140 އަށް ވުރެ ގިނަ މަޝްރޫޢު ހިންގަމުންދާއިރު، އަންނަ އަހަރު އިސްކަންދޭނީ މަސައްކަތްތައް ނިންމުމަށް: ވަޒީރު

މިއަދު
ކިޔުމަށް ހޭދަވާނީ 2މ 16ސ
140 އަށް ވުރެ ގިނަ މަޝްރޫޢު ހިންގަމުންދާއިރު، އަންނަ އަހަރު އިސްކަންދޭނީ މަސައްކަތްތައް ނިންމުމަށް: ވަޒީރު

އިސްލާމީ ދާއިރާއިން މިހާރު ފަށާފައިވާ މަޝްރޫޢުތައް ނިންމުމަށް އަންނަ އަހަރު ޚާއްޞަ އިސްކަމެއް ދެއްވާނެ ކަމަށް އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވެއްޖެއެވެ. ވަޒީރު މިކަން ހާމަކުރެއްވީ ސަރުކާރުގެ ތިން އަހަރުގެ ކާމިޔާބީތައް ގެނެސްދިނުމަށް ދައުލަތުގެ މީޑިއާއިން ގެނެސްދޭ "ހަފްތާ 156" ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ޑރ. ޝަހީމް ވިދާޅުވި ގޮތުގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އިސްލާމީ ދާއިރާގެ 140 އަށް ވުރެ ގިނަ މަޝްރޫޢުގެ ޢަމަލީ މަސައްކަތް މިހާރުވެސް ދަނީ ކުރިއަށެވެ. މީގެ ތެރޭގައި މާލެއާއި އަތޮޅުތަކުގައި ތަރައްޤީކުރާ ވަޤުފު އިމާރާތްތަކާއި އައު މިސްކިތްތައް ބިނާކުރުމުގެ އިތުރުން، ކީރިތި ޤުރުއާނާ ބެހޭ ޤައުމީ މަރުކަޒުގެ ގޮފިތައް ޤާއިމުކުރުމުގެ މަސައްކަތް ހިމެނެއެވެ. ވަޒީރު ފާހަގަކުރެއްވި ގޮތުގައި މިހާރުވެސް ހަތް ވަޤުފު އިމާރާތެއްގެ މަސައްކަތް ކުރިއަށްދާއިރު، ކުރިއަށް އޮތް ދެތިން އަހަރުގެ ތެރޭގައި އެ މަޝްރޫޢުތައް ނިމުމުން އިސްލާމީ ދާއިރާއަށް ބޮޑު ހެޔޮ ބަދަލެއް އަންނާނެއެވެ.

މިސްކިތްތައް ބިނާކުރުމަށް ދެއްވާ އަހައްމިޔަތު ފާހަގަކުރައްވައި ވަޒީރު ވިދާޅުވީ، ވުޒާރާގެ ބަޖެޓުންނާއި އެހެނިހެން ފަރާތްތަކުގެ އެހީތެރިކަމާއެކު ގިނަ މިސްކިތްތަކެއްގެ މަސައްކަތް ހިނގަމުންދާ ކަމަށެވެ. އޭގެ ތެރޭގައި 11 ވަރަކަށް އިސްލާމީ މަރުކަޒުގެ މަސައްކަތް ހިމެނޭއިރު، އެންމެ ގިނައީ ރަށްރަށުގައި އަޅާ މިސްކިތްތަކެވެ. އަދި ސަރުކާރުގެ އަމާޒަކީ ރައްޔިތުން އެދޭ ކޮންމެ ރަށެއްގައިވެސް ޒަމާނީ ފެންވަރުގެ މިސްކިތެއް ބިނާކުރުން ކަމަށް ވިދާޅުވިއެވެ.

އަންނަ އަހަރުގެ ތަޞައްވުރާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ޑރ. ޝަހީމް ވިދާޅުވީ، އަންނަ އަހަރު އެންމެ ބޮޑު އިސްކަމެއް ދެއްވާނީ މިހާރު ފަށާފައިވާ މަޝްރޫޢުތައް ނިންމުމަށް ކަމަށެވެ. އަދި ވުޒާރާގެ ދަށުގައި ހުރި ފަންޑުތައް އިތުރަށް ހަރުދަނާކޮށް، ކުރިއަށް އޮތް ދެ އަހަރު ފަހުން މުވައްޒަފުންގެ މުސާރަ ފިޔަވައި އެހެނިހެން ޚަރަދުތައް އެ ފަންޑުތަކުން ހިންގޭނެ ނިޒާމަކަށް ބަދަލުކުރުމަށް މަސައްކަތް ކުރައްވާނެ ކަމަށްވެސް ވިދާޅުވިއެވެ.

މީގެ އިތުރުން، ކުރިއަށް އޮތް ދެ އަހަރެއްހާ ދުވަހުގެ ތެރޭގައި ގިނަ އަދަދެއްގެ މިސްކިތްތައް ހުޅުވޭނެކަން ފާހަގަކުރައްވައި ވަޒީރު ވިދާޅުވީ، މިދިޔަ އަހަރުގެ ރަމަޟާން މަހެކޭ އެއްގޮތަށް އަންނަ ރަމަޟާން މަހަށްވެސް 14 ވަރަކަށް މިސްކިތް ނިންމުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި މާލެ ސަރަޙައްދުގައި މިހާރު ހުރި ވަގުތީ މިސްކިތްތަކުގެ ބަދަލުގައި ދާއިމީ އައު މިސްކިތްތައް ބިނާކުރުމަށް ބޭނުންވާ އެހީތައް ހޯދައި، އެ މަސައްކަތްތައް ކުރިއަށް ގެންދިއުމަށްވެސް އިސްކަން ދެއްވާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.

މިއަދު އޮންލައިން