ހޮރައިޒޮން ފިޝަރީޒް ކޮމްޕެނީގެ 160،000 ރުފިޔާގެ ޗެކްތަކަކާއި މުހިންމު ޑޮކިއުމެންޓުތަކެއް އަޅާފައިހުރި ލެޕްޓޮޕް ދަބަހެއް، މީހެއްގެ އަތުން ފޭރިގެންފިއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލު މައުލޫމާތު ދެއްވި ގޮތުގައި އެމީހާ އަތުން އެދަބަސް ފޭރިގެންފައިވަނީ ފިޔާތޮށި މަގުން ޒިޔާރަތް މިސްކިތް ކައިރިން، މިއަދު ހެނދުނު 10:45 ހާއިރެވެ.
އޮފިޝަލު ވިދާޅުވި ގޮތުގައި، އެދަބަސް ފޭރިގަތީ އެކުންފުނީގެ މުވައްޒިފެއް އަތުންނެވެ. އޭނާ އެވަގުތު ދިޔައީ ޗެކުތައް ބޭންކުތަކަށް ޖަމާކުރަން ކަމަށް ވެސް ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވެފައިވެއެވެ.
މިމައްސަލައިގެ ތަހުގީގު ކުރިއަށްދާ ކަމަށާއި އަދި އެއްވެސް މީހަކު ހައްޔަރު ކޮށްފައިނުވާ ކަމަށް ވެސް އޮފިޝަލު ވިދާޅުވެފައިވެއެވެ.
"ކުންފުނިތަކުން ބޮޑެތި އަދަދުގެ ފައިސާއާއި ޗެކުތައް، ތަންތަނަށް ގެންދެވުމަށް ފުލުހުންގެ އިންސްޓޯލޭޝަން ސެކިއުރިޓީ (9980068) ގެ ޚިދުމަތް ބޭނުން ކުރެއްވުމަށް މޯލްޑިވްސް ޕޮލިސް ސާވިސް އިން އިލްތިމާސް ކުރަން" ފުލުހުންގެ ސްޕޯކްސްޕަރސަން ވިދާޅުވެފައިވެއެވެ.