ޕާޓީގެ މިލްކުވެރިކަން ކޮންމެ ފަރާތަކަށް އޮތް ނަމަވެސް ހިތުގެ ލޯބީގެ މިލްކުވެރިކަން ރައީސް ޔާމީނަށް ބާއްވައިދިނުމަށް ރައީސް ޔާމީން އެދިވަޑައިގެންފިއެވެ. ރައީސް ޔާމީން މިކަމަށް އެދިވަޑައިގަތީ ރޭ ޕީޕީއެމުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.
ރައީސް ޔާމީން ވިދާޅުވީ ޕީޕީއެމްގެ މެންބަރުން ޕާޓީ ބަދަލުކުރަމުން ގެންދާތީ ހިތާމަ ކުރައްވާ ކަމަށެވެ. ރައީސް ޔާމީން ވިދާޅުވީ ސްޕްރީމް ކޯޓުގައި އޮތް އެ ޕާޓީގެ މައްސަލަ ނިމޭއިރު ޕާޓީގެ ނަން ލިބޭނީ ކާކަށްކަން އެނގިވަޑައި ނުގަންނަވާ ކަމަށެވެ.
އެހެންކަމުން ޕާޓިގެ ވެރިއަކީ ކޮންމެ މީހަކު ކަމަށް ކޯޓުން ނިންމި ނަމަވެސް ޕާޓީގެ މެންބަރުންގެ ލޯބި އެމަނިކުފާނަށް ބާއްވަވައި ދެއްވުމަށް އެދިވަޑައިގަންނަވާ ކަމަށެވެ. ރައީސް ޔާމީނު ވިދާޅުވީ ޕްރައިމަރީ އަކާއި ނުލައި މެންބަރުންނަށް ޓިކެޓް ދެއްވަން ނިންމެވީ ޕާޓީގެ މަޞްލަހަތަށްޓަކައި ކަމަށާއި އެކަން ޤަބޫލުކުރަން ޕާޓީގެ މެންބަރުންގެ ކިބައިން އެދިވަޑައިގަންނަވާ ކަމަށެވެ.
ރައީސް ޔާމީނު ވިދާޅުވީ ގިނަ އަދަދެއްގެ ލޯނުތަކެއް ސަރުކާރުން ނެގީ ވަރަށް ކުޑަ އިންޓަރެސްޓެއްގައި ލޯނު ލިބެން އޮތުމުން ކަމަށެވެ. "ލޯނު ނަގާފައިވާނީ 4% އިންޓަރެސްޓަށްވުރެ ކުޑަކޮށް. މިހާރަކު އެ އިންޓަރެސްޓަކަށް ލޯނެއް ނުލިބޭނެ." ރައީސް ޔާމީނު ވިދާޅުވީ ސަރުކާރާއި ޙަވާލުވެވަޑައިގަތީ 28.5 ބިލިއަނުގެ ލޯނާއިއެކުގައި ކަމަށެވެ. ސަރުކާރު ނިމުނުއިރު އިތުރުވެފައިވާނީ 10 ވަރަކަށް ބިލިއަން ކަމަށެވެ.