ކަންމަތިތަކާއި ގޯޅިތަކުގައި ޕާކުކުރުމުގެ މައްސަލަ ޚާއްސަ އޮފީހުގެ މަސައްކަތާއެކު ޙައްލުވާނެ: ރައީސް

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 59ސ
ކަންމަތިތަކާއި ގޯޅިތަކުގައި ޕާކުކުރުމުގެ މައްސަލަ ޚާއްސަ އޮފީހުގެ މަސައްކަތާއެކު ޙައްލުވާނެ: ރައީސް

މާލޭގެ ކަންމަތިތަކާއި ހަނި ގޯޅިތަކުގައި ޤަވާއިދާ ޚިލާފަށް ޕާކުކުރާ މައްސަލަ، އެކަމަށްޓަކައި ސަރުކާރުން އުފައްދަވާފައިވާ ޚާއްސަ އޮފީހުގެ މަސައްކަތްތަކާއެކު ޙައްލުވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ "ރައްޔިތުންގެ އަޑު" ޕްރޮގްރާމްގައި އާންމު ރައްޔިތަކު ދެންނެވި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ. އެ ޕްރޮގްރާމުގައި ވާހަކަދެއްކި ރައްޔިތަކު ވަނީ ކަންމަތިތަކާއި ގޯޅިތަކުގައި ޕާކުކުރުން މަނާކަން އަންގައިދޭ ބޯޑުތައް ހަރުކޮށްފައި ހުރި ނަމަވެސް، އެ ބޯޑުތަކުގެ ކުރިމަތީގައްޔާއި ގޯޅިތަކުގައި ވެހިކަލްތައް ޕާކުކޮށްފައި ހުރުމުގެ ސަބަބުން ދަތުރުފަތުރަށާއި ހިނގާބިނގާވެ އުޅުމަށް ދިމާވާ ބޮޑެތި ދަތިތަކުގެ ކަންބޮޑުވުން ހިއްސާކޮށްފައެވެ.

އެ ކަންބޮޑުވުންތަކާ ގުޅިގެން ރައީސް މުޢިއްޒު ވިދާޅުވީ، ކަންމަތިތަކުގައި ޕާކުކޮށްފައި ހުންނަ މައްސަލައަކީ މާލޭގައި މިހާރު ވަރަށް ބޮޑުވެފައިވާ މައްސަލައެއް ކަމަށެވެ. އަދި އެކަމަށް ދާއިމީ އަދި ރަނގަޅު ޙައްލެއް ގެނައުމަށްޓަކައި ޚާއްސަ މަސައްކަތްތަކެއް ވަރަށް އަވަހަށް ފެށިގެންދާނެ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

"ކަންމަތިތަކުގައި ޕާކުކޮށްފައި ހުންނަ މައްސަލަ އެއީދެން ވަރަށް ބޮޑުވެފައި އޮތް މައްސަލައެއް. އެކަމަށް ރަނގަޅު ޙައްލެއް ގެނައުމަށް މަސައްކަތްތަކެއް ފެށޭނެ. އެކަމަށް ޚާއްސަ ޓްރާންސްޕޯޓްގައި ވަކި އޮފީހެއްވެސް ހަދައިފިން. އެތަނުގެ މަސައްކަތް ވަރަށް އަވަހަށް ފެށޭނެ. އެ މަސައްކަތް ފެށުނީމައި ހަނި ގޯޅިތަކާއި ކަންމަތިތަކުގައި ޕާކު ކުރީމައި ދަތިވާކަންކަމަށް ޙައްލު ގެނައުމަށް ނިންމާފައި،" ރައީސް ވިދާޅުވިއެވެ.

މާލެ ސަރަޙައްދުގެ މަގުތަކުގައި ދުއްވާ އެއްގަމު އުޅަނދުތަކުގެ އަދަދު އިންތިހާއަށް އިތުރުވެ، ޓްރެފިކް ތޮއްޖެހުމުގެ މައްސަލަ ބޮޑުވުމާ ގުޅިގެން، އެކަމަށް އަވަސް އަދި ދެމެހެއްޓެނިވި ޙައްލެއް ހޯދުމަށްޓަކައި "ގްރޭޓަރ މާލެ ޓްރާންސްޕޯޓް އެންޑް މޮބިލިޓީ އޮފީސް" ގެ ނަމުގައި ޚާއްސަ އޮފީހެއް ރައީސުލްޖުމްހޫރިއްޔާ އުފެއްދެވީ މިދިޔަ ޖުލައި މަހުގެ 12 ވަނަ ދުވަހުއެވެ.

އެ އޮފީހުގެ މައިގަނޑު މަޤްޞަދަކީ ކަމާބެހޭ ހުރިހާ މުއައްސަސާތަކާއި ފަރާތްތަކާ ގުޅިގެން، މާލެ ސަރަޙައްދުގެ ދަތުރުފަތުރާއި ޕާކިންގ ނިޒާމު ހަރުދަނާކުރުމަށް ބޭނުންވާ ޚާއްސަ ޕްރޮގްރާމުތައް އެކުލަވައިލުމާއި އެ ކަންކަން ޢަމަލީގޮތުން ތަންފީޒުކުރުމެވެ.

މިއަދު އޮންލައިން