ރާއްޖެއިން ޗައިނާއަށް ދަރާއޮތް އަދަދު ކުރިން ލަފާކުރި އަދަދަށްވުރެ ކުޑަކަން ހާމަވެއްޖެއެވެ. ރައީސް ޔާމީނުގެ ސަރުކާރުން ނެގި ލޯނުތައް ސިއްރުކޮށފައި އޮތުމުން ކުރިން ބެލެވިފައި އޮތީ ޗައިނާއިން އެކަނި ވެސް 3 ބިލިއަނަށްވުރެ ގިނަ ޑޮލަރުގެ ލޯނު ނަގާފައިވާ ކަމަށެވެ.
މާލީ ވަޒީރު އިބްރާހީމް އަމީރު މިއަދު ވިދާޅުވީ ރާއްޖެއިން ޗައިނާއަށް ދަރާ އޮތް އަދަދަކީ 1.4 ބިލއަން ޑޮލަރުކަމަށެވެ. މި އަދަދަކީ ރާއްޖޭގެ ބޭރުގެ ދަރަނި ކަމަށްވާ 3.7 މިލިއަން ޑޮލަރުގެ ނިޞްބަތުން 38 އިންސައްތައެވެ.
ޗައިނާއިން ދޭން އެއްބަސްވެފައިވާ ލޯނުގެ ތެރެއިން މިހައިތަނަށް ނަގައި ބޭނުންކުރެވިފައިވަނީ 858 މިލިއަން ޑޮލަރު ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ. ޗައިނާއިން ސަރުކާރަށް ދޭން އެއްބަސްވެފައިވަނީ 700 މިލިއަން ޑޮލަރެވެ. ސަރުކާރުގެ ކުންފުނިތަކަށް 900 މިލިއަން ޑޮލަރުގެ ލޯނު ވަނީ ހަަމޖައްސައިދީފައެވެ.
އެއީ ހައުސިންގ މަޝްރޫޢުތަކަށާއި އެއާޕޯޓްގެ މަޝްރޫޢުތަކަށާއި ސްޓެލްކޯގެ މަޝްރޫއުތަކަށެވެ. ބްރިޖުގެ ލޯނަކީ 66 މިލިއަން ޑޮލަރެވެ. މީގެ އިތުރުން ވަޒީރު މިއަދު ވިދާޅުވީ ރައީސް ޔާމީނުގެ ސަރުކާރުން ވަނީ 24 ފަރާތަކަށް 1.368 ބިލިއަން ޑޮލަރުގެ ސޮވްރިން ގަރަންޓީވެސް ދޫކޮށްފައި ކަމަށެވެ.