މަތީ ތައުލީމަށް ޚާއްސަ ޕްރޮގްރާމް "ބީއެމްއެލް ރިވެލި" އިފްތިތާހުކޮށްފި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 1މ 57ސ
މަތީ ތައުލީމަށް ޚާއްސަ ޕްރޮގްރާމް "ބީއެމްއެލް ރިވެލި" އިފްތިތާހުކޮށްފި

ބޭންކިންގ އެންޑް ފައިނޭންސްގެ ދާއިރާއިން މަތީ ތަޢުލީމް ހާސިލްކުރުމަށް ބޭނުންވާ ފަރާތްތަކަށް " ބީއެމްއެމްއެލް ރިވެލި" ނަމުގައި ހާއްސަ ޕްރޮގްރާމެއް މިއަދު ބޭންކް އޮފް މޯލްޑިވްސް އިން އިފްތިތާހުކޮށްފިއެވެ. 

ބީއެމްއެލް ރިވެލި ޕްރޮގްރާމްގެ ދަށުން ވިލާ ކޮލެޖާ ގުޅިގެން ބޭންކުން ފުރަތަމަ ތަޢާރަފްކޮށްފައިވަނީ ޑިޕްލޮމާ އިން ބޭންކިންގ އެންޑް ފައިނޭންސްގެ ކޯހެކެވެ. މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެޕްރޫވްކޮށްފައިވާ މި ކޯހަކީ 12 މަސްދުވަހުގެ ކޯހެކެވެ. މި ކޯހުގެ މަގްސަދަކީ ޒުވާނުންނާއި އަދި ބޭންކިންގ ދާއިރާއިން ކުރިށްދާން ބޭނުންވާ ފަރާތްތަކަށް، އެ ދާއިރާއިން ކުރިއަށް ދިޔުމަށް ބޭނުންވާ ތަޢުލީމާއި ހުނަރު ދަސްކޮށްދީ އަދި ރާއްޖޭގެ ބޭންކިންގ ޞިނާއަތަށް ބޭނުންވާ ތައުލީމީ ގާބިލް ޒުވާނުން އުފެއްދުމެވެ.

މިޑިޕްލޮމާގެ ކަރިކިއުލަމް އެކުލަވާލާފައި ވަނީ ބޭންކް އޮފް މޯލްޑިވްސް އާއި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ އަދި ވިލާކޮލެޖާ ގުޅިގެންނެވެ. މި ކޯސް ކުރިއަށް ގެންދިޔުމުގައި އުގަންނައި ދިނުމުގެ ގޮތުން ވިލާ ކޮލެޖަށް ލިބިފައިވާ ތަޖުރިބާގެ އިތުރުން ދާއިރާ އާ ގުޅޭ ޕްރޮފެޝަނަލް އެހީތެރިކަން ބޭންކުގެ ފަރާތުން ދިނުމަށްވަނީ ހަމަޖެހިފައެވެ. މި ގޮތުން ބޭންކިންގ ދާއިރާގައި ތަޖުރިބާހުރި ބީއެމްއެލްގެ މުވައްޒަފުން މި ކޯހުގައި ކިޔަވައިދިނުމަށްވަނީ ހަމަޖެހިފައެވެ. އަދި މީގެ އިތުރުން ގެސްޓް ސްޕީކަރސްގެ ގޮތުގައި ވެސް ބޭންކިންގ ދާއިރާގެ ތަޖްރިބާ ހޯއްދަވާފައިވާ މުވައްޒަފުން ހިމެނޭނެއެވެ. މި އާއެކު މި ޕްރޮގްރާމް ވެގެންދާނީ ބޭންކުގެ މުވައްޒަފުންގެ އިތުރުން މިދާއިރާއިން މަތީތައުލީމް ހާސިލް ކުރުމަށް ބޭނުންވާ ޒުވާނުންނަށް ވެސްލިބޭނެ ވަރަށް ރަނގަޅު ފުރުސަތަކަށެވެ.

މި ޕްރޮގްރާމް އާ ގުޅޭ ގޮތުން ވިލާ ކޮލެޖާއި ބޭންކާ ދެމެދު ވެވޭ އެމްޔޫއޯގައި ސޮއިކުރުމަށް ބޭއްވުނު ހަފްލާގައި ވާހަކަފުޅު ދައްކަވަމުން ބޭންކުގެ ޑެޕިއުޓީ ސީއީއޯ މުޙައްމަދު ޝަރީފް ވިދާޅުވީ ބީއެމްއެލްގެ އަބަދުވެސް އަމާޒަކީ ޤާބިލު، މަސައްކަތްތެރި އަދި ކަސްޓަމަރުން އެދޭ ފަދަ ޚިދުމަތެއް ބޭންކުގެ ވިޔަފާރީގެ ތަސައްވުރާ އެއްގޮތްވާ ގޮތުގެމަތިން ފޯރުކޮށްދޭނެ މުވައްޒަފުން ތަކެއް އުފެއްދުންކަމަށެވެ.

މިއަދު އޮންލައިން