އައްޑޫ ސިޓީ ހިތަދޫގެ ޕޮލިސް ސްޓޭޝަންގެ ބެލުމުގެ ދަށަށް ގެނެވުނު މީހަކަށް، ހަތަރު ފުލުހަކު އަނިޔާކުރި ކަމަށްބުނެ ކޮށްފައިވާ ތުހުމަތެއްގެ މައްސަލަ ތަހުޤީޤު ކުރަމުންދާ ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލު ބުނިގޮތުގައި މިހިނގާ ފެބްރުއަރީ މަހުގެ 1 ވަނަ ދުވަހު، އައްޑޫ ސިޓީގެ ހިތަދޫ ޕޮލިސް ސްޓޭޝަނުގެ ބެލުމުގެ ދަށަށް ގެނެވުނު ފަރާތަކަށް ފުލުހުން އަނިޔާކޮށްފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް ފުލުހުންގެ ޕްރޮފެޝަނަލް ސްޓޭންޑާރޑްސް ކޮމާންޑުން ތަހުގީގު ކުރަމުންދާ ކަމަަށެވެ.
ހަތަރު ފުލުހެއްގެ މައްޗަށް މިތުހުމަތު ކޮށްފައިވަނީ، ފުލުހުން ހައްޔަރު ކުރި މީހާގެ އާއިލާގެ ފަރާތުންނެވެ.
ފުލުހުން ބުނި ގޮތުގައި އެމީހާއަށް އަނިޔާކުރިކަން އެއްވެސް ލިޔުމަކުން އެނގެން ނެތް ކަމަށެވެ. ނަމަވެސް އެމީހާއަށް އަނިޔާކުރި ކަމަށް އާއިލާއިން ތުހުމަތު ކޮށްފައިވާތީ އެމައްސަލަ ތަހުޤީޤު ކުރުމަށް ޕްރޮފެޝަނަލް ސްޓޭންޑާރޑްސް ކޮމާންޑަށް ފޮނުވާފައިވާ ކަމަށެވެ.