދިވެހިރާއްޖޭގެ ރަށްރަށުގައި ބަނދަރާއި ފާލަން ތަރައްގީކުރުމުގެ ކުރިން، އޮޑިދޯނިފަހަރު ރަށާ ދުރުގައި އަޅާފައި އޮންނައިރު ފަތާފައި ރަށަށް އެރި މާޒީގެ ސަގާފަތާއި ދިރިއުޅުމުގެ ވައްޓަފާޅި މިހާރުގެ ޖީލުތަކަށް އަލުން ދައްކުވައިދިނުމުގެ މަގުސަދުގައި ކުރިއަށްގެންދާ މުބާރާތެކެވެ.

މި މުބާރާތުގެ ފުރަތަމަ އިވެންޓު ކާމިޔާބުކަމާއެކު ވިލިމާލޭގައި ބާއްވާފައިވަނީ މިދިޔަ އޮކްޓޯބަރު 3 ގައެވެ. އެ މުބާރާތުގައި 100 ފެތުންތެރިން ބައިވެރިވިއިރު، ގުރައިދޫގައި ބާއްވާ އިވެންޓަށްވެސް ވަނީ ބޮޑު ތަރުހީބެއް ލިބިފައެވެ. އެގޮތުން މިފަހަރުގެ މުބާރާތުގައި 6 އަހަރާއި 70 އަހަރާ ދެމެދުގެ 150 ފެތުންތެރިން ވާދަކުރާނެއެވެ. މީގެ ތެރޭގައި އަމިއްލަ ގޮތުން ބައިވެރިވާ ގުރައިދޫގެ 25 ފެތުންތެރިންނާއި، ރަށުން ބޭރުން ބައިވެރިވާ 100 ފެތުންތެރިން ހިމެނެއެވެ. މީގެ އިތުރުން 25 ޓީމު ވާދަކުރާ ޓީމް ރިލޭ ކެޓަގަރީގައި ކޮންމެ ޓީމަކުން ދެ ފެތުންތެރިންނާއެކު ޖުމްލަ 50 ފެތުންތެރިން ވާދަކުރުމަށް ވަނީ ހަމަޖެހިފައެވެ.

މުބާރާތުގެ ކުރިން ބާއްވާ ހާއްސަ އެކްސްޕޯ މި މަހުގެ 26 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 1:00 އިން ހަވީރު 5:00 އަށް ކ. ގުރައިދޫގައި ކުރިއަށްދާނެއެވެ. މި އެކްސްޕޯގައި މުބާރާތުގެ މައި ސްޕޮންސަރު ކަމަށްވާ އެސްއެމްއީ ޑިޖިޓަލްގެ މުވައްޒަފުންވެސް ބައިވެރިވާނެއެވެ.

މި މުބާރާތާ ގުޅުވައިގެން އިޖުތިމާއީ ޒިންމާ (ސީއެސްއާރު) ގެ ދަށުން އެސްއެމްއީ ޑިޖިޓަލްއިން ވަނީ ކ. ގުރައިދޫގައި ހުންނަ ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒަށް ޒަރޫރީ ސާމާނު ހަދިޔާކުރުމަށް ނިންމާފައެވެ. މީގެ އިތުރުން މިފަދަ ކުޅިވަރު ހަރަކާތްތަކުގެ ސަބަބުން ރަށުގެ އިގްތިސާދަށާއި ކުދި ވިޔަފާރިތަކަށް ކުރިއެރުން ލިބި، މުޖުތަމައުގެ ގުޅުން ބަދަހިވުމަށް މަގުފަހިވެގެންދާނެ ކަމަށް އިންތިޒާމުކުރާ ފަރާތުން ފާހަގަކުރެއެވެ.

ސްވިމް މޯލްޑިވްސްއިން އަމާޒު ހިފާފައިވަނީ އަންނަ އަހަރު ރާއްޖޭގެ އިތުރު ރަށްރަށަށް މި މުބާރާތް ފުޅާކޮށް، ގިނަ ބަޔަކަށް ބައިވެރިވެވޭނެ ފުރުސަތު ތަނަވަސްކޮށްދިނުމަށެވެ.

މިއަދު އޮންލައިން