55 މެންބަރުންގެ ވޯޓާއެކު އަލީ ސަމީރު ސުޕްރީމް ކޯޓަށް އައްޔަންކުރަން ފާސްކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 7ސ
55 މެންބަރުންގެ ވޯޓާއެކު އަލީ ސަމީރު ސުޕްރީމް ކޯޓަށް އައްޔަންކުރަން ފާސްކޮށްފި

ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުގެ މަގާމަށް، ހައި ކޯޓުގެ ކުރީގެ ފަނޑިޔާރު އަލީ ސަމީރު އައްޔަންކުރުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ. ސަމީރު އެ މަގާމަށް އައްޔަންކުރުމަށް ފާސްކޮށްފައިވަނީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ ތެރެއިން 55 މެންބަރުންގެ އަޣުލަބިއްޔަތުންނެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުގެ މަގާމަށް ސަމީރު އައްޔަންކުރުމާމެދު ގޮތެއް ނިންމަވައިދެއްވުން އެދިވަޑައިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މަޖިލީހަށް އޭނާގެ ނަންފުޅު ފޮނުއްވާފައިވަނީ މިމަހުގެ 18 ވަނަ ދުވަހުއެވެ. މި މައްސަލަ ދިރާސާކުރުމަށްފަހު، ސަމީރު އެ މަގާމަށް އައްޔަންކުރުމަށް ރުހުން އޮތްކަމަށް ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން ފާސްކޮށްފައިވަނީވެސް ނޮވެމްބަރު 18 ވަނަ ދުވަހު ބޭއްވި އެ ކޮމިޓީގެ ބައްދަލުވުމުގައެވެ.

އަލީ ސަމީރަކީ ޝަރުޢީ އަދި ޤާނޫނީ ދާއިރާގައި ގިނަ ދުވަސްތަކެއް ވަންދެން ޚިދުމަތް ކުރައްވާފައިވާ ތަޖުރިބާކާރު ބޭފުޅެކެވެ. އެގޮތުން 12 މެއި 2022 އިން ފެށިގެން 28 އޮކްޓޫބަރު 2024 ގެ ނިޔަލަށް ޕްރޮސިކިއުޓަރ ޖެނެރަލް (ޕީޖީ) އޮފީހުގެ ޑެޕިއުޓީ ޕްރޮސިކިއުޓަރ ޖެނެރަލްގެ މަގާމު އޭނާ ވަނީ އަދާކުރައްވާފައެވެ.

މީގެ އިތުރުން، މާޗު 2011 އިން މެއި 2022 އާ ހަމައަށް 11 އަހަރަށްވުރެ ދިގު މުއްދަތެއްގައި ހައި ކޯޓުގެ ފަނޑިޔާރުކަމުގެ މަގާމުވެސް ސަމީރު ވަނީ ފުރުއްވާފައެވެ.

މިއަދު އޮންލައިން