ދ. މީދޫ ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަނެއްގައި، މަސްތުވާތަކެއްޗާއެކު ބިދޭސީއަކު ހައްޔަރުކޮށްފިއެވެ.
މާލެއިން ފުރައިގެން މީދުއަށް ދަތުރުކުރަމުންދާ ލޯންޗަކުން މީހަކު މީދުއަށް މަސްތުވާތަކެތި އެތެރެކުރަން އުޅޭކަމަށް ފުލުހުންގެ އިންޓެލިޖެންސަސް ލިބުނު މަޢުލޫމާތަކާއި ގުޅިގެން ހިންގި މިއޮޕަރޭޝަންގައި ހައްޔަރުކޮށްފައިވަނީ 37 އަހަރުގެ ބިދޭސީ ފިރިހެނެކެވެ. އިންޓެލިޖެންސާއި މީދޫ ޕޮލިސް ސްޓޭޝަން ގުޅިގެން ޖަނަވަރީ 31 ވަނަ ދުވަހުގެ 16:59 ހާއިރު ހިންގި މިއޮޕަރޭޝަންގައި، މީދުއަށް އެލޯންޗް އައުމުން ބިދޭސީ މީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ދެ ރަބަރު ޕެކެޓު ފެނިފައިވެއެވެ.
މިމީހާގެ ބަންދާއި މެދު ގޮތެއްނިންމުމަށް ދ. މީދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން، މިނިސްޓްރީ އޮފް ހޯމްއެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބެހެއްޓުމަށް 15 ދުވަހުގެ މުއްދަތެއް ދީފައިވެއެވެ.