ލިޔުނީ: ޒިދާން މުހައްމަދު
މިއަހަރު އޮންނަ ރައްޔިތުންގެ މަޖިލިސް އިންތިޚާބުގައި މޯލްޑިވްސް ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ފަރާތުން 86 ދާއިރާ އަށް ވާދަކުރާ ކެންޑިޑޭޓުންގެ ފޯމުތައް އިލެކްޝަންސް ކޮމިޝަން (އީސީ) އަށް މިއަދު ހުށަހަޅައިފި އެވެ އެމްޑީޕީ ކެންޑިޑޭޓުން ފޯމުތަކާއެކު ބާޖަމާލުއްދީންއަށް ދިޔުމުން އެ ފޯމްތަކާ ހަވާލުވެވަޑައިގެންނެވީ އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސް އަމްޖަދު މުސްތަފާ އެވެ.
ފޯމުތަކަށް ހަވާލުވުމަށްފަހު، އީސީގެ ފަރާތުން ނައިބް ރައީސް އަމްޖަދު ވިދާޅުވީ ކުރިއަށް އޮތް އިންތިޚާބުގައި އެމްޑީޕީގެ ފުރިހަމަ އެއްބާރުލުން ލިބޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށާއި، އިންތިޚާބުގެ ކަންކަން ކުރިއަށް ދާއިރު، ކެންޑިޑޭޓުންގެ ސުލޫކީ މިންގަނޑުތަކާއި އެހެން ކެންޑިޑޭޓުންގެ އިންތިޚާބީ ހައްގުތަކަށް ރައްކާތެރިވެ ތިބުމަށް އޭނާ އެދިވަޑައިގެންނަވާ ކަމަށެވެ.
އިލެކްޝަންސް ކޮމިޝަންގެ މެމްބަރު އިސްމާއިލް ހަބީބު ވިދާޅުވީ ކުރިއަށް އޮތް 48 ގަޑިއިރު ތެރޭގައި އެމްޑީޕީގެ ކެންޑިޑޭޓުންގެ ފޯމްތައް ސައްހަތޯ ބަލައި ޗެކް ކުރާނެ ކަމަށެވެ. އަދި އެއަށްފަހު ފޯމުތައް ބަލައިގަތުމާމެދު ގޮތެއް ނިންމާ އީސީގެ ނިންމުން އިއުލާން ކުރާނެއެވެ.
މީގެ އިތުރުން، އިލެކްޝަނަށް ފޯމް ހުށަހެޅުއްވުމަށްފަހު އެމްޑިޕީގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ އިލެކްޝަން ކޮމިޝަނުގެ މެމްބަރުން އިންސާފުވެރިކަމަށް ގަބޫލު ކުރައްވާ ކަމަށެވެ.