އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފަށް ވަގަށްގޮވި މައްސަލާގައި ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) އިން ޗެނަލް 13 އަށް އިންޒާރު ދީފިއެވެ.
ޗެނަލް 13 އަށް އިންޒާރު ދޭން ބްރޯޑްކޮމުން ނިންމީ ނިމިގެންދިޔަ ރިޔާސީ އިންތިޚާބުގައި ވޯޓު އޮޅުވާލި ކަމަށް ތުހުމަތުކޮށް، އީސީގެ ރައީސް އަހުމަދު ޝަރީފަށް ވަގަށް ގޮވި ކޮންޓެންޓެއް ބްރޯޑްކާސްޓް ކުރުމުންނެވެ. "އޮޅުވާލި ވޯޓު" ގެ ނަމުގައި ޗެނަލް 13 އިން އެއިރު ގެނެސްދިން ޕްރޮގްރާމުގައި 8 އޮކްޓޫބަރު 2018 ވަނަ ދުވަހުގެ ރޭ ލައިވްކޮށް ދައްކަމުންދިޔަ ހަރަކާތުގެ ތެރެއިން އިލެކްޝަންސް ކޮމިޝަނުގެ ރައީސް އަށް ނިސްބަތްވާގޮތަށް ބްރޯޑްކާސްޓްކޮށްފައިވާ ކޮންޓެންޓުގެ ސަބަބުން އޭނަގެ އަބުރާއި އިއްޒަތަށް އުނިކަން އަންނާނެ ކަމަށް ދެކޭ ކަމަށް ބްރޯޑްކޮމްގެ ނިންމުމުގައި ވެއެވެ.
އަދި އެއީ ބްރޯޑްކާސްޓްކުރުމުގެ ކޯޑް އޮފް ޕްރެކްޓިސްގެ ތިންވަނަ ހަމައިގެ (1) ވަނަ ނަންބަރުގައިވާ މީހުންގެ އަބުރުވެރިކަމާއި ޒާތީ ދިރިއުޅުން ރައްކާތެރިކުރުމާ ޚިލާފު ކޮންޓެންޓެއް ކަމަށް ވަނީ ކަނޑައަޅާފައެވެ.
މިއީ ބްރޯޑްކާސްޓްކުރުމުގެ ކޯޑް އޮފް ޕްރެކްޓިސްގެ ތިންވަނަ ހަމައިގެ (1) ވަނަ ނަންބަރާ މީޑިއާ ރިންގް ޕްރައިވެޓް ލިމިޓެޑްގެ "ޗެނަލް 13" އިން ޚިލާފުވި ފަސްވަނަ ފަހަރެވެ. އެހެންކަމުން ބްރޯޑްކާސްޓްކުރުމުގެ ކޯޑް އޮފް ޕްރެކްޓިސްއާ ޚިލާފު ކޮންޓެންޓެއް އޮންއެއަރވުމުގެ ފުރުސަތު ނުދިނުމަށްޓަކައި، ސްޓޭޝަންގެ ފުރިހަމަ ކޮންޓްރޯލް އޮންނަ ގޮތަށް، ޑިލޭއަކާ އެކު ނޫނީ ލައިވް އިވެންޓްތައް ދެން ނުފޮނުވުމަށް މީޑިއާ ރިންގް ޕްރައިވެޓް ލިމިޓެޑަށް އެންގުމަށް އެކޮމިޝަނުން ވަނީ ނިންމާފައެވެ.
މީގެ އިތުރުން މިމައްސަލައާ ގުޅިގެން ބްރޯޑްކާސްޓްކުރުމުގެ ގާނޫނުގެ 44 ވަނަ މާއްދާގެ (ހ) ގެ 3 ވަނަ ނަންބަރުގެ ދަށުން މައާފަށް އެދި ބަޔާނެއް ނެރުމަށާއި، އެއްވެސް ޝަރުތެއް ނެތި މި ބަޔާން މިމަހުގެ 14 ވަނަ ދުވަހުގެ ކުރިން ޗެނަލް 13 އިން އާންމުކުރުމަށް ވެސް ބްރޯޑްކޮމް އިން ވަނީ އަންގާފައެވެ.
ޗެނަލް 13 އިން ސިލްސިލާކޮށް އެތައް ފަހަރެއް މަތިން އީސީ ޝަރީފުގެ އަބުރަށް އަރައިގަތުމުން އަދަބެއް ނުދީ ހަމައެކަނި އިންޒާރުދީފައިވާއިރު، އަބުރުގެ ގާނޫނުގެ ދަށުން ކަމަށް ބުނެ ރާއްޖެޓީވީގެ އެތައް މައްސަލައެއް ބަލައި އެތައް މިލިއަން ރުފިޔާއަކުން އެސްޓޭޝަން ވަނީ ޖޫރިމަނާކޮށްފައެވެ. އަދި ވީމީޑިއާގެ ވީޓީވީއާއި ވީއެފްއެމްގެ އިތުރަށް ސަންގު ޓީވީވެސް ބްރޯޑްކޮމުން ވަނީ އަބުރުގެ ޤާނޫނުގެ ދަށުން ބޮޑެތި އަދަދުތަކުން ޖޫރިމަނާކޮށްފައެވެ.