ސޯޝަލް މީޑިއާގެ ވަސީލަތްތައް ބޭނުންކުރުމުގައި ވަކި އުމުރުފުރައެއްގެ ކުދިންނަށް ރެސްޓްރިކްޓް ކުރުމުގެ ސިޔާސަތެއް އެކުލަވާލީ ސޯޝަލް މީޑިއާ މެދުވެރިކޮށް ކުޑަކުދިންނަށް ކުރިމަތިވާ ނުރައްކާތަކުން ރައްކާތެރިކުރުމުގެ ގޮތުން ކަމަށް ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން މިއަދު ވިދާޅުވެއްޖެއެވެ.
މި އަހަރުގެ ޖޫން މަހުގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާ ވަނީ އޮންލައިން މާހައުލުގައި ތުއްތު ކުދިންނަށް ދިމާވާ ގްރޫމިން، ސައިބާ ބުލީން އަދި މިސްއިންފޮމޭޝަންގެ އިތުރުން އުމުރާ ނުގުޅޭ ކަންކަމަށް ކުދިން ހުށަހެޅުމުން ރައްކާތެރިކުރުމަށްޓަކައި ފިޔަވަޅުތައް އަޅުއްވާނެ ކަމަށް ވިދާޅުވެފައެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ވަޒީރު ވިދާޅުވީ ސޯޝަލް މީޑިއާގެ ވަސީލަތްތައް ވަކި އުމުރުފުރައެއްގެ ކުދިންނަށް ރެސްޓްރިކްޓް ކުރުމުގެ ސިޔާސަތެއް އެކުލަވާލީ އިންޓަނެޓާއި ސޯޝަލް މީޑިއާ މެދުވެރިކޮށް ކުޑަކުދިންނަށް ކުރިމަތިވާ ނުރައްކާތަކުން އެ ކުދިން ރައްކާތެރިކުރުމުގެ ގޮތުން ކަމަށެވެ.
އަދި މި ސިޔާސަތުގެ ސަބަބުން މުޅިި ސޯޝަލް މީޑިއާ ބޭން ނުކުރެވޭނެ ކަމަށާއި، ރެސްޓްރިކްޓު ކުރެވޭނީ ވަކިވަކި އެޕްތަކާއި އަދި ވެބްސައިޓުތަކެއް ކަމަށް ވަޒީރު އިޙްސާން ވިދާޅުވިއެވެ.
މިކަންކަމަށް ހައްލު ހޯދުމަށްޓަކައި ސޯޝަލް ކައުންސިލްގެ މަޝްވަރާ އާއި ލަފައަށް އެދި ޕޭޕަރެއް އިއްޔެ ހުށަހަޅާފައިވާކަން ފާހަގަކުރައްވާ ވަޒީރު ވިދާޅުވީ މިކަމުގައި ކުރިއަށްދާނީ ސޯޝަލް ކައުންސިލްގެ ލަފާ ލިބުމުން، މަދަނީ ޖަމްޢިއްޔާތަކާއި ކަމާގުޅޭ އެހެނިހެން ފަރާތްތަކުގެ މަޝްވަރާ ހޯދައިގެން ކަމަށެވެ.
މީގެ އިތުރުން އާންމު ރައްޔިތުންގެ ޚިޔާލާއި މަޝްވަރާވެސް ހޯދައިގެން މިކަމުގަ ކުރިއަށްދާނީ. އަދި ސިޔާސަތެއް ގާއިމްކޮށް އެސިޔާސަތާ އެއްގޮތަށް ކެބިނެޓަށް ލަފައެއް ހޯދުމަށްޓަކައި ހުށަހެޅުން އެއީ މިހާރު މަސައްކަތްތައް ރޭވިފައިވާ ގޮތަކީ. ވަޒީރު
ވަޒީރު ވަނީ ދުނިޔޭގެ އެހެން ޤައުމުތަކުގައި މިފަދަ ކަންކަން މެނޭޖްކުރާ ގޮތްތަކަށްވެސް އަލިއަޅުއްވާލެއްވިކަން ފާހަގަކުރައްވާފައެވެ.
އެގޮތުން އޮސްޓްރޭލިއާ، ފްރާންސް، ނޯވޭ، އިނގިރޭސިވިލާތް، އެމެރިކާގެ ފްލޮރިޑާ ސްޓޭޓު އަދި ޔޫއޭއީގައިވެސް މިފަދަ ފިޔަވަޅުތައް އަޅާފައިވާކަން ވަޒީރު ފާހަގަކުރެއްވިއެވެ.
ރާއްޖެ ޑިޖިޓަލައިޒޭޝަނާ ދިމާލަށް ދާއިރު ޚާއްސަކޮށް "މޯލްޑިވްސް 2.0"ސިޔާސަތުތައް އަޅުގަނޑުމެން ތަންފީޒުކުރަމުންދާއިރު އުމުރުން 10 އަހަރުން މަތީގެ ކުޑަކުދިންނަށްވެސް އަޅުގަނޑުމެން މިބަލަނީ އީފާސް މެދުވެރިކޮށް ބައެއް ކަހަލަ ޚިދުމަތްތަކަށް އެކްސެސްވެ އަދި ތައުލީމީ ބޭނުންތަކަށް ބޭނުންކުރާ އެކި ޕްލެޓްފޯމްތަކާއި ސިއްޚީ މައުލޫމާތުތައް ހުށަހަޅާ ޕްލެޓްފޯމްތަކާއި އަދި ކުދިންގެ ތަރައްޤީއަށް ބޭނުންވާ މުހިންމު ޑިޖިޓަލްތަކަށް ބަރާބަރަށް އެކްސެސް އޮވެފަ، އެހެންނަމަވެސް މިދެންނެވި ކުދިން އެކްސްޕްލޮއިޓް ކުރުމާއި ބުލީކުރުން ފަދަ ގެއްލުންހުރި މައުލޫމާތުތައް އެކްޕޯސްވާ ކަހަލަ ކަންކަމަށް އެކުދިން ހުށަހެޅޭ ސޯޝަލް މީޑިއާ މާހައުލުން އެ ކުދިން ރައްކާތެރިކުރެވޭނެ ގޮތެއް ހޯދޭނީ ކިހިނެއްތޯ. މިކަންކަމަށް ދިރާސާކޮށް އެކަންކަމަށް ހައްލު ހޯދުމުގެ މަސައްކަތް އަޅުގަނޑުމެން މިކުރަނީ. ވަޒީރު
ވަޒީރު ވިދާޅުވީ ޓެކްނިކަލް ޓީމުތަކުން މިހާތަނަށް ދިރާސާކޮށް ބެލިބެލުމުން މިފަދަ ރެސްޓްރިކްޝަންތައް ގެނައުމަށް އެންމެ އެކަށޭނަ އުމުރަކީ 16 އަހަރު ކަމަށް ރެކޮމެންޑޭޝަން ދީފައިވާ ކަމަށެވެ.
އެހެންނަމަވެސް ކެބިނެޓުން ވަކި ގޮތެއް ނިންމުމުގެ ކުރިން މިކަމާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާތައް ކުރިއަށްގެންދަވާނެ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.