މިއަހަރު ބާއްވާ ވަރަ އެކްސްޕޯގައި ސަޢުދީ ޢަރަބިއްޔާއިން ބައިވެރިވެ، އެ ޤައުމުގައި ހުރި ތަޢުލީމީ ފުރުސަތުތަކާއި "ވިޝަން 2030" ގެ ދަށުން ހޯދާފައިވާ ބޮޑެތި ކުރިއެރުންތައް ދައްކާލަން ނިންމައިފިއެވެ.
ދިވެހިރާއްޖޭގައި ހުންނަ ސަޢުދީ ޢަރަބިއްޔާގެ އެމްބަސީން ނެރުނު ބަޔާނެއްގައި ހާމަކޮށްފައިވާ ގޮތުގައި، މި އެކްސްޕޯގައި އެ ޤައުމުން ބައިވެރިވުމަކީ ރާއްޖެއާއި ސަޢުދީއާ ދެމެދު އޮތް ގުޅުން އިތުރަށް ބަދަހިކުރުމަށް ލިބިގެންދާ މުހިންމު ބާރެކެވެ. މިއާއެކު، ސަޢުދީން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޔަޙްޔާ ޙަސަން އަލްޤަޙްތާނީ ވަނީ ދިވެހި ރައްޔިތުންނަށާއި، ޚާއްޞަކޮށް ދަރިވަރުންނާއި ބެލެނިވެރިންނަށް އެކްސްޕޯގައި ހުންނަ ސަޢުދީގެ ސްޓޯލަށް ޒިޔާރަތްކުރުމަށް ދަޢުވަތު އަރުވާފައެވެ.
މި އެކްސްޕޯގެ އެޑިއުކޭޝަން ޒޯނުގައި ޤާއިމުކުރާ ސަޢުދީ ސްޓޯލުން އެ ޤައުމުގެ މަޝްހޫރު ޔުނިވަރސިޓީތަކާ ގުޅޭ މަޢުލޫމާތާއި، ބައިނަލްއަޤްވާމީ ދަރިވަރުންނަށް ޚާއްޞަ ސްކޮލަރޝިޕް ފުރުސަތުތަކުގެ ތަފްޞީލު ފޯރުކޮށްދޭނެއެވެ. "ސްޓަޑީ އިން ސަޢުދީ" އިނީޝިއޭޓިވްގެ ދަށުން ކުރިއަށްގެންދާ މި ހަރަކާތުގެ ތެރެއިން، ތަފާތު ތަޢުލީމީ ޕްރޮގްރާމްތަކާއި އެ ޤައުމަށް ކިޔަވަން ދިއުމުގައި ޢަމަލުކުރަންޖެހޭ މަރުޙަލާތަކުގެ މަޢުލޫމާތުވެސް ލިބެން ހުންނާނެ ކަމަށް އެމްބަސީން ބުނެއެވެ.
ސަޢުދީ އެމްބަސީން އިތުރަށް ފާހަގަކުރި ގޮތުގައި، މި އެކްސްޕޯގައި ބައިވެރިވުމުން ހާމަވަނީ ދެ ޤައުމުގެ ދެމެދުގައި އޮތް ގާތް ގުޅުމުގެ އިތުރުން، ތަޢުލީމީ ދާއިރާއިން އިންސާނީ ވަސީލަތް ތަރައްޤީކުރުމަށާއި ޒުވާނުން ބާރުވެރިކުރުވުމަށް އެ ޤައުމުން ދޭ އަހައްމިއްޔަތުކަމެވެ.