އެކަކު ދެކޭ ހުވަފެނާއި އެއްގޮތަށް، އެކަކު ބޭނުންވާ ގޮތަށް ޤައުމުގެ ކަންކަން ހިންގުމުގެ ބާރު ރައްޔިތުން ދީފިނަމަ ރައްޔިތުންގެ ހުރިހާ ޙައްޤުތައް ގެއްލިގެންދާނެ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.
މަޖިލިސް އިންތިޚާބުގައި އިތުރު 8 ދާއިރާއަކުން ޖުމްހޫރީ ޕާޓީން ވާދަކުރަން ނިންމައި ޓިކެޓް ހަވާލުކުރަން ޖޭޕީގެ މައި މަރުކަޒު މ. ކުނޫޒުގައި މިރޭ ބޭއްވި ބައްދަލުވުމުގައި ޤާސިމް އިބްރާހީމް ވިދާޅުވީ ރައްޔިތުންގެ ޙައްޤުތައް ހިމާޔަތްކޮށް ޤައުމުގެ ކަންކަން ރައްޔިތުން ބޭނުންވާ ގޮތަށް ކުރިއަށް ގެންދެވޭނީ ސަރުކާރު ޒިންމާދާރުކުރުވައިގެން ކަމަށެވެ.
ޤާސިމް އިބްރާހީމް ވިދާޅުވީ ރާއްޖެއަށް ބޭނުންވަނީ ޤައުމުގެ މިނިވަންކަމާއި އިސްތިޤްލާލް ހިމާޔަތްކޮށް އަދި އިސްލާމް ދީން ހިމާޔަތްކޮށްގެން ވެރިކަން ހިންގޭނެ ޑިމޮކްރެޓިކް ނިޒާމެއް ކަމަށާއި ޖުމްހޫރީ ޕާޓީން ތާއީދު ކުރާނީ މިކަންކަން ހިމާޔަތްކޮށްގެން ކުރިއަށް ދެވޭނެ ރިޔާސީ ނިޒާމަކަށް ކަމަށެވެ. އަދި ރައްޔިތުންވެސް ތާއީދުކުރާނީ އެފަދަ ނިޒާމަކަށް ކަމަށެވެ.
ޤާސިމް އިބްރާހީމް ވިދާޅުވީ ޖޫޑިޝަރީވެސް އެހެން ދާއިރާތައްވެސް ޤާނޫނީ އިމުން ބޭރުވެ ހައްދުންނައްޓާލައިގެންދަނީ ސަރުކާރުން އެތަންތަނަށް އަތްބާނާތީ ކަމަށާއި އެކަން ހުއްޓުވަން ޖެހޭ ކަމަށެވެ. އަދި އެކަން ހުއްޓުވޭނީ ވެރިކަންކުރާ ޕާޓީއަށް މަޖިލީހުގެ ސްޕަރމެޖޯރިޓީ ނުދީ ހިފަހައްޓައިގެން ކަމަށެވެ.
ޤާސިމް އިބްރާހީމް ވިދާޅުވީ ވެރިކަން ކުރާ ޕާޓީއަށް މަޖިލީހުގެ ސްޕަރމެޖޯރިޓީ ދީފިނަމަ ރައްޔިތުންނަށް އިންޞާފުވެސް ނުލިބޭނެ ކަމަށާއި އަނިޔާވެރިކަން ހައްދުފަހަނައަޅައިދާނެ ކަމަށެވެ. ސަރުކާރު ޒިންމާދާރުކުރުވަން ސުވާލެއް ކޮށްލުމުގެ ފުރުޞަތުވެސް މުއައްސަސާތަކަށް ނުލިބޭނެ ކަމަށެވެ.
ޤާސިމް އިބަރާހީމް ވިދާޅުވީ ބަރުލަމާނީ ނިޒާމަކީ ވެރިކަން ހިންގުމުގެ ޚަރަދުވެސް ބޮޑުވެގެންދާ ނިޒާމެއް ކަމަށެވެ. ހަމައެކަނި ނަމެއްގައި ރައީސްކު ބަހައްޓަންޖެހޭ ކަމަށާއި އެކަމަށް ބޮޑެތި ޚަރަދުތަކެއް ކުރަންޖެހެނެ ކަމަށެވެ.
"ޖުމްހޫރީ ނިޒާމަކުން ބަރުލަމާނީ ނިޒާމަކަށް ދިއުމަކީ ރާއްޖެ ފަދަ ޤައުމަކަށް ފައިދާހުރި ކަމެއް ނޫން. ޖުމްހޫރީ ނިޒާމަކީ ރައްޔިތުންގެ ތާއީދު ހޯއްދަވަން ރައިސުލްޖުމްހޫރިއްޔާއަށް ރައްޔިތުންގެ ގާތަށް ވަޑައިގަންނަވަން ޖެހިވަޑައިގަންނަވާ ނިޒާމެއް. ބަރުލަމާނީ ނިޒާމަކު ބޮޑުވަޒީރަކަށްވެވަޑައިގަތުމަށް ރައްޔިތުންގެ ގާތަށް ވަޑައިގަންނަވަން ޖެހިވަޑައެއް ނުގަންނަވާނެ. ދާއިރާގައި ހިމެނޭ 2، 3 ރަށުގެ ތާއީދާއިއެކު ނުވަތަ ރަށެއްގެ އަވަށެއްގެ ތާއީދާއެކު ބޮޑުވަޒީރަކަށް އާދެވިދާނެ. ރާއްޖޭގެ ހުރިހާ ރައްޔިތުންގެ ގާތަށް ގޮސް ތާއީދު ހޯދަން މަސައްކަތްކުރާކަށް ނުޖެހޭނެ."
ޤާސިމް އިބްރާހީމް މިރޭ ވެސް ވަނީ އަދުލުވެރި ވެރިކަމާއިއެކު ޤާނޫނީ ވެރިކަމެއް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ކުރައްވާހައި ދުވަހަކު ޖުމްހޫރީ ޕާޓީން އެމަނިކުފާނަށް ފުރިހަމަ އެއްބާރުލުން ދޭނެ ކަމުގެ ޔަޤީންކަން ދެއްވައިފައެވެ.
- ޤާސިމް އިބްރާހީމްގެ ވާހަކަފުޅު (އޯޑިއޯ):