ރާއްޖޭގައި ކޮރަޕްޝަން ޢާނމުވެފައިވާ މިންވަރުން ރައްޔިތަކު ކަމަކަށް ބޭނުންވެގެން ސަރުކާރުގެ އިދާރާއަކަށް ލާ ސިޓީއެއް ވެރިންނާއި ހަމައަށް ގެންދެވެނީވެސް ކޮރަޕްޝަނުގެ ތެރެއިން ކަމަށްވާ ހިސާބަށް ރާއްޖޭގައި ކޮރަޕްޝަން މިހާރު ވަނީ ޢާންމުވެފައި ކަމަށް މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ވިދާޅުވެއްޖެއެވެ.
މަޖިލީހުގައި ރޮޒައިނާ މިއަދު ވިދާޅުވީ މިފަދަ ކަންކަމުގެ ސަބަބުން ރައްޔިތުން އިންތިހާއަށް ކަންބޮޑުވާ ކަމަށާއި ކޮރަޕްޝަން ހުއްޓުވުމަށް އަލަން ޖެހޭ ފިޔަވަޅުތައް އެޅުން އަވަސްކުރަން ޖެހޭ ކަމަށެވެ. ރޮޒައިނާ ވިދާޅުވީ ވަކި އަހަރަކަށް ބެލުމެއް ނެތި ވައްކަމާއި ކޮރަޕްޝަނުގެ ހުރިހާ މައްސަލަތައްވެސް ބަލަން ޖެހޭ ކަމަށް ޤަބޫލުފުޅު ކުރައްވާ ކަމަށެވެ. ނަމަވެސް ފަހުގެ މައްސަލަތައް ބެލުން އަވަސްކުރަންޖެހޭ ކަމަށެވެ. ސަބަބެއް ކަމަށް ވިދާޅުވީ ފަހުގެ މައްސަލަތައް ބެލުން ފަސްކޮށްފިނަމަ މުޢާލާތް ކެނޑި މައްސަލަތައް ބަލަން އުނދަގޫތައް ކުރިމަތިވާނެތީ ކަމަށެވެ.