މަނީ ލޯންޑްރިން ކުރެއްވި ކަމަށް ތުހުމަތުވާ މައްސަލާގައި ރާއްޖޭގެ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމާއި ރައީސް އޮފީހުގެ ކުރީގެ ލީގަލް އެފެއާޒް މިނިސްޓަރު އާޒިމާ ޝުކޫރައަށް ދައުވާކުރަން ފުލުހުން ޕްރޮސިކިއުޓާ ޖެނަރަލް (ޕީޖީ) އޮފީހަށް ފޮނުވައިފި އެވެ.
ފުލުހުން މިރޭ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ރައީސް ޔާމީން ވެރިކަމުގައި ހުންނެވިއިރު ޤާނޫނާއި ޚިލާފަށް މާލީ މުޢާމަލާތްތަކެއް ހިންގާފައިވާކަމަށް ތުހުމަތުކުރެވި ދަޢުލަތުގެ ކަމާބެހޭ އިދާރާތަކުން ފުލުހުންނަށް ހުށަހަޅާފައިވާ މައްސަލަތަކުގެ ތެރެއިން މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަން (އެމް.އެމް.ޕީ.އާރ.ސީ) މެދުވެރިކޮށް ކުއްޔަށް ދޫކުރި ރަށްތަކާއި ފަޅުތަކާއި ގުޅިގެން، ދަޢުލަތަށް ލިބެންޖެހޭ ގިނަ އަދަދެއްގެ ފައިސާއަށް ޚިޔާނާތްތެރިވި ފަރާތްތަކުން އެފައިސާގެ ތެރެއިން ގިނަ އަދަދެއްގެ ފައިސާ ރައީސް ޔާމީން ނަމުގައި މޯލްޑިވްސް އިސްލާމިކް ބޭންކްގައި ހުޅުވާފައިވާ އެކައުންޓަކަށް ޖަމާކުރުމުން އެފައިސާ ލޯންޑަރކޮށް، އެފައިސާއާއި ގުޅޭގޮތުން ދަޢުލަތުގެ ކަމާބެހޭ ފަރާތްތަކުން ހިންގި ތަޙުގީނާއި ގުޅިގެން ހިންގި މުޢާމަލާތްތަކުގައި ދަޢުލަތުގެ ރަސްމީ އިދާރާތަކަށް ދޮގު މަޢުލޫމާތު ދީފައިވާކަމަށް ތުހުމަތުކުރެވޭ މައްސަލައިގެ ތަޙުޤީޤު ފުރިހަމަ ކުރުމަށްފަހު މިމައްސަލައިގައި ތުހުމަތުކުރެވޭ ފަރާތްތަކުގެ މައްޗަށް ދައުވާކޮށްދިނުމަށް އެދިފައިވާ ކަމުގައެވެ.
އެގޮތުން މިމައްސަލައިގައި މަނީ ލޯންޑަރކުރުމާއި ދަޢުލަތުގެ އިދާރާތަކަށް ދޮގު މަޢުލޫމާތު ދިނުމުގެ ކުށުގެ ދަޢުވާ ރައީސް ޔާމީންގެ މައްޗަށް ކޮށްދިނުމަށް އެދިފައިވާއިރު، މަނީލޯންޑަރކުރުމުގައި ރައީސް ޔާމީނާއި ބައިވެރިވެ އެހީތެރިވެ ދިނުމާއި ދަޢުލަތުގެ އިދާރާތަކަށް ދޮގު މަޢުލޫމާތުދީ އޮޅުވާލުމަށް މަސައްކަތްކޮށްފައިވާކަމުގެ ތުޙުމަތުގައި އާޒިމާ ގެ މައްޗަށްވެސް ދައުވާކޮށްދިނުމަށް އެދިފައިވާ ކަމަށް ފުލުހުންގެ ބަޔާނުގައި ވެއެވެ.
މިމައްސަލައިގެ ތަހުގީގަށް މީގެ ކުރިން އެދެބޭފުޅުން ވެސް ވަނީ އެއް ފަހަރަށްވުރެ ގިނަ ފަހަރަށް ފުލުހުންގެ އިދާރާއަށް ހާޒިރުކޮށް ސުވާލު ކޮށްފައެވެ.
މައްސަލާގެ ތަހުގީގު ނިންމައި، ދައުވާކުރުމަށް ފޮނުވިއިރު ބަންޑާރަ ނައިބުގެ އޮފީހުން ވަނީ އެ މައްސަލާގައި އެ އޮފީހަށް ލިބިފައިވާ ހެކިތަކެއް ވެސް ފުލުހުންނާ ހިއްސާކޮށްފަ އެވެ.
އެގޮތުން ބަންޑާރަ ނައިބުގެ އޮފީހުން އެކަމާ ގުޅިގެން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، 2014 ވަނަ އަހަރު ކުރީގެ ރައީސް ޔާމީނާއި ނައިބު ރައީސް އަދީބުގެ އިތުރުން އޭރުގެ ސަރުކާރު ބައެއް އިސްވެރިންނާއި އެހެނިހެން ފަރާތްތައް ހިމެނޭ ގޮތުން މަނީ ލޯންޑްރިން ހިމެނޭ ކަމަށް ތުހުމަތު ކުރެވޭ މުއާމަލާތްތަކެއް ކޮށްފައިވާ ކަމަށް ނުވަތަ ކުރުމަށް ރާވާފައިވާކަމުގެ ހެކި ހިމެނޭ ލިޔެކިޔުންތަކެއް އެމްޑީޕީއިން ހުށަހަޅާފައިވާ ކަމަށެވެ.
އެމްޑީޕީއިން ހުށަހެޅި ލިޔެކިޔުންތަކަކީ، އަދީބުގެ މޯބައިލް ފޯނުތަކެއްގައިވާ ޑޭޓާ އެނަލައިޒްކުރުމަށްފަހު، ބައިނަލްއަގްވާމީ ފްރޯޑް އިންވެސްޓިގޭޝަން ފާމަކުން ތައްޔާރުކޮށްފައިވާ ތަހުގީގު ރިޕޯޓަކާ އެއާ ގުޅޭ ލިޔެކިޔުންތަކެއް ކަމަށް ވެސް ބަންޑާރަ ނައިބު އޮފީހުން ބުންޏެވެ.
Press Statement: PMC/2019/04 pic.twitter.com/LAJBPgcmLc
— Maldives Police (@PoliceMv) February 6, 2019