ދިވެހިރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ޖުމްލަ 150 މެގަވޮޓްގެ ސޯލާ ޕީ.ވީ އާއި ބެޓެރި އެނަރޖީ ސްޓޯރޭޖް އަދި ގްރިޑް އިންޓަގްރޭޝަން ހިމެނޭ ހައިބްރިޑް ނިޒާމުތަކެއް ޕަވަރ ޕަރޗޭސް އެގްރީމެންޓް (ޕީ.ޕީ.އޭ) އުސޫލުން ޤާއިމުކުރުމުގެ ފްރޭމްވަރކް އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
ސްޓެލްކޯ ހޯލުގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި މި އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނަރޖީ އާއި، ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އަދި ގޯޝެންގ އެނަރޖީ ކޮމްޕެނީ ލިމިޓެޑާ ދެމެދުގައެވެ.
ރާއްޖޭގައި ކަރަންޓު އުފެއްދުމަށް މައިގަނޑު ގޮތެއްގައި ބަރޯސާވަނީ އިމްޕޯޓްކުރާ ތެލަށް ކަމަށްވާއިރު، ތެލަށް ކުރާ ހޭދަ ޤައުމީ އުފެއްދުންތެރިކަމުގެ ނިސްބަތުން 10 އިންސައްތައަށް އަރައެވެ. މިކަމަށް ދެމެހެއްޓެނިވި ޙައްލެއް ހޯދުމުގެ ގޮތުން، 2028 ވަނަ އަހަރުގެ ނިޔަލަށް ރާއްޖޭގައި އުފައްދާ ކަރަންޓުގެ 33 އިންސައްތައަކީ އިޔާދަކުރަނިވި ހަކަތައަށް ހެދުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ އދ. ގެ މޫސުމަށް އަންނަ ބަދަލުތަކާ ބެހޭ މުޢާހަދާގެ 28 ވަނަ ކޮންފަރެންސް އޮފް ޕާރޓީސް (COP28) ގައި ވަޢުދުވެވަޑައިގެންފައެވެ. ސަރުކާރުން މިހާރު އަންނަނީ މި އަމާޒަށް ވާސިލުވުމަށްޓަކައި އިޔާދަކުރަނިވި ހަކަތައިގެ ބޮޑެތި މަޝްރޫޢުތަކެއް ތަންފީޛުކުރުމަށް ރާވަމުންނެވެ.
މިގޮތުން، 150 މެގަވޮޓްގެ މި ހައިބްރިޑް ނިޒާމު ކާމިޔާބުކަމާއެކު ޤާއިމުކުރެވުމުން، ސަރުކާރުން ކަނޑައަޅާފައިވާ 33 އިންސައްތައިގެ އަމާޒުގެ 60 އިންސައްތަ ޙާޞިލުކުރެވިގެންދާނެއެވެ.
މީގެ އިތުރުން، ކަރަންޓު އުފެއްދުމަށް ތެލަށް ކުރާ ޚަރަދާއި ދައުލަތުގެ ބަޖެޓުން ކަރަންޓު ސަބްސިޑީއަށް ހޭދަކުރާ މިންވަރުން އަހަރަކު ގާތްގަނޑަކަށް 1.2 ބިލިއަން ރުފިޔާ ސަލާމަތްކުރެވޭނެ ކަމަށް ވަނީ އަންދާޒާކުރެވިފައެވެ. މިއާއެކު، ޤައުމީ ތަރައްޤީގެ އެހެނިހެން މުހިންމު ދާއިރާތަކަށް އެ ފައިސާ ހޭދަކުރުމުގެ ފުރުޞަތު ސަރުކާރަށް ފަހިވެގެންދާނެއެވެ. ތިމާވެށީގެ ގޮތުން ބަލާއިރު، މި މަޝްރޫޢުގެ ސަބަބުން ޖައްވަށް ބޭރުކުރާ ވިހަ ގޭހުގެ ތެރެއިން އަހަރަކު ގާތްގަނޑަކަށް 198,283 ޓަނުގެ ކާބަންޑައިއޮކްސައިޑް (tCO2) މަދުކުރެވިގެންދާނެ ކަމަށް ވެސް މަޢުލޫމާތު ލިބެއެވެ.
ހަބަރު: ސަރުކާރު