ރިއަލް އެސްޓޭޓް ބިލު: ދައުލަތުގެ މިލްކުވެރިކަން ދަމަހައްޓައި އިޤްތިސާދީ އާ ދޮރުތަކެއް ހުޅުވައިލުން

މިއަދު
ކިޔުމަށް ހޭދަވާނީ 6މ 11ސ
ރިއަލް އެސްޓޭޓް ބިލު: ދައުލަތުގެ މިލްކުވެރިކަން ދަމަހައްޓައި
އިޤްތިސާދީ އާ ދޮރުތަކެއް ހުޅުވައިލުން

ދިވެހިރާއްޖޭގެ ޤުދުރަތީ ރީތިކަމާއި، ސާފު މޫދާއި، ގޮނޑުދޮށްތަކަކީ ޤައުމުގެ އެންމެ އަގުބޮޑު ރައުސްމާލެވެ. ޒަމާނުއްސުރެ މި ޤުދުރަތީ ވަސީލަތްތަކުން މަންފާ ހޯދަމުން އައީ ވަކިވަކި ފަޅުތަކާއި ރަށްތައް އެއް ފަރާތަކަށް ދިގު މުއްދަތަކަށް ކުއްޔަށް ދީގެންނެވެ. ނަމަވެސް، ދުނިޔޭގެ އިޤްތިސާދީ އޮއިވަރަށާއި ޒަމާނީ ރިއަލް އެސްޓޭޓް މާކެޓަށް އަންނަމުންދާ ބަދަލުތަކާއެކު، ބިމުގެ މިލްކުވެރިކަން ދައުލަތުގެ ބާރުގެ ދަށުގައި ބާއްވައިގެން މާ މަތީ އާމްދަނީއެއް ހޯދުމުގެ އައު ނިޒާމެއްގެ ބިންގާ ސަރުކާރުން މިހާރު ވަނީ އަޅަން ފަށާފައެވެ. އެގޮތުން، ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ރިއަލް އެސްޓޭޓް ވިޔަފާރީގެ ބިލަކީ ރާއްޖޭގެ ބިމުން ލިބޭ ނަފާ އިންގިލާބީ ގޮތެއްގައި އިތުރުކުރުމަށް ފަރުމާކޮށްފައިވާ މުހިންމު ޤާނޫނީ އޮނިގަނޑެކެވެ.

ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތު ބިނާވެފައި އޮތީ "ވަން އައިލެންޑް، ވަން ރިސޯޓް" ގެ މަފްހޫމުގެ މައްޗަށެވެ. މި އުސޫލުގެ ސަބަބުން ރަށެއްގެ ނުވަތަ ފަޅެއްގެ ޤުދުރަތީ ރީތިކަމުން އުފެދޭ ބޮޑު މާލީ މަންފާ އެއްކޮށްހެން ލިބެނީ އެތަން ކުއްޔަށް ނަގައިގެން ހިންގާ އަމިއްލަ ކުންފުންޏަށެވެ. ދައުލަތަށް ލިބެނީ ޤާނޫނުގައި ކަނޑައަޅާފައިވާ ވަކި މިންވަރެއްގެ އަހަރީ ބިމު ކުއްޔެކެވެ.

މިކަން ތަފާސްހިސާބުތަކުން ވަރަށް ސާފުކޮށް ފެންނަން އެބައޮތެވެ. ރަސްމީ ހިސާބުތައް ދައްކާގޮތުން، 2025 ވަނަ އަހަރު ރިސޯޓުތަކުގެ ބިމު ކުލީގެ ގޮތުގައި ދައުލަތަށް ލިބުނީ ގާތްގަނޑަކަށް 2,066.97 މިލިއަން ރުފިޔާއެވެ. އެއީ އޭރުގެ ރޭޓުން ބަލާއިރު ގާތްގަނޑަކަށް 134 މިލިއަން އެމެރިކާ ޑޮލަރެވެ. މި އަދަދު އެ އަހަރުގެ ނިޔަލަށް ހިންގަމުންދިޔަ 178 ރިސޯޓަށް ބަހާލުމުން، ރިސޯޓަކުން އަހަރަކަށް ޖެހެނީ އެވްރެޖުކޮށް 0.75 އާއި 0.77 މިލިއަން ޑޮލަރާ ދެމެދުގެ އަދަދެކެވެ. އެހެންކަމުން، 99 އަހަރުގެ ދިގު މުއްދަތަކަށް ބަލާއިރު ވެސް އެއް ރިސޯޓުން ބިމު ކުލީގެ ގޮތުގައި ދައުލަތަށް ލިބޭނީ ގާތްގަނޑަކަށް 75 ވަރަކަށް މިލިއަން ޑޮލަރެވެ.

މިއާ ޚިލާފަށް، ޒަމާނީ އިންޓެގްރޭޓެޑް ރިއަލް އެސްޓޭޓް މޮޑެލްގެ ދަށުން ތަރައްޤީކުރެވޭ ރަސްމާލެ ފަދަ މަޝްރޫއުތަކުގެ އަންދާޒާތައް މުޅިން ތަފާތެވެ. ސަރުކާރުގެ ރަސްމީ ހާމަކުރުންތަކުގައިވާ ގޮތުން، ރަސްމާލޭގެ މަޝްރޫޢުން ދުރާލާ ލިބޭ 5،000 ހައުސިންގ ޔުނިޓުގެ އިތުރުން، ޑިވެލޮޕަރުގެ އާމްދަނީން ދައުލަތަށް ލިބޭ 10 އިންސައްތައިގެ ހިއްސާ އެކަނިވެސް ގާތްގަނޑަކަށް 3.1 ބިލިއަން އެމެރިކާ ޑޮލަރަށް އަރައެވެ. އިމާރާތްކުރުމާ ބެހޭ ވުޒާރާއިން ފާހަގަކުރައްވާފައިވާ ގޮތުގައި، ޓޫރިޒަމް ޤާނޫނުގެ ދަށުން 500 ހެކްޓަރުގެ ބޮޑު ބިމެއް 99 އަހަރަށް ދީގެން ލިބޭނެ ކަމަށް ލަފާކުރެވޭ 75 މިލިއަން ޑޮލަރާއި (އެކުއިޒިޝަން ފީ ހިމަނައިގެން ވެސް) އަޅާބަލާއިރު، މި އައު މޮޑެލުން ލިބޭ ނަފާ އެތައް ގުނައެއް ބޮޑެވެ.

ރިއަލް އެސްޓޭޓް ވިޔަފާރީގެ ބިލަކީ މިމަހު 9 ވަނަަ ދުވަހު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައި، މިމަހު 18 ގައިި 42 މެންބަރުންގެ ވޯޓުން ބަލައިގަނެ މިހާރު ކޮމިޓީ މަރުހަލާގައި އޮތް ބިލެކެވެ. މި ބިލުގެ 8 ވަނަ ބާބުގައި އިންޓެގްރޭޓެޑް ރިއަލް އެސްޓޭޓް ޒޯންތައް ހިންގާނެ ހަރުދަނާ އުސޫލުތައް ބަޔާންކޮށްފައިވެއެވެ.

މި ބިލުގެ އެންމެ ފާހަގަކޮށްލެވޭ އެއް ސިފައަކީ، ބިމުގެ މިލްކުވެރިކަން ދައުލަތުން ދޫކޮށްނުލުމެވެ. އެއްވެސް ފަރާތަކަށް ބިމުގެ ފްރީހޯލްޑް (މިލްކުވެރިކަން) ނުދެވޭނެ ކަމަށާއި، ހުރިހާ މުއާމަލާތެއް ވެސް ހިނގާނީ އެންމެ ދިގުވެގެން 99 އަހަރުގެ ލީސްހޯލްޑް އުސޫލުން ކަމަށް ބިލުގައި ބަޔާންކޮށްފައިވެއެވެ. މީގެއިތުރުން، ޤައުމީ ސަލާމަތާއި އިޤްތިސާދީ މިނިވަންކަން ރައްކާތެރިކުރުމުގެ ގޮތުން، އެއްވެސް ބޭރު ޤައުމެއްގެ ފަރާތްތަކަށް ޒޯނެއްގެ ބިމުގެ ނުވަތަ ޔުނިޓުތަކުގެ 25 އިންސައްތައަށްވުރެ ބޮޑު މިންވަރެއް ހިއްސާނުކުރެވޭނެ ގޮތަށް ވަނީ ހިފަހައްޓާފައެވެ. މިއީ ދައުލަތުގެ ފުރިހަމަ ކޮންޓްރޯލް ބިމުގެ މައްޗަށް އަބަދުމެ ދެމިއޮންނާނެކަން ކަށަވަރުކޮށްދޭ ކަމެކެވެ.

އައު ބިލުގައިވާ ގޮތުން، އެއް ފަރާތަކަށް މުޅި ރަށް ކުއްޔަށް ދިނުމުގެ ބަދަލުގައި، ޒޯނުތަކުގައިވާ ޔުނިޓުތައް ވަކިވަކިން ގިނަ ފަރާތްތަކަށް ލީސްކުރުމުގެ ފުރުޞަތު ހުޅުވިގެންދެއެވެ. މިއާއެކު ދައުލަތަށް އާމްދަނީ ވަންނާނެ ދެމެހެއްޓެނިވި ދޮރުތަކެއް ތަނަވަސްވެއެވެ.

·       މާސްޓަރ ޑިވެލޮޕަރުގެ ޕްރީމިއަމް: މާސްޓަރ ޑިވެލޮޕަރު ބިމުގެ ޕްރީމިއަމްގެ ގޮތުގައި މަދުވެގެން 10 އިންސައްތަ ދައުލަތަށް ހިއްސާކުރަންޖެހެއެވެ (80 ވަނަ މާއްދާ)

·       ރަޖިސްޓްރޭޝަން ފީ (4 އިންސައްތަ): ޔުނިޓެއް އަލަށް ލީސްކުރާއިރު އަދި ފަހުން އެ ޔުނިޓެއް އެހެން ފަރާތަކަށް ވިއްކާ ނުވަތަ ބަދަލުކުރާ ކޮންމެ ފަހަރަކު، މުޢާމަލާތުގެ އަގުގެ 4 އިންސައްތަ ދައުލަތަށް ދައްކަންޖެހެއެވެ (81 ވަނަ މާއްދާ).

މިފަދަ ޓްރާންސެކްޝަން ފީ ނެގުމަކީ ބައިނަލްއަޤްވާމީ ގޮތުން ކާމިޔާބު މޮޑެލްތަކުގައި ވެސް އަމަލުކުރާ ގޮތެވެ. މިސާލަކަށް، ދުބާއީގައި ކޮންމެ ރިއަލް އެސްޓޭޓް މުއާމަލާތަކުން 4 އިންސައްތައިގެ ރަޖިސްޓްރޭޝަން ފީއެއް ނަގައެވެ. އަދި ސައޫދީ އަރަބިއްޔާގައި ވެސް ޕްރޮޕަޓީ މުއާމަލާތްތަކުން ވަކި ފީތަކެއްގެ އިތުރުން 5 އިންސައްތައިގެ ރިއަލް އެސްޓޭޓް ޓްރާންސެކްޝަން ޓެކްސް ނަގަމުން ގެންދެއެވެ.

މީގެ އިތުރުން، ބިމާއި އިމާރާތްތަކުގެ އަގު އޮޅުވާލައި ދައުލަތަށް ލިބެންޖެހޭ ފީއަށް އުނިކަން އައުން ހުއްޓުވުމަށްޓަކައި، ކޮންމެ އަގުކުރުމެއް ވެސް ހަދަންޖެހޭނީ ދައުލަތުން ލައިސަންސް ދޫކޮށްފައިވާ ޕްރޮފެޝަނަލް ވެލުއަރެއް މެދުވެރިކޮށް ކަމަށް ބިލުގައި ވަނީ ކަނޑައަޅާފައެވެ.

މި ނިޒާމުގެ ހަޤީޤީ ފައިދާ ސާފުވަނީ ވަކިވަކި ޔުނިޓުތަކުގެ ވިޔަފާރި ބަދަލުވަމުންދާ ގޮތަށް ބަލައިލުމުންނެވެ. މިސާލަކަށް، ރީތި މޫދެއް ފެންނަ ގޮތަށް ހުރި ޔުނިޓެއް ފުރަތަމަ ފަހަރަށް 5،000،000 ރުފިޔާއަށް ލީސްކުރާ ހާލަތެއްގައި، ޤާނޫނުގައި ބަޔާންކުރާ 4 އިންސައްތައިގެ ރަޖިސްޓްރޭޝަން ފީގެ ގޮތުގައި އެކަނިވެސް ދައުލަތަށް 200،000 ރުފިޔާ ވަގުތުން ލިބިގެންދެއެވެ.

އަދި މީގެ އިތުރުން، އެތައް އަހަރެއް ފަހުން އެ ޔުނިޓުގެ ވެރިފަރާތުން ދެވަނަ ފަރާތަކަށް ހަމަ އެ އަގުގައި (5،000،000 ރުފިޔާއަށް) އެ ޔުނިޓު އަލުން ލީސްކޮށް، އޭގެ ފަހުން ތިންވަނަ ފަރާތަކަށް ވެސް އެ އަގުގައި މުއާމަލާތު ހިންގައިފިނަމަ، އެ ކޮންމެ މުއާމަލާތަކުން 200،000 ރުފިޔާގެ މަގުން ދައުލަތުގެ ޚަޒާނާއަށް ޖުމްލަ 400،000 ރުފިޔާ އަލުން ވަންނާނެއެވެ. އެހެންކަމުން، އެންމެ ޔުނިޓެއް ތިން ފަހަރު ބަދަލުވުމުން ވެސް، ޑިވެލޮޕަރު ދައްކާ ބިމުގެ ޕްރީމިއަމް ފައިސާގެ އިތުރުން، ހަމައެކަނި 4 އިންސައްތައިގެ ޓްރާންސްފަރ ފީގެ ގޮތުގައި ދައުލަތަށް ޖުމްލަ 600،000 ރުފިޔާ ތަކުރާރުކޮށް ލިބިގެންދާނެއެވެ. މި މޮޑެލްގެ ދަށުން އެތައް ހާސް ޔުނިޓެއް މާކެޓުގައި ދައުރުވާން ފެށުމުން، މިއީ ދައުލަތަށް ދާއިމީ އަދި ބޮޑު އާމްދަނީއެއް ކަށަވަރުކޮށްދޭނެ ވަރުގަދަ ވަސީލަތަކަށް ވެގެންދާނެއެވެ.

ރައްޔިތުންގެ މަޖިލީހުގައި މިހާރު ދިރާސާކުރަމުންދާ ރިއަލް އެސްޓޭޓް ވިޔަފާރީގެ ބިލަކީ ރާއްޖޭގެ ބިމާއި ޤުދުރަތީ ވަސީލަތްތަކުން އެންމެ މަތީ މަންފާ ޤައުމަށް ހޯދައިދިނުމަށް އެޅޭ ވަރަށް މުހިންމު ފިޔަވަޅެކެވެ. އިހުގެ ކުލީގެ އުސޫލުތަކުން ބޭރުވެ، ބިމުގެ ސިޔާދަތީ މިލްކުވެރިކަން ދައުލަތުގެ ބާރުގެ ދަށުގައި ދަމަހައްޓަމުން، ޒަމާނީ ރިއަލް އެސްޓޭޓް ޒޯންތަކެއް ތައާރުފުކުރުމަކީ ރާއްޖޭގެ އިޤްތިސާދު ސިންދަފާތުކޮށް ފުޅާކުރުމަށް ލިބޭނެ ވަރަށް ބޮޑު ބާރެކެވެ. މިއީ ދިވެހިރާއްޖޭގެ ޤުދުރަތީ ރީތިކަމުގެ އަގުން ލިބޭ މަންފާ ވަކިވަކި އަމިއްލަ ފަރާތްތަކަކަށް އެކަނި ހަނިވެފައި އޮތުމުގެ ބަދަލުގައި، މުޅި ދިވެހި ދައުލަތަށާއި ރައްޔިތުންނަށް އޭގެ ފައިދާ އެންމެ ފުރިހަމަ ގޮތުގައި ފޯރުކޮށްދިނުމަށް އެކަށައެޅޭ އުންމީދީ އަދި ދެމެހެއްޓެނިވި އިޤްތިސާދީ އައު މަގަކަށް ވާނެކަން ކަށަވަރެވެ.

މިއަދު އޮންލައިން