މަސްތުވާތަކެއްޗާއި ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާރޓްމަންްޓުން މާލޭގައި ހިންގި އޮޕަރޭޝަނެއްގައި، މަސްތުވާތަކެއްޗާއެކު ބަޔަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ މިމައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ 17 އަހަރާއި 56 އަހަރާއި ދެމެދުގެ 11 މީހެކެވެ. އޭގެ ތެރޭގައި ހިމެނެނީ ދިވެހި 8 ފިރިހެނުންނާއި 18 އަހަރުން ދަށުގެ ދެ ކުދިންނާއި ދިވެހި އަންހެނަކާއި އަދި ބިދޭސީ ފިރިހެނަކު ކަމަށެވެ.
މިމީހުން ހައްޔަރުކޮށްފައިވަނީ ގަލޮޅުގެ ގެއެއްގައި މަސްތުވާތަކެތި ބޭނުންކޮށް އަދި އެތަކެތީގެ ވިޔަފާރިކުރަމުންދާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތަކާއި ގުޅިގެން ޖަނަވަރީ 29ވަނަ ދުވަހު ހިންގި އޮޕަރޭޝަނެއްގައެވެ.
ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާރޓްމަންޓާއި އިންޓެލިޖެންސް ގުޅިގެން ހިންގި މިއޮޕަރޭޝަންގައި، މި މީހުން ހައްޔަރުކޮށް ކޯޓު އަމުރެއްގެ ދަށުން އެ ގެ ބަލައިފާސްކުރި ކުރުމުން މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި 24 ރަބަރު ޕެކެޓާއި މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ހަތަރު ސެލޯފިންކޮޅު ފެނިފައިވާކަމަށް ފުލުހުން ބުނެއެވެ. .