ރާއްޖޭގައި އިސްލާމް ދީނާއި ޚިލާފަށް ހަދައިގެން އުޅޭ ޤާނޫނުތަކުގެ ތެރެއިން އެއް ޤާނޫނަކީ އުޅަނދު ދުއްވުމަށް ހަދާފައިވާ ޤަވާއިދުތަކާއި ޚިލާފަށް އުޅަނދު ދުއްވައި މީހުންނަށް އަނިޔާކުރުމާއި މީހުން މެރުން ޖިނާޢީ ކުށަކަށް ނުހެދުމުގެ ޤާނޫނެވެ. އެއީ މަދަނީ މައްސަލައަކަށް ހަދާފައި އޮތުމެކެވެ.
އުޅަނދު ދުއްވުމަށް ހަދާފައިވާ ޤަވާއިދުތަކާއި ޚިލާފަށް އުޅަނދު ދުއްވައި މީހުންނަށް އަނިޔާކުރުމާއި މީހުން މެރުން ޖިނާޢީ ކުށަކަށް ނުވަނީ އިސްލާމް ދީނުގެ ކޮން ހަމައަކުންތޯ؟ ކުރެވޭ ސުވާލަށް އެ ޤާނޫނު ފާސްކުރި އެންމެންގެ ކިބައިން ޖަވާބު ބޭނުންވެއެވެ. އަދި އިސްލާމް ދީނާއި ޚަނޑައެޅިގެން ޚިލާފަށް ހަދާފައިވާ އެ ޤާނޫނަށް އަމަލުކުރާ، ތަންފީޒުކުރާ ފަރާތްތަކުގެ ކިބައިންވެސް ޖަވާބު ބޭނުންވެއެވެ.
"އެކްސިޑެންޓް"ގެ މާނައަށް ބަލައިފިނަމަ އެއީ އެމީހަކަށް ނުވަތަ ދުއްވަން އިން ވެހިކަލަށް ދިމާވާ ކުއްލި މައްސލައެއްގައި ކޮންޓްރޯލް ނުކުރެވިގެން ކުރިމަތިވާ މައްސަލަތަކެވެ. ވަޅިއަކުން އެއްޗެއް ކޮށަނިކޮށް އިނގިލި ނުވަތަ ތަނެއް ކެނޑުމަކީ އެކްސިޑެންޓެކެވެ. ނަމަވެސް ވަޅި ހޫރައި މީހުންގެ ގައަށް ހެރުމަކީ އެކްސިޑެންޓަކަށް ނުހެދޭނެއެވެ.
ވެހިކަލް ދުއްވުމަށް ހަދާފައި ހުރި ޤަވާއިދުތަކާއި ޚިލާފަށް ބާރު ސްޕީޑްގައި ދުއްވައި މީހުންގެ ގައިގައި ޖައްސައި މަރައި، އަނިޔާ ކުރުމުން އެއީ އެކްސިޑެނެޓެއް ކަމަށް ކަނޑައެޅޭނެ ޤާނޫނި އެއްވެސް އެއްވެސް ހަމައެއް އޮތްކަމަކަށް ޤަބޫލެއް ނުކުރެވެއެވެ. ހަމައެފަދައިން މީހުން ހުރަސްކުރަން ހަދާފައިވާ ކަފިހުރަސްތަކުން މީހުން ހުރަސްކުރަނިކޮށް ހުރަސްކުރާ މީހުންނަށް ނުބަލައި ކަފިހުރަސްމައްޗަށް ވެހިކަލް އަރުވައި މީހުން މެރުމާއި މީހުންނަށް އަނިޔާ ކުރުމަކީ އެކްސިޑެންޓެއް ކަމަށް ބެލެވޭނެ ހަމައެއްވެސް ނެތެވެ.
ވެހިކަލެއް ދުއްވަމުން ދަނިކޮށް ދިމާވާ މައްސަލައެއްގެ ސަބަބުން ސްޕީޑް ކޮންޓްރޯލުން ނެއްޓިގެން ކަމެއް ދިމާވުމާއި ބާރު ސްޕީޑް ސްޕީޑްގައި ދުއްވުމާއި މިއީ މުޅިންތަފާތު ދެކަމެކެވެ. އެހެނީ އުޅަނދު ބާރު ސްޕީޑްގައި ދުއްވުމަކީ އަމިއްލަ އިޚްތިޔާރުގައި ކުރާ ކަމަކަށްވާތީއެވެ. އަމިއްލައަށް ކުރަން ބޭނުންވެގެން ކުރާ ކަމަކަށްވާތީއެވެ. ކުރާ ހިތުން ކުރާ ކަމަކަށްވާތީއެވެ.
މިއީ ބަހުސް ކުރެވެން ވެސް އޮތް ކަމެއް ނޫނެވެ. ބަޤަރާ ސޫރަތުގެ އެންމެ ފަހު އާޔަތުގައި ވަނީ އެކަން ބަޔާން ކުރައްވަވައިފައެވެ. "އެ ނަފްސެއް ޙޯދި ނުބައި ކަމެއްގެ ޢަޛާބް އެ ނަފްސެއްގެ މައްޗަށްވެއެވެ." ވަޙީ ކުރައްވަވާފައި އޮތުމުންނެވެ. މި ވަޙީ ބަސްފުޅުން އެނގެނީ މީހަކު އަމިއްލަ އިޚްތިޔާރުގައި ކުރާ ފާފައިގެ ޢަޛާބް އެމީހަކަށް ލިބެންޖެހޭކަމާއި ދެއްވަވާނެ ކަމެވެ. ވީއިރު ޤަޞްދުގައި މީހުން މަރައި އަނިޔާކުރުމުން އެކަމަށް ޙައްޤު އަދަބު ނުދިނުމަކީ ﷲ ތަޢާލާގެ ޙުކުމްފުޅުތަކަށް ޖަދަލު ކުރުން ނޫން ކަމަކަށް ނުހެދޭނެއެވެ.
ދުނިޔޭގެ އެންމެ ތަރައްޤީވެފައިވާ ޤައުމުތައް ކަމަށް ބުނާ ޤައުމުތަކުގައިވެސް ޤަވާއިދާއި ޚިލާފަށް ވެހިކަލް ދުއްވައިގެން މީހަކަށް ނުވަތަ ތަނަކަށް ގެއްލުމެއް ދީފިނަމަ، ލިބިއްޖެނަމަ އެކަމުގެ ފުރިހަމަ ޒިންމާ އުފުލަން ޖައްސުވައެވެ. ކުށަށް ދޭންޖެހޭ އަދަބު ދެއެވެ.
މަސްތުވާތަކެތި ބޭނުންކުރުމަކީ ބައްޔަކަށް ހަދައި މަސްތުވާތަކެތި ބޭނުންކުރުމަށް ހިތްވަރު ދިނުމުން މަސްތުވާތަކެތި ބޭނުން ކުރުން އިތުރުވި ފަދައިން ޤަވާއިދާއި ޚިލާފަށް ވެހިކަލް ދުއްވައި މީހުން މަރައި މީހުންނަށް އަނިޔާ ކުރުމަކީ މަދަނީ މައްސަލައަކަށް ހެދުމުން އެކަމުން ހިތްވަރު ލިބި ޓްރެފިކް ޤަވާއިދާއި ޚިލާފްވުން މިވަނީ ހައްދުން ނައްޓައިފައެވެ. އަހަރުގެ ކޮންމެ ދުވަހަކީވެސް ބޮޑެތި ހާދިސާތައް ހިނގައި ގިނަ ބައެއްގެ ފުރާއަށް ގެއްލުން ލިބޭ ދުވަހަކަށް މިވަނީ ވެފައެވެ.
ޤަވާއިދާއި ޚިލާފަށް ވެހިކަލް ދުއްވައި މީހުން މެރުމާއި އަނިޔާކުރުން ޢާންމުވެފައިވާއިރު އެފަދަ ކަންކަމުގެ ސަބަބުން ބޭސްފަރުވާ ކުރަން ދައުލަތުން ކުރަންޖެހޭ ހޭދަ އަނބުރައި އަތު ނުލުމަކީ ރައްޔިތުންގެ ފައިސާއަށް ޚިޔާނާތްތެރިވުމެވެ. އާސަންދަ ތަޢާރަފްކޮށްފައިވަނީ ބަލިވާ މީހުންނަށް ފަރުވާ ކޮށްދިނުމަށެވެ. ބަލިކުރާ މީހުންނަށް ފަރުވާކޮށްދިނުމަކަށް ނޫނެވެ. ޤަވާއިދާއި ޚިލާފަށް ވެހިކަލް ދުއްވައި އަނިޔާ ކުރުމުން އަނިޔާ ލިބުނު މީހާއަށް އާސަންދައިން ބޭސްފަރުވާ ކޮށްދިން ނަމަވެސް އެކަމަށް ހިނގި ޚަރަދު އެ އަނިޔާކުރި މީހާ އަތުން އަނބުރައި ދައުލަތަށް އަތުނުލުމަކީ ވެސް އެފަދަ އަނިޔާތައް ކުރުމަށް ދެވޭ އިތުރު ހިތްވަރެކެވެ.