އޮޕަރޭޓް ކުރުމުގެ ލައިސަންސް ނެތި ޤާނޫނާއި ޤަވާއިދާއި ޚިލާފަށް ފަތުރުވެރިން ބައިތިއްބާ ކަމުގެ ހެކި ލިބިފައިވާ 2 ތަނެއްގެ މައްސަލަ ތަޙްޤީޤް ކުރުމަށް ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެފިއެވެ.
އެހެންނަމަވެސް އެދެތަނުގެ ނަމެއް އެ މިނިސްޓްރީން ހާމަކޮށްފައެއް ނުވެއެވެ.
ޓޫރިޒަމް މިނިސްޓްރީން ބުނެފައިވަނީ ރާއްޖޭގައި އެއްވެސް ޓޫރިސްޓް ހޮޓަލެއް ނުވަތަ އެއްވެސް ޓޫރިސްޓް ގެސްޓްހައުސެއް ވެސް ހިންގަންވާނީ އެ މިނިސްޓްރީގައި އެތަނެއް ރަޖިސްޓްރީކޮށް ހުއްދަ ހޯދުމަށްފަހުފައި ކަމަށެވެ.
އޮޕްރޭޓިންގ ލައިސަންސް ނެތި މީހުންއުޅޭ ރަށްރަށުގައި ފަތުރުވެރިން ބައިތިއްބާނަމަ އެފަރާތްތަކުގެ މައުލޫމާތު 30 ދުވަހުގެ ތެރޭގައި މިނިސްޓްރީ އާއި ހިއްސާކުރުމަށް ރަށު ކައުންސިލް ތަކަށް އަންގާފައިވާނެކަމަށް ވެސް ޓޫރިޒަމް މިނިސްޓްރީން ވަނީ ބުނެފައެވެ.
މީގެއިތުރުން އޮޕްރޭޓިންގ ލައިސަންސް ހަމަވެފައިވާ ތަންތަން، އޮޕްރޭޓިންގ ލައިސަންސް އެއް ދެވޭފެންވަރަށް އިސްލާހު ކުރުމަށް ފުރުސަތު ދިނުމުގެ ގޮތުން އެކަން ރަނގަޅުކުރުމުގެ ޕްލޭނަކާއެކު ޕްރޮޕޯސަލް ހުށަހެޅުމަށް 30 ދުވަހުގެ މުއްދަތެއް ދިނުމަށް ޓޫރިޒަމް މިނިސްޓްރީން ވަނީ ނިންމާފައެވެ.
ގަވާއިދާ ހިލާފަށް ހުއްދަ ނެތި އެއްވެސް ތަނެއްގައި ފަތުރުވެރިން ނުބޭތިއްބުމަށް ޓޫރިޒަމް މިނިސްޓްރީން ވަނީ އިލްތިމާސް ކޮށްފައެވެ.
