ސްވިޒަލެންޑުގެ ޖެނީވާގައި މި ނޮވެމްބަރު މަހުގެ 16 އިން 20 އަށް ކުރިއަށްދިޔަ 'ގްލޯބަލް ފްރޭމްވޯކް އޮން ކެމިކަލްސް' (ޖީ.އެފް.ސީ) ގެ ބައިނަލްއަޤްވާމީ ފުރަތަމަ ކޮންފަރެންސްގައި ދިވެހިރާއްޖެއިން ބައިވެރިވެއްޖެއެވެ.
މި ކޮންފަރެންސަކީ ކެމިކަލް އަދި ކުނިން އިންސާނުންގެ ޞިއްޙަތަށާއި ތިމާވެއްޓަށް ލިބޭ ގެއްލުންތަކުން ރައްކާތެރިވުމަށްޓަކައި ދުނިޔޭގެ ފެންވަރުގައި ކުރެވެމުންދާ މަސައްކަތްތައް ހަރުދަނާކޮށް ކުރިއެރުވުމުގެ މަޤްޞަދުގައި ބޭއްވުނު ބައްދަލުވުމެކެވެ. މި ބައްދަލުވުމުގައި އެކި ޤައުމުތަކުގެ ސަރުކާރުތަކުގެ މަންދޫބުންނާއި، ބައިނަލްއަޤްވާމީ ޖަމްޢިއްޔާތަކާއި، ޞިނާޢީ ދާއިރާގެ ފަރާތްތަކުގެ އިތުރުން މަދަނީ ޖަމްޢިއްޔާތަކާއި ކަމާގުޅޭ އެހެނިހެން ފަރާތްތަކުން ބައިވެރިވިއެވެ.
މި ކޮންފަރެންސްގެ ތެރެއިން މި އޮނިގަނޑު (ފްރޭމްވޯކް) ތަންފީޛުކުރުމުގެ މަސައްކަތްތައް ހަރުދަނާކުރުމަށްޓަކައި މުހިންމު ނިންމުންތަކެއް ވަނީ ނިންމާފައެވެ. އެގޮތުން، މަސައްކަތްތައް ކުރިއަށްދާ މިންވަރު ދެނެގަތުމަށް ބޭނުންކުރާނެ ދުނިޔޭގެ ފެންވަރުގެ މިންގަނޑުތަކެއް (ގްލޯބަލް އިންޑިކޭޓަރސް) ކަނޑައެޅުމާއި، މިކަން ތަންފީޛުކުރުމަށް ދެ ޕްރޮގްރާމެއް އެކުލަވައިލުން ހިމެނެއެވެ. މީގެ އިތުރުން، ތަރައްޤީވަމުން އަންނަ ޤައުމުތަކަށް އެހީތެރިވުމުގެ ގޮތުން ޤާއިމުކޮށްފައިވާ 'ގްލޯބަލް ފްރޭމްވޯކް އޮން ކެމިކަލްސް ފަންޑު' ގެ މުއްދަތު 2035 ވަނަ އަހަރާ ހަމައަށް އިތުރުކުރުމަށް ވެސް މި ކޮންފަރެންސްގައި ވަނީ ފާސްކޮށްފައެވެ.
މި ކޮންފަރެންސްގައި މޫސުމީ ބަދަލުތަކާ ތިމާވެއްޓާ ހަކަތައާއި ބެހޭ ވުޒާރާގެ ފަރާތުން ބައިވެރިވެވަޑައިގެންނެވީ ޕްރޮޖެކްޓް މެނޭޖަރ އަލްފާޟިލް ޙަސަން އަޒްހަރެވެ. އަދި މި ފްރޭމްވޯކް ތަންފީޛުކުރުމަށް އެހީތެރިވުމުގެ ގޮތުން، މަސައްކަތުގެ ޕްރޮގްރާމާއި، މުވައްޒަފުން އަދި ބަޖެޓާ ގުޅޭގޮތުން މަޝްވަރާކުރުމަށް އެކުލަވައިލި 'ކޮންޓެކްޓް ގްރޫޕް' ގެ ކޯ-ޗެއަރގެ މަޤާމު ވެސް ޙަސަން އަޒްހަރު ވަނީ ފުރުއްވާފައެވެ.
ހަބަރު: ސަރުކާރު