މެރިޓައިމް ސެކިއުރިޓީ އާއި ކުށް ހުއްޓުވުމަށް ސީއެސްސީގެ ބައްދަލުވުމުން ބާރު ލިބޭނެ: ލަތީފް

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 57ސ
މެރިޓައިމް ސެކިއުރިޓީ އާއި ކުށް ހުއްޓުވުމަށް ސީއެސްސީގެ ބައްދަލުވުމުން ބާރު ލިބޭނެ: ލަތީފް

ކޮލަމްބޯ ސެކިއުރިޓީ ކޮންކްލޭވް (ސީއެސްސީ) ގެ ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރުންގެ ބައްދަލުވުން ރާއްޖޭގައި ބޭއްވުމަކީ، މެރިޓައިމް ސެކިއުރިޓީ ވަރުގަދަކުރުމަށާއި ރާވައިގެން ހިންގާ ކުށްތައް ހުއްޓުވުމަށް ލިބޭ މުހިންމު ބާރަކަށް ވާނެ ކަމަށް ދިވެހިރާއްޖޭގެ ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރ އިބްރާހީމް ލަތީފް ވިދާޅުވެއްޖެއެވެ.

ވިލާ ނޯޓިކާގައި މިއަދު ފެށުނު 8 ވަނަ ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރުންގެ ބައްދަލުވުމުގެ ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ލަތީފް ވަނީ، އިންޑިއާ ކަނޑުގެ ސަލާމަތާއި ރައްކާތެރިކަމަށް މަސައްކަތްކުރާ 6 ޤައުމުގެ މި ޖަމްޢިއްޔާގެ އަސާސްތަކުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ. އެގޮތުން ރާއްޖެ ފަދަ ކުދި ޖަޒީރާ ޤައުމުތަކަށް މެރިޓައިމް ދާއިރާގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމުގެ މުހިންމުކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. މީގެ އިތުރުން ބައިނަލްއަޤްވާމީ ފެންވަރުގައި ރާވައިގެން ހިންގާ ކުށްތައް ހުއްޓުވުމާއި ކާރިސީ ހާލަތްތަކުގައި ޤައުމުތަކުގެ މެދުގައި އެއްބާރުލުން ދިނުމަކީވެސް ސީއެސްސީގެ މައިގަނޑު އަސާސްތަކެއްކަން ލަތީފް ފާހަގަކުރެއްވިއެވެ.

ރާއްޖޭގެ ސަލާމަތީ އިދާރާތަކުގެ ޤާބިލުކަން އިތުރުކުރުމާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ލަތީފް ވިދާޅުވީ، "މީގަ އެންމެ މުހިންމު ކަމަކަށް މިވަނީ ޚާއްސަކޮށް ރާއްޖެ ކަހަލަ، ކުޑަޤައުމަކަށް އަޅުގަނޑުމެންގެ އޭޖެންސީތައް ބާރުވެރިކޮށް ތަމްރީނުކުރުމަށް ވަރަށް ބޮޑު އެހީތެރިކަމެއް ލިބޭ. އަޅުގަނޑުމެންގެ އެ ކެޕޭސިޓީ އަދިއެއް ނެތް. އެހެންނަމަވެސް އިދާރާތަކުގެ ޤާބިލްކަން ވީހާވެސް ވަރަކަށް، މިނިވަންކޮށް ބާރުވެރިކޮށް ވަރުގަދަކުރުމު މަސައްކަތްތައްވެސް ކުރިއަށް އެބަދޭ، މިކަމުގެ ސަބަބުން އެކަމަށްވެސް އެހީތެރިކަން ލިބިގެންދާނެ،" ކަމަށެވެ.

މީގެ އިތުރުން، ސީއެސްސީގެ މަސައްކަތްތަކަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ 'މޯލްޑިވްސް ފަސްޓް' ޚާރިޖީ ސިޔާސަތާވެސް ސީދާ ގުޅިފައިވާ މަސައްކަތްތަކެއް ކަމަށް ލަތީފް ފާހަގަކުރެއްވިއެވެ.

ސީއެސްސީގެ އެންމެ މައި ބައްދަލުވުން ކަމަށްވާ ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރުންގެ 8 ވަނަ ބައްދަލުވުން ހުޅުވުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ދިފާޢީ ވަތަނީ ޚިދުމަތްތަކާ ބެހޭ ވަޒީރު ޙަސަން ރަޝީދެވެ. މި ރަސްމިއްޔާތުގައި ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާ ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާންގެ އިތުރުން ސަލާމަތީ ދާއިރާގެ އިސް އޮފިޝަލުން ބައިވެރިވެވަޑައިގެންނެވިއެވެ.

މިއަދު އޮންލައިން