ބިދޭސީންގެ މައްސަލައަށް ދާއިމީ ހައްލެއް: ރައީސް ޑރ. މުއިއްޒުގެ ޒައާމަތުގައި ހޯދުނު ތާރީޚީ ކާމިޔާބީއެއް!

މިއަދު
ކިޔުމަށް ހޭދަވާނީ 4މ 26ސ
ބިދޭސީންގެ މައްސަލައަށް ދާއިމީ ހައްލެއް: ރައީސް ޑރ. މުއިއްޒުގެ ޒައާމަތުގައި ހޯދުނު ތާރީޚީ ކާމިޔާބީއެއް!

ދިވެހިރާއްޖޭގެ މިނިވަންކަމާއި ސިޔާދަތުގެ އިތުރުން އިޖުތިމާއީ އަދި އިޤްތިސާދީ އަމަންއަމާންކަމަށް ބުރޫއަރާ މިންވަރަށް ފުޅާވެފައި އޮތް ބޮޑެތި މައްސަލަތަކަށް ނިމުމެއް ގެނައުމަކީ ރައްޔިތުން އެތައް އަހަރެއް ވަންދެން ކުރަމުން އައި އުންމީދެކެވެ. 17 ނޮވެންބަރު 2023 ގައި ރާއްޖޭގެ ވެރިކަމާ ހަވާލުވެވަޑައިގެންނެވި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ޚާއްސަ އިސްކަމެއް ދެއްވީ ގޭންގު ކުށްތަކާއި މަސްތުވާތަކެތީގެ ނުރައްކަލުގެ އިތުރުން، ޒަމާންތަކެއް ވަންދެން ހައްލުނުވެ އޮތް ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަށް ދާއިމީ ހައްލެއް ހޯއްދަވައިދެއްވުމަށެވެ. މި ސަރުކާރުގެ ވޭތުވެދިޔަ މުއްދަތުގެ ތެރޭގައި މި ދާއިރާއިން ވަނީ މީގެ ކުރިން ދުވަހަކުވެސް ނުދެކޭ ފަދަ އަމަލީ އަދި ދެމެހެއްޓެނިވި ބޮޑެތި ކުރިއެރުންތަކެއް ހޯދާފައެވެ.

ބިދޭސީންގެ މައުލޫމާތު އެއްކުރުމާއި ބަޔޯމެޓްރިކްސް ނެގުން

މި ސަރުކާރު ވެރިކަމާ ހަވާލުވިއިރު، ރާއްޖޭގައި ދިރިއުޅެމުންދާ ބިދޭސީންގެ ސައްހަ އަދަދެއް ދައުލަތުގެ އެއްވެސް އިދާރާއަކަށް ސާފުކޮށް އެނގޭކަށް ނެތެވެ. އެކްސްޕެޓް ސިސްޓަމްގައި 295,678 އެކްޓިވް ވޯކް ޕާމިޓް ހުރި ކަމަށް ދެއްކި ނަމަވެސް، އެއީ ހަގީގަތާ އެއްގޮތް އަދަދެއް ނޫންކަން ފާހަގަކުރެވިގެން ކުރިއަށްގެންދިޔަ ހަރުދަނާ އޮޑިޓަށްފަހު އެ އަދަދު ވަނީ 240,695 އަށް ތަރުތީބު ކުރެވިފައެވެ.

މީގެ އިތުރުން "އޮޕަރޭޝަން ކުރަނގީ" ގެ ނަމުގައި ފެށުނު ފުޅާ އޮޕަރޭޝަނުގެ ދަށުން، ރާއްޖޭގައި މިވަގުތު ތިބިކަން ކަށަވަރުވާ ބިދޭސީންގެ 99 އިންސައްތަ މީހުންގެ ދިހަ އިނގިލީގެ ނިޝާނާއި ބަޔޯމެޓްރިކް މައުލޫމާތު ނަގައި ސިސްޓަމަށް ވަނީ އަޅާފައެވެ. ދުނިޔޭގެ ނިސްބަތުންވެސް އެންމެ އެއް އިންސައްތަ ޤައުމަށް ނޫނީ ހާސިލު ނުކުރެވޭ ފަދަ މި ބޮޑު ކާމިޔާބީގެ ސަބަބުން، ޤައުމުގައި އުޅޭ ކޮންމެ ބިދޭސީއެއްގެ ވަނަވަރު ވަގުތުން ދެނެގަތުމުގެ ޤާބިލުކަން ދައުލަތުގެ ސަލާމަތީ ބާރުތަކަށް ވަނީ ލިބިފައެވެ. މިހާރު ފެށިފައިވާ މި އޮޕަރޭޝަންގެ ތިންވަނަ ފިޔަވަހީގެ ދަށުން، ބަޔޯމެޓްރިކްސް ފުރިހަމަނުކޮށް އަދި ގަވާއިދަށް ނުފެތޭ މީހުން ދެނެގަނެ، އެފަރާތްތައް ފޮނުވާލުމުގެ އިތުރުން ރާއްޖޭގައި ނޫޅޭކަމަށް ބެލެވޭ ފަރާތްތަކުގެ ޕާމިޓުތައް ބޭރުގެ ޤައުމުތަކާ ގުޅިގެން އޮޑިޓްކުރުމުގެ މަސައްކަތް ދަނީ ހިނގަމުންނެވެ.

ޤާނޫނު ތަންފީޒުކުރުން

ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ހޯދުމަށް މޯލްޑިވްސް އިމިގްރޭޝަނާއި ފުލުހުން ގުޅިގެން ހިންގި 449 ރެއިޑް އޮޕަރޭޝަނެއްގެ ތެރެއިން، ގަވާއިދާ ޚިލާފަށް އުޅެމުންދިޔަ އަދި ޤާނޫނާ ޚިލާފު ވިޔަފާރިތަކުގައި އުޅުނު 13،000 އެއްހާ ބިދޭސީން ވަނީ ޑީޕޯޓްކޮށް އަނބުރާ އެމީހުންގެ ޤައުމުތަކަށް ފޮނުވާލާފައެވެ. މިއީ ވޭތުވެދިޔަ ފަސް އަހަރު ދުވަހުގެ ތެރޭގައި އަނބުރާ ފޮނުވާލެވުނު 2,649 މީހުންނާ އަޅާބަލާއިރު ތާރީޚީ ގޮތުންވެސް ފާހަގަކޮށްލެވޭ ބޮޑު ކުރިއެރުމެކެވެ.

ހަމައެއާއެކު، ޤާނޫނުގެ ތެރެއަށް ވަންނަން ބޭނުންވި ފަރާތްތަކަށް ސަރުކާރުން ހުޅުވާލި "ލީގަލައިޒޭޝަން" ޕްރޮގްރާމުގެ ދަށުން 20,774 އެޕްލިކޭޝަން ހޯމް މިނިސްޓްރީއަށް ލިބިފައިވާއިރު، ބިދޭސީންނާއި ގުޅޭ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި 17 ނޮވެމްބަރު 2023 އިން ފެށިގެން 6 ނޮވެމްބަރު 2026 އާ ދެމެދު ގަވާއިދާ ހިލާފަށް އުޅެމުން ދިޔަ ބިދޭސީން ލީގަލައިޒް ކުރުމުގެ މަސައްކަތުގެ ތެރެއިން 12،884 ބިދޭސީން ވަނީ ލީގަލައިޒް ކޮށްފައެވެ. އަދި ގަވާއިދަށް ފެތޭ 2,095 މީހަކަށް ވަނީ އަލުން ވޯކް ޕާމިޓް ދޫކޮށްފައިވެއެވެ. އޭގެ ކުރިން ލީގަލައިޒްކޮށްފައިވަނީ 2،649 ބިދޭސީންނެވެ. މި ފިޔަވަޅުތަކުގެ ސަބަބުން މަސައްކަތްތެރިންގެ މާކެޓަށް ބޮޑު ހަމަޖެހުމެއް އައިސްފައިވެއެވެ.

ދައުލަތަށް ލިބެންޖެހޭ ފައިސާ ހޯދުމާއި ވަޒީފާދޭ ފަރާތްތައް ޒިންމާދާރުކުރުވުން

އިހުމާލުވުމުގެ ސަބަބުން ބިދޭސީންގެ ފީތަކާއި ޖޫރިމަނާގެ ގޮތުގައި ދައުލަތަށް ނުލިބި 1.7 ބިލިއަން ރުފިޔާ އޮތް އޮތުމަކީ ބޮޑު މައްސަލައަކަށް ވީއިރު، މި ސަރުކާރުން އެޅި ހަރުދަނާ ފިޔަވަޅުތަކާއެކު އެ އަދަދު ވަނީ 565 މިލިއަން ރުފިޔާއަށް ތިރިކުރެވިފައިވާ ކަމަށް ސަރުކާރަށް 3 އަހަރު ފުރުނު މުނާސަބާއާއި ގުޅިގެން އެ ހޯމް މިނިސްޓްރީން އާންމު ކުރި ތަފްސާހިސާބުތަކުން ދައްކައެވެ.

ފައިސާ ނުދައްކާ ފަރާތްތަކުގެ ނަންތައް ހާމަކުރުމާއި، އެކްސްޕެޓް ސިސްޓަމުން ސަސްޕެންޑްކުރުން ފަދަ ފިޔަވަޅުތަކުގެ ތެރެއިން 13,987 ފަރާތެއް ސަސްޕެންޑްކުރެވުނެވެ. މީގެއިތުރުން ބިދޭސީން ގެނައުމަށްފަހު މަގުމައްޗަށް ދޫކޮށްލާ އަދި އިހުމާލުވާ ފަރާތްތައް، އިހުމާލުވާ ކޮންމެ މުވައްޒަފަކަށް 50,000 ރުފިޔާއިން ޖޫރިމަނާކުރުމުގެ އުސޫލުގެ ދަށުން އެތައް ފިޔަވަޅެއް ވަނީ އަޅާފައެވެ.

ހަމައެއާއެކު، ޤަވާއިދަށް ހުރުމަތްތެރިކޮށް ހިތާ ވިޔަފާރިތަކަށް ފަސޭހަކޮށްދިނުމުގެ ގޮތުން "ސިސްޓަމް ޓްރަސްޓެޑް އެމްޕްލޯޔާސް" ތައާރަފުކޮށް، 4,585 ފަރާތަކަށް ވަނީ ޚިދުމަތްތައް އަވަސްކޮށްދީފައެވެ. އަދި ބިދޭސީންގެ އިންސާނީ ހައްޤުތައް ހިމާޔަތްކުރުމަށްޓަކައި "މައިގްރަންޓް ވޯކަރސް ރިސޯސް ސެންޓަރު" އަދި "މައިގްރަންޓް ކަނެކްޓް ޕޯޓަލް" ޤާއިމުކޮށް، އެފަރާތްތަކަށް ދިމާވާ ދަތިތަކަށް ޤާނޫނީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ނިޒާމުވެސް ވަނީ ހަރުދަނާކޮށްފައެވެ. ދިވެހިރާއްޖޭގައި ބިދޭސީންގެ މައްސަލައަކީ ހަމައެކަނި ވާހަކައަކުން ނުވަތަ ވަގުތީ އުކުޅުތަކަކުން ހައްލުވާން އޮތް ކަމެއް ނޫންކަން މާޒީން ވަނީ ސާބިތުވެފައެވެ. މި ސަރުކާރުގެ ފުރަތަމަ ދުވަސްވަރުން ފެށިގެން މި މައްސަލައަށް ދެއްވި ހާއްސަ އިސްކަމާއި، ޓެކްނޮލޮޖީގެ ބޭނުން ހިފައިގެން އަޅުއްވަމުން ގެންދެވި ހަރުދަނާ ފިޔަވަޅުތަކުގެ ސަބަބުން، މިއަދު މިވަނީ ދިގު މުއްދަތަކަށް ދެމިގެންދާނެ އެދެވޭ ބަދަލުތަކެއް ފެންނަން ފަށާފައެވެ. މި މަސައްކަތްތަކަކީ ދިވެހި ޤައުމުގެ ސަލާމަތާއި، އިޤްތިސާދީ ދުޅަހެޔޮކަން ކަށަވަރުކުރުމަށްޓަކައި އެޅުނު ވަރަށް މުހިންމު އަދި ތާރީޚީ ބިންގަލެކެވެ.

 

މިއަދު އޮންލައިން