މާލޭ ވިޔަފާރި ބަނދަރުގެ ތޮއްޖެހުން ލުއިކޮށް، މުދާ ލިބުމުގައި ވިޔަފާރިވެރިންނަށް ދިމާވާ ދަތިތަކަށް އަވަސް ހައްލެއް ހޯދައިދިނުމުގެ ގޮތުން ކ. ތިލަފުށީގައި މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ވަގުތީ އޮޕަރޭޝަނެއް ރަސްމީކޮށް އިފުތިތާހުކޮށްފިއެވެ. މި އޮޕަރޭޝަނަކީ ބަނދަރުގެ ޖާގައިގެ ދަތިކަމަށް ލުޔެއް ގެނައުމަށް އެޅި މުހިންމު ފިޔަވަޅެކެވެ.
ދައުލަތުގެ މީޑިއާއަށް މައުލޫމާތު ދެއްވަމުން އެމްޕީއެލްގެ ޑެޕިއުޓީ ސީއީއޯ އަލީ ހާޝިމް ވިދާޅުވީ، މާލޭ ޕޯޓުގެ ކީވޯލްގައި އޮންނަނީ 101 މީޓަރު ކަމަށްވާތީ އެއްފަހަރާ ކައިރިކުރެވެނީ އެންމެ ބޯޓަކަށް ކަމަށެވެ. އަދި ސްރީލަންކާއިން ގިނަ އަދަދަކަށް ކާގޯ އައުމާ ގުޅިގެން މާލޭ ބަނދަރުގައި ގިނަ އަދަދެއްގެ ބޯޓުފަހަރު ކިއޫގައި މަޑުކުރަން ޖެހިފައިވާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
ތިލަފުށީގައި ފެށި މި އޮޕަރޭޝަނާ ގުޅޭގޮތުން ހާޝިމް ވިދާޅުވީ، މުދާ އުފުލާ ކޮންޓެއިނަރުތައް އެ ރަށަށް ބޭލި ނަމަވެސް އެތަނުން އަދި ކްލިއަރެންސްގެ ޚިދުމަތް ނުދޭނެ ކަމަށެވެ. އެގޮތުން ތިލަފުއްޓަށް ބާލާ މުދާ ކްލިއާ ކުރުމަށްޓަކައި ބާޖު އަދި ކޮޅުވެއްޓި ފަދަ އުޅަނދުފަހަރުގައި މާލެއަށް ނުވަތަ ހުޅުމާލޭ ޕޯޓަށް ޓްރާންސްފަރ ކުރާނެ ކަމަށާއި، މުދާ ދޫކުރުމުގެ މަރުހަލާ ކުރިއަށްދާނީ ކުރިއެކޭވެސް އެއްގޮތަށް މާލޭ ނުވަތަ ހުޅުމާލޭ ޕޯޓުން ކަމަށް ވިދާޅުވިއެވެ.
"ހަމައެކަނި ލޯޑްކޮށްފައި ހުރި ކޮންޓެއިނަރ މި ކޮޅަށް ޑިސްޗާޖު ކުރާނީ. މި ތަނުން ކްލިއަރެންސެއް އަދި ނުހިނގާނެ. ކާގޯ ކްލިއަރ ކުރަންވީމާ މާލެއަށް ބާޖުގައި ނޫނިއްޔާ ކޮޅުވެއްޓީގައި ޓްރާންސްޕޯޓު ކުރާނީ. ޓްރާންސްފާކޮށްފައި މާލެ ނޫނިއްޔާ ހުޅުމާލޭ ޕޯޓުން ކްލިއަރ ކުރާނީ. އެ ހަމަ ކުރީގައިވެސް އޮންނަ ގޮތަށް ކްލިއަރެންސް،" ހާޝިމް ވިދާޅުވިއެވެ.
މި އޮޕަރޭޝަނުގެ ސަބަބުން ބޯޓުފަހަރު ރާއްޖޭގައި މަޑުކުރަންޖެހޭ މުއްދަތު ދެބައިކުޅަ އެއްބަޔަށް ކުޑަވެގެންދާނެ ކަމަށް އެމްޕީއެލުން ލަފާކުރެއެވެ. އާންމުކޮށް 500 އާއި 600 އާ ދެމެދުގެ އަދަދަކަށް ކޮންޓެއިނަރު ހިފައިގެން އަންނަ ބޯޓެއް ކިއޫގައި އޮންނަ މުއްދަތާއެކު މުދާ ހުސްކުރުމަށް 7 ދުވަހާއި 8 ދުވަސް ހޭދަވި ނަމަވެސް، ތިލަފުށީގެ އޮޕަރޭޝަނާއެކު ގާތްގަނޑަކަށް 3 ދުވަހުގެ ތެރޭގައި މުދާ އެއްކޮށް ހުސްކޮށްލެވޭނެއެވެ.
އެގޮތުން ރޭ ތިލަފުށީ ބަނދަރަށް ކައިރިކުރި "ގެލީނާ" ބޯޓުގައި ހުރި 520 ކޮންޓެއިނަރު ހުސްކޮށް، ކުރިއަށް އޮތް ދެ ދުވަހުގެ ތެރޭގައި އަނބުރާ ފުރޭނެ ކަމަށް ލަފާކުރެވޭ ކަމަށްވެސް އެ ކުންފުނިން ވަނީ ހާމަކޮށްފައެވެ.