މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) ގެ ފައިސާ ޖަމާކުރި އެކަންޓުތައް ހާމަކުރުމަށް ގޮވާލާ، މިމަހު އެއްވުމެއް ބާއްވަން ނިންމައިފިއެވެ.
މިއެއްވުމާއި ގުޅޭގޮތުން މީޑިއާއަކަށް މައުލޫމާތު ދެއްވަމުން ޤާނޫނީ ވަކީލު މަރިޔަމް ޝުނާނާ ވިދާޅުވީ ޒުވާނުން އިސްނަގައިގެން ބާއްވާ މިއެއްވުމަކީ އެމްއެމްޕީއާރްސީ ގެ ފައިސާތައް ޖަމާވި އެކައުންޓުތައް ހާމަކުރުމަށް ގޮވާލާ، ބާއްވާ އެއްވުމެއް ކަމަށެވެ.
ޝުނާނާ ވިދާޅުވީ އެމްއެމްޕީއާރްސީގެ ފައިސާތައް ޖަމާވި ކަމަށް އެންމެ ބޮޑަށް ތުހުމަތު ކުރެވެނީ ރައްޔިތުންގެ މަޖިލިހުގެ ބައެއް މެމްބަރުންގެ އެކައުންޓަށް ކަމަށެވެ. ނަމަވެސް މިއަދާއި ހަމައަށް ވެސް އެއިން އެއްވެސް މެމްބަރެއްގެ ވަނަވަރު ހާމަ ކޮށްފައި ނުވާތީ، އެކަމާއި ކަންބޮޑުވާ ކަމަށާއި އެމައުލޫމާތުތައް ރައްޔިތުންނާއި ހަމައަށް ފޯރުކޮށްދޭން ބޭނުންވާ ކަމަށް ޝުނާނާ ވިދާޅުވެފައިވެއެވެ.
މިއަހަރުގެ އޭޕްރިލް މަހު ބޭއްވޭ މަޖިލިސް އިންތިހާބަށް ތައްޔާރުވަމުން އަންނައިރު އެމްއެމްޕީއާރްސީގެ ފައިސާ ލިބުނު ކަމަށް ބުނާ ބައެއް މެންބަރުން ވެސް އިންތިހާބަށް ކުރިމަތިލައްވާ ކަމަށާއި ކޮރަޕްޝަންގެ ފައިސާގައި ހިފާފައި ހުރި މެންބަރަކު ހުރި ނަމަ އެބޭފުޅަކަށް ދެވަނަ ދައުރެއް ދޭން ބޭނުން ނުވާ ކަމަށްވެސް ޝުނާނާ ވިދާޅުވި އެވެ. އަދި ބޭނުންވަނީ މިނިވަން ކަމާއި އެކު މަސައްކަތްކުރައްވާ ކޮރަޕްޝަނާ ދުރު މެންބަރުންތަކެއް މަޖިލީހަށް އިންތިޚާބު ކުރުމަށް ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
މިމުޒާހަރާގައި ބައިވެރިވުމަށް ވީހާވެސް ގިނަ ބަޔަކު މިމަހުގެ 15 ވާ ހުކުރު ދުވަހު ކާނިވާ ސަރަހައްދަށް ހާޒިރުވުމަށްވެސް ޝުނާނާ ވަނީ އެދިވަޑައިގެންފަ އެވެ. އަދި އެއްވުން ފަށާނީ ކާނިވާ ސަރަހައްދުން އެދުވަހު ހަވީރު ކަަމަށްވެސް ވިދާޅުވެފައިވެއެވެ.