ރައްޔިތުންނަށް ބޭނުންވާ އަސާސީ ޚިދުމަތްތައް ފޯރުކޮށްދިނުމަށްޓަކައި ސަރުކާރުން ރައްޔިތުންނަށް ކޮށްދޭން ޖެހިފައިވާ ކަންކަން ވަރަށް ގިނަ ކަމަށާއި އެކަންކަން ފުރިހަމަކުރުމަށް ވިޔަފާރިވެރިންގެ އެހީތެރިކަން ވަރަށް ބޮޑަށް ބޭނުންފުޅު ކަމަށް ރައީޞް އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.
ކ. ދިއްފުށީގައި އަލިފުޅު ތުއްތު ފައުންޑޭޝަނުން ޤާއިމުކުރި ފެނާއި ނަރުދަމާގެ ނިޒާމު އިފްތިތާޙްކުރުމަށް މިއަދު އެރަށުގައި ބޭއްވި ރަސްމިއްޔާތުގައި ރައީޞް އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވީ ސާފު ބޯފެނާއި ނަރުދަމާ ނިޒާމު ޤާއިމުކުރުމަކީ ތަފާތުކުރުމެއްނެތި ހުރިހާ ރައްޔިތުންނަށް ފޯރުކޮށްދޭންޖެހިފައިވާ ޚިދުމަތެއް ކަމަށެވެ.
"އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންގެ ވެރިކަމުގެ 5 އަހަރު ނިމޭއިރު ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ސާފު ބޯފެނާއި ނަރުދަމާގެ ޚިދުމަތް ލިބިގެންދާނެ. ރާއްޖޭގެ މިއަދުގެ ޙާލަތަކީ ފެނުގެ ޚިދުމަތް ލިބެނީ އެންމެ 34 ރަށަށް.
ނަރުދަމާގެ ނިޒާމު ޤާއިމުކުރެވިފައިވަނީ އެންމެ 66 ރަށުގަ. ރާއްޖެއަށް ލިބޭ އާމްދަނީ އާއި އަޅާބަލާއިރު ރައްޔިތުންނަށް ލިބޭ މިފަދަ އަސާސީ ޚިދުމަތްތައް ލިބިފައިވާ މިންވަރު މަދުކަން އަޅުގަނޑު ފާހަގަކުރަން. އެއީ މިކަން ވެގެންވާނެ ގޮތެއް ނޫން." ރައީޞް އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވީ އަންނަ އަހަރުގެ ބަޖެޓުގައި 102 މިލިއަން ޑޮލަރު ޚަރަދު ކުރައްވައިގެން 72 ރަށުގެ ނަރުދަމާ އާއި 56 ރަށުގެ ފެނުގެ ނިޒާމުގެ މަސައްކަތް ހިމަނުއްވާފައިވާނެ ކަމަށެވެ.
"އަޅުގަނޑުގެ އަމާޒަކީ ވެރިކަމުގެ 3 އަހަރު ނިމޭއިރު ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ބޭނުންވާ ފެނާއި ނަރުދަމާގެ މަސައްކަތް ފެށުން." ރައީޞް އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވީ މި މަސައްކަތް ކުރުމުގައި އަމިއްލަ ވިޔަފާރިވެރިންގެ އެހީތެރިކަން ބޭނުންވާނެ ކަމަށާއި ވިޔަފާރިވެރިން ތިބީ އެހީތެރިވާން ކަމަށެވެ.
އަދި ވިޔަފާރިވެރިންނަށް ބޭނުންވާ އެހީތެރިކަން ވެސް ސަރުކާރުން ފޯރުކޮށްދޭނެ ކަމަށާއި އެގޮތުން ޤާނޫނުގެ ތެރެއިން ވިޔަފާރިވެރިންނަށް ބޭނުންވާ އެމީހުންގެ އިންވެސްޓްމަންޓްތައް ހިމާޔަތް ކޮށްދެއްވާނެ ކަމަށާއި އަދި ކަންކަމުގައި ސަރުކާރުގެ އެހީތެރިކަންވެސް ފޯރުކޮށްދޭނެ ކަމަށެވެ. އަދި މިކަންކަން ފުރިހަމަކޮށްދީ ވިޔަފާރިތަކަށް ފަހި މާހައުލެއް ސަރުކާރުން ޤާއިމުކޮށްދޭނެ ކަމަށެވެ. ރައީޞް އިބްރާހީމް މުޙައްމަދު ޞާލިޙް ވަނީ މި މަޝްރޫއަށް އަލިފުޅު ތުއްތު ފައުންޑޭޝަނުން 61 މިލިއަން ރުފިޔާ ޚަރަދުކުރި ކަމާއި އެ ޖަމިއްޔާއަކީ ދަރިވަރުންގެ ތައުލީމަށާއި މިސްކިތް އެޅުން އަދި ސްކޫލްތަކަށް ބޭނުންވާ ވަސީލަތްތައް ފޯރުކޮށްދިނުމުގައި ވަރަށް ބޮޑަށް އެހީތެރިވެދެމުން އަންނަ ޖަމިއްޔާއެއްކަން ފާހަގަކުރައްވައި ޝުކުރު އަދާކުރައްވައިފައެވެ. ރައީޞް އިބްރާހީމް މުޙައްމަދު ޞާލިޙް މިއަދު ކ. ދިއްފުށްޓަށް ކުރެއްވެވި ދަތުރުފުޅަކީ އެމަނިކުފާނު ރާއްޖޭގެ ވެރިކަމާއި ޙަވާލުވެވަޑައިގަތުމަށްފަހު ރާއްޖެތެރޭގެ ރަށަކަށް ކުރެއްވެވި ފުރަތަމަ ދަތުރުފުޅެވެ.