ހަތަރު ޒޯނަކަށް ބަހާލައިގެން 158 ބައިވެރިންނާއެކު "ވަރަ އެކްސްޕޯ 2026" މާދަމާ ފަށަނީ

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 34ސ
ހަތަރު ޒޯނަކަށް ބަހާލައިގެން 158 ބައިވެރިންނާއެކު "ވަރަ އެކްސްޕޯ 2026" މާދަމާ ފަށަނީ

ރާއްޖޭގައި ބާއްވާ ވަޒީފާއާއި ހުނަރުގެ އެންމެ ބިޔަ ހަރަކާތް ކަމަށްވާ "ވަރަ އެކްސްޕޯ 2026" މައިގަނޑު ހަތަރު ޒޯނަކަށް ބަހާލައިގެން، ޖުމްލަ 158 އެގްޒިބިޓަރުންނާއެކު މާދަމާ ފެށުމަށް ތައްޔާރުވެއްޖެއެވެ.

ބޮޑެތި ޕާޓްނަރުންނާއެކު ކުރިއަށް ގެންދާ މި އެކްސްޕޯ އޮންނާނީ މި މަހުގެ 26 އިން 28 އަށް ހުޅުމާލޭ ސެންޓްރަލް ޕާކުގައެވެ. މިއީ ދިވެހި ޒުވާނުންގެ ހުނަރުވެރިކަން ކުރިއަރުވައި، ވަޒީފާގެ ބާޒާރަށް އަހުލުވެރިކުރުވުމުގެ މަޤްޞަދުގައި އިންތިޒާމުކޮށްގެން ބާއްވާ ޚާއްޞަ ހަރަކާތެކެވެ.

މި އެކްސްޕޯ މައިގަނޑު ހަތަރު ޒޯނަކަށް ބަހާލާފައިވާއިރު، އޭގެ ތެރޭގައި ހިމެނެނީ:

- ކެރިއަރ ޒޯން: 34 ބައިވެރިން

- އެޑިއުކޭޝަން ޒޯން: 32 ބައިވެރިން

- ހުނަރުވެރިކަމުގެ ތަޖުރިބާ ޒޯން: 19 ބައިވެރިން

- މާކެޓް ޒޯން: 73 ބައިވެރިން

މި އެކްސްޕޯއާ ގުޅޭގޮތުން ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާ ބެހޭ ވުޒާރާއިން ވިދާޅުވީ، މިއީ ތަޢުލީމީ މަރުޙަލާ ނިންމައި މަސައްކަތުގެ މައިދާނަށް ނުކުންނަ ޒުވާނުންނަށާއި، ވަޒީފާގެ އައު ފުރުޞަތުތައް ހޯދަން އެދޭ ފަރާތްތަކަށް ބޭނުންތެރި މަޢުލޫމާތާއި މަގުދެއްކުން ލިބިގެންދާނެ މުހިންމު މަންސައެއް ކަމަށެވެ. އަދި މިއީ ސަރުކާރުގެ ވުޒާރާތަކާއި، ދައުލަތުގެ މުއައްސަސާތަކާއި އަމިއްލަ ވިޔަފާރިތައް ގުޅިގެން، ރާއްޖޭގެ ވަޒީފާގެ ބާޒާރުގައި ހުރި ފުރުޞަތުތަކާއި، ބޭނުންވާ މުހިންމު ހުނަރުތައް އަދި އުފެއްދުންތެރިކަން ދައްކާލުމަށް ރާއްޖޭގައި ބާއްވާ މިފަދަ އެންމެ ބޮޑު ހަރަކާތް ކަމަށް ވެސް އެ ވުޒާރާއިން ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން، މި އެކްސްޕޯގެ ސަބަބުން ވަޒީފާ ފަހިކޮށްދޭ ފަރާތްތަކާއި މަސައްކަތުގެ މައިދާނަށް ނުކުންނަން ތައްޔާރުވާ ފަރާތްތައް އެއް ފުރާޅެއްގެ ދަށުން ބައްދަލުވެ، ވަޒީފާގެ މާހައުލާ ގުޅޭ އަގުހުރި މަޢުލޫމާތުތައް ބަދަލުކުރުމުގެ ފަހި ފުރުޞަތު ތަނަވަސްވެގެންދާނެ ކަމަށް ވެސް އެ ވުޒާރާއިން ވިދާޅުވިއެވެ.

މިއަދު އޮންލައިން