ރޮހިންޔާ ދަރިކޮޅުގެ މީހުންނާ ދެކޮޅަށް ޤަތުލުޢާންމު ހިންގުމުގެ ޒިންމާ މިޔަންމާއިން އުފުލަންޖެހޭނެ ކަމަށް އިންޓަރނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައި.ސީ.ޖޭ.) އިން ކަނޑައެޅުމާ ގުޅިގެން، އެ މައްސަލައަށް ދިވެހިރާއްޖެއިން ތަދައްޚުލުވީ ޤަތުލުޢާންމު ހިންގާ ފަރާތްތަކަށް އަދަބު ނުލިބި ދޫވެފައި އޮތް އޮތުމާ ދެކޮޅުހަދައި، އަނިޔާ ލިބުނު ފަރާތްތަކަށް އިންސާފު ހޯދައިދިނުމަށް ކަމަށް ބަންޑާރަ ނައިބު އަޙްމަދު އުޝާމް ވިދާޅުވެއްޖެއެވެ.
އައި.ސީ.ޖޭ. ގެ ޙުކުމާ ގުޅިގެން ނެރުއްވި ނޫސްބަޔާނުގައި ބަންޑާރަ ނައިބު ވިދާޅުވީ، ޤަތުލުޢާންމުގެ ޝިކާރައަކަށްވެފައިވާ ފަރާތްތަކަށް އިންސާފު ހޯދައިދީ، އެ ޢަމަލު ހިންގާ ފަރާތްތައް ޒިންމާކުރުވުމަށް މަގުފަހިކުރުމަކީ ރާއްޖޭން މި މައްސަލައަށް ތަދައްޚުލުވި މައިގަނޑު ސަބަބު ކަމަށެވެ. އަދި ދައުލަތުގެ މަތީ މަޤާމުތަކުގައި ތިބޭ ފަރާތްތައްވެސް ހިމެނޭހެން، މިކަމުގައި ޒިންމާވާ އެންމެހައި ފަރާތްތަކުގެ މައްސަލަ މިޔަންމާއިން ވަގުތުން ތަޙްޤީޤުކޮށް، ދަޢުވާކޮށް، އަދަބު ދޭންޖެހޭނެ ކަމަށް ކޯޓުން ކަނޑައެޅުމަށް ދިވެހިރާއްޖެއިން މަރުޙަބާ ކިޔާކަމަށްވެސް އެ ބަޔާނުގައި ފާހަގަކުރައްވާފައިވެއެވެ.
ޤަތުލުޢާންމުގެ ކުށް ހުއްޓުވުމާއި އަދަބު ދިނުމާބެހޭ މުޢާހަދާ (ޖެނޮސައިޑް ކޮންވެންޝަން) ގެ ބައިވެރިއެއްގެ ޙައިޞިއްޔަތުން މި މައްސަލައަށް ތަދައްޚުލުވާނެކަން އެންމެ ފުރަތަމަ އިޢުލާންކުރި ޤައުމަކީ ދިވެހިރާއްޖެއެވެ. މި މައްސަލައިގައި ރާއްޖޭގެ އޭޖެންޓަކީ ބަންޑާރަ ނައިބު އަޙްމަދު އުޝާމް ކަމަށްވާއިރު، ރާއްޖެ ތަމްސީލުކުރެއްވި ވަކީލުންނަކީ ބެރިސްޓަރ އަދި ޕްރޮފެސަރ އަމާލް ކްލޫނީ އާއި، ބެރިސްޓަރ އަދި ޕްރޮފެސަރ ފިލީޕާ ވެބް ކޭސީއެވެ.
ބަންޑާރަ ނައިބުގެ އޮފީހުން ވިދާޅުވި ގޮތުގައި، ރާއްޖެއިން ހުށަހެޅި ހުށަހެޅުންތަކުގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލާފައިވަނީ ޤަތުލުޢާންމު ހިންގި ފަރާތްތަކަށް އަދަބު ދިނުމަށް މިޔަންމާގެ މައްޗަށް އޮތް ޒިންމާއަށާއި، މިނިވަން އަދި މުސްތަޤިއްލު ޓްރައިބިއުނަލެއްގެ ކުރިމަތީގައި ކުށްވެރިންގެ މައްސަލަ ތަޙްޤީޤުކޮށް ދަޢުވާކުރުމުގެ ވާޖިބުގެ މައްޗަށެވެ.
އައި.ސީ.ޖޭ. ގެ ޙުކުމުގައި، ޖެނޮސައިޑް ކޮންވެންޝަންގެ ދަށުން އޮތް މުހިންމު ދެ އިލްތިޒާމަކާ ގުޅޭގޮތުން ރާއްޖެއިން ހުށަހެޅި ޤާނޫނީ ނުކުތާތަކަށް ވަނީ ރިޢާޔަތްކޮށްފައެވެ. އެގޮތުން:
- ދައުލަތެއްގެ ސަރަޙައްދުގައި ޤަތުލުޢާންމު ހިންގައިފިކަމަށް ޤަބޫލުކުރެވޭ އެކަށީގެންވާ ސަބަބުތަކެއް ފެންނަ ހިނދުން ފެށިގެން، އެކަން ތަޙްޤީޤުކުރަންޖެހޭނެ ކަމަށާއި، އެ ތަޙްޤީޤުތަކަކީ އަވަސް، ހަރުދަނާ، ފުރިހަމަ، މިނިވަން، މުސްތަޤިއްލު އަދި ހެޔޮ ނިޔަތުގައި ކުރިއަށްގެންދާ ތަޙްޤީޤުތަކަކަށް ވާންޖެހޭނެ ކަމަށް ރާއްޖެއިން ހުށަހެޅި ނުކުތާތަކަށް ދަ ގެމްބިއާއިން ތާއީދުކޮށްފައިވާކަން ކޯޓުން ފާހަގަކުރިއެވެ.
- ކޮންވެންޝަންގެ 4 ވަނަ މާއްދާއާއި 6 ވަނަ މާއްދާގެ ދަށުން އަދަބު ދިނުމުގެ ވާޖިބު އަދާކުރުމަށް، ޝަރީޢަތްތަކުގައި މިނިވަންކަމާއި މުސްތަޤިއްލުކަންފަދަ އިންސާފުވެރި ޝަރީޢަތެއްގެ ސިފަތައް ހުންނަންޖެހޭނެ ކަމަށާއި، ކަނޑައަޅާ އަދަބަކީ ކުށުގެ ކުޑަބޮޑުމިނާ އެކަށީގެންވާ އަދި ކުރިމަގުގައި އެފަދަ ޢަމަލުތައް ހުއްޓުވުމަށް ބާރުއަޅާ އަދަބަކަށް ވާންޖެހޭނެ ކަމަށް ރާއްޖެއިން ފާހަގަކުރި ނުކުތާތަކަށް ކޯޓުގެ ޙުކުމުގައި ތާއީދުކޮށްފައިވެއެވެ.
މި ޙުކުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުވެސް ވަނީ މަރުޙަބާ ވިދާޅުވެފައެވެ.
ޖެނޮސައިޑް ކޮންވެންޝަން ނެގެހެއްޓުމުގައާއި، ބައިނަލްއަޤްވާމީ ބޮޑެތި ޖަރީމާތަކަށް އަދަބު ނުލިބި ދޫވެގެންދާ ދިއުން ހުއްޓުވުމަށާއި، ބައިނަލްއަޤްވާމީ ޤާނޫނުތަކުގެ ތެރެއިން އިންސާނީ ޙައްޤުތަކާއި އިންސާނީ ކަރާމާތް ރައްކާތެރިކުރުމަށް މަސައްކަތްކުރުމުގައި ދިވެހިރާއްޖެއިން އަބަދުވެސް ސާބިތުކަމާއެކު ދެމިއޮންނާނެ ކަމަށް ބަންޑާރަ ނައިބު ވަނީ ވިދާޅުވެފައެވެ.