ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ގެ މައްޗަށް މަނީ ލޯންޑްރިންގެ ދައުވާ އުފުލައިފިއެވެ.
މިކަން ޔަގީން ކޮށްދެއްވާ ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން މިއަދު ބުނީ، މއ. ކާމިނީހުޅަނގުގޭ އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ގެ މައްޗަށް މަނީ ލޯންޑްރިން ގެ ކުށުގެ ދައުވާ އުފުލައި ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާ ކަމަށެވެ.
ރައީސް ޔާމީނާއި އެމަނިކުފާނުގެ ވެރިކަމުގައި ރައީސް އޮފީހުގެ ލީގަލް އެޑްވައިޒަރުގެ މަގާމު އަދާ ކުރެއްވި އާޒިމާ ޝަކޫރު ގެ މައްޗަށް ދައުވާ ކޮށްދިނުމަށް އެދި އެމައްސަލަ ޕީޖީ އޮފީހަށް ފުލުހުން ހުށަހެޅީ މިމަހުގެ ހަވަނަ ދުވަހުއެވެ.
އާޒިމާގެ މައްޗަށް ދައުވާ ކުރުމަށް އަދި އެއޮފީހުން ކްރިމިނަލް ކޯޓަށް އަދި ފޮނުވާފައި ނުވި ނަމަވެސް، ފުލުހުން އެރޭ ނެރުނު ބަޔާނުގައި ބުނެފައިވަނީ ރައީސް ޔާމީން ވެރިކަމުގައި ހުންނެވިއިރު ޤާނޫނާއި ޚިލާފަށް މާލީ މުޢާމަލާތްތަކެއް ހިންގާފައިވާކަމަށް ތުހުމަތުކުރެވި ދަޢުލަތުގެ ކަމާބެހޭ އިދާރާތަކުން ފުލުހުންނަށް ހުށަހަޅާފައިވާ މައްސަލަތަކުގެ ތެރެއިން މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަން (އެމް.އެމް.ޕީ.އާރ.ސީ) މެދުވެރިކޮށް ކުއްޔަށް ދޫކުރި ރަށްތަކާއި ފަޅުތަކާއި ގުޅިގެން، ދަޢުލަތަށް ލިބެންޖެހޭ ގިނަ އަދަދެއްގެ ފައިސާއަށް ޚިޔާނާތްތެރިވި ފަރާތްތަކުން އެފައިސާގެ ތެރެއިން ގިނަ އަދަދެއްގެ ފައިސާ ރައީސް ޔާމީން ނަމުގައި މޯލްޑިވްސް އިސްލާމިކް ބޭންކްގައި ހުޅުވާފައިވާ އެކައުންޓަކަށް ޖަމާކުރުމުން އެފައިސާ ލޯންޑަރކޮށް، އެފައިސާއާއި ގުޅޭގޮތުން ދަޢުލަތުގެ ކަމާބެހޭ ފަރާތްތަކުން ހިންގި ތަޙުގީނާއި ގުޅިގެން ހިންގި މުޢާމަލާތްތަކުގައި ދަޢުލަތުގެ ރަސްމީ އިދާރާތަކަށް ދޮގު މަޢުލޫމާތު ދީފައިވާކަމަށް ތުހުމަތުކުރެވޭ މައްސަލައިގެ ތަޙުޤީޤު ފުރިހަމަ ކުރުމަށްފަހު މިމައްސަލައިގައި ތުހުމަތުކުރެވޭ ފަރާތްތަކުގެ މައްޗަށް ދައުވާކޮށްދިނުމަށް އެދިފައިވާ ކަމުގައެވެ.