ބާޒާރުގައި ކެރެޓުގެ އަގު އުފުލުމުގެ މައްސަލަ ހައްލުކުރުމަށްޓަކައި ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) އިން ކެރެޓް ކޮންޓެއިނަރުތައް ކްލިއަރ ކުރުމުގެ މަސައްކަތް ފަށައިފިއެވެ.
މާކެޓުގައި ކެރެޓުގެ އަގު ކުއްލިއަކަށް އުފުލިގެން ދިޔުމާ ގުޅިގެން އާންމުންގެ ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކޮށްފައިވާ ދަނޑިވަޅެއްގައި، އިޤްތިޞާދީ ތަރައްޤީއާ ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު މީސްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ކެރެޓުގެ އަގު ބޮޑުވާން މެދުވެރިވީ ސަޕްލައި ކުރުމުގައި ދިމާވި މައްސަލައަކާ ގުޅިގެން ކަމަށެވެ. އަދި ބާޒާރުގައި އަގު ހިފެހެއްޓުމަށްޓަކައި ސަރުކާރުން އަވަސް ފިޔަވަޅުތަކެއް އަޅަމުންދާ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
ބާޒާރުގައި ސަޕްލައި މަދުވި ދަނޑިވަޅުގައިވެސް، އެސްޓީއޯ މެދުވެރިކޮށް އަގުހެޔޮކޮށް ކެރެޓު ކިލޯއެއް 40 ރުފިޔާއަށް ވިއްކަމުން ގެންދިޔަކަން ވަޒީރު ސަޢީދު ފާހަގަކުރެއްވިއެވެ. މީގެއިތުރުން، ސަޕްލައި މައްސަލަ ދިމާވި ވިޔަފާރި ކުންފުނިތަކުގެ މުދާވެސް، މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އާ ގުޅިގެން ކުރެވުނު މަސައްކަތުން މިހާރު ކްލިއަރ ކުރެވިފައިވާ ކަމަށް ވަޒީރު ވިދާޅުވިއެވެ. އެހެންކަމުން ކުރިއަށް އޮތް ތަނުގައި ވިޔަފާރިވެރިން ކެރެޓުގެ އަގު ބޮޑުނުކޮށް ވިއްކާނެ ކަމަށް އުއްމީދުކުރައްވާ ކަމަށްވެސް ވަޒީރު ވިދާޅުވެފައިވެއެވެ.
ވަޒީރު އިތުރަށް ވިދާޅުވީ، ބާޒާރުގައި އަގު އެއްވަރެއްގައި ހިފެހެއްޓުމަށްޓަކައި އިތުރު ކެރެޓު ބާޒާރަށް ނެރުމުގެ ގޮތުން، އެސްޓީއޯއިން ގެނައި ކެރެޓް ކޮންޓެއިނަރުތައް ކްލިއަރ ކުރުމުގެ މަސައްކަތް މިހާރު ބާރަށް ކުރިއަށްދާ ކަމަށެވެ.