ކެންސަރު ބަލި ޖެހޭ މީހުންގެ އަދަދު ދަނީ އިތުރުވަމުން- ބަލިން ސަލާމަތްވުމަށް ދުރާލާ ފިޔަވަޅު އަޅުއްވާ: ނައިބް ރައީސް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 27ސ
ކެންސަރު ބަލި ޖެހޭ މީހުންގެ އަދަދު ދަނީ އިތުރުވަމުން- ބަލިން ސަލާމަތްވުމަށް ދުރާލާ ފިޔަވަޅު އަޅުއްވާ: ނައިބް ރައީސް

ކެންސަރު ބަލިޖެހެމުންދާ މީހުން އިތުރުވަމުން އަންނާތީ ކެންސަރު ބަލިން ސަލާމަތްވުމަށް ދުރާލައި ފިޔަވަޅު އެޅުމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް އިލްތިމާސް ކުރައްވައިފިއެވެ.

އެމަނިކުފާނު މިކަމަށް އިލްތިމާސް ކުރެއްވީ ކެންސަރުބަލީގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ކެންސަރ ސޮސައިޓީ އޮފް މޯލްޑިވްސް އިން ތަޢާރަފުކުރާ "އެކްޓިވް ވަރކްޕްލޭސް" ހަރަކާތް އިފްތިތާޙް ކުރުމަށް މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ރަސްމިއްޔާތުގައެވެ.

"އެކްޓިވް ވަރކްޕްލޭސް" ހަރަކާތް އިފުތިތާޙު ކުރުމަށް ބޭއްވި ޙަފުލާގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ވިދާޅުވީ ދުނިޔޭގެ ކެންސަރުބަލީގެ ދުވަސް ފާހަގަކުރަމުންދާއިރު ވިސްނާލަންޖެހޭ ވަރަށް ބައިވަރު ކަންތައްތަކެއް އެބަހުރިކަމަށެވެ. އެގޮތުން ފައިދާހުރި ކާނާ ކެއުމަށާއި ދުޅަހެޔޮ ޞިއްޙަތެއްގައި ދެމިތިބުމަށްޓަކައި ކޮންމެ ދުވަހަކު ކަސްރަތުކޮށް ހެލިފެލިވެ އުޅުމަށާއި ޞިއްހަތަށް ގެއްލުންހުރި ކަންކަމުން ދުރުހެލިވުމަށް އިލްތިމާސް ކުރައްވާ ކަމަށެވެ.

ނައިބް ރައީސް ވިދާޅުވީ މިގޮތުން ކެންސަރަށް މަގުފަހިވާ އަމަލުތަކުގެ ތެރޭގައި ހިމެނޭ ދުންފަތުގެ އިސްތިއުމާލުކުރުމުން ދުރުހެލި ވުމަށާއި ޒުވާނުން އެކަމުން ސަލާމަތް ކުރުމަށް މަސައްކަތް ކުރުމަށްވެސް ގޮވާލައްވާ ކަމަށެވެ.

ނައިބް ރައީސް ވިދާޅުވީ ދުޅަހެޔޮ ހަށިހެޔޮ މުޖުތަމަޢެއް ބިނާ ކުރުމަކީ ސަރުކާރުގެ މުހިންމު ވަޢުދެއްކަމަށާއި އެކަމަކީ ރައީސުލްޖުމްހޫރިއްޔާ ވަރަށް އިސްކަމެއްދެއްވާ ކަމެއްކަމަށެވެ. އަދި އެކަމުގައި ރައީސުލްޖުމްހޫރިއްޔާ އަމަލީ ގޮތުން ބައިވެރިވެ ވަޑައިގަންނަވާކަން ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ފާހަގަ ކުރެއްވިއެވެ.

"އެކްޓިވް ވަރކްޕްލޭސް" ފަދަ ހަރަކާތެއް ކެންސަރ ސޮސައިޓީން ކުރިއަށް ގެންގޮސްދެއްވިކަމަށްޓަކައި ނައިބް ރައީސް ވަނީ ޝުކުރުއަދާކުރައްވައިފައެވެ.

 

މިއަދު އޮންލައިން