މިމަހުގެ 12 ވަނަ ދުވަހުގެ އިރު އޮއްސުނުވަގުތު ސެނެހިޔާ ކައިރިން ކަފިހުރަސް މައްޗަށް ކާރު އަރުވައި އަންހެނެއްގެ ގައިގަ ކާރުން ޖެއްސި ޑްރައިވަރަކީ ޤަވާއިދާ ޚިލާފްވުމުގެ ރެކޯޑް އޮތް މީހެއް ކަމަށް މިއަދުނޫހަށް މައުލޫމާތު ލިބިއްޖެއެވެ.
އެ މައުލޫމާތު ލިބުނީ ހެންވޭރު ރޯޝަނީ މަގުގައި ދިރިއުޅޭ ބައެއް މީހުން އެ ޑްރަވަރަކީ ރޯޝަނީ މަގު ސަރަހައްދުގައި މާބަނޑު އަންހެނެއްގެ ގައިގައި ވެސް ޖައްސާފައިވާ މީހެއްކަމަށް މައުލޫމާތު ދިނުމާއި ގުޅިގެން ހޯދި މައުލޫމާތުންނެވެ. އެއީ ހިނގާފައިވީކަމެއް ކަމަށް ސަރަހައްދުގެ ބައެއް މީހުން މައުލޫމާތު ދިން ނަމަވެސް ފުލުހުންގެ ރެކޯޑްތަކުގައި އެ މައްސަލަ ނެތް ކަމަށްވެސް ވަނީ މަޢްލޫމާތު ލިބިފައެވެ.
ދެ އަންހެނުން މަގު ހުރަސްކުރީ ވެހިކަލްތައް މަޑުކޮށް ހުރަސްކުރަން ފުރުޞަތު ދިނުމުންނެވެ. އެއިރު ޓީ 4627 ނަމްބަރު ކާރު އައީ ދުރުން ދުއްވަމުންނެވެ. އެހެން ވެހިކަލްތައްވެސް ހުރަސްކުރަން ފުރުޞަތުދިނުމުން އެ ޑްރައިވަރު ވެސް ފުރުޞަތު ދޭނެކަމަށް ބަލައި ހުރަސް ކުރަނިކޮށް މަޑުނުކޮށް އައިސް ޖެއްސީއެވެ. އަނިޔާ ލިބުނު އަންހެން މީހާއަށް އަނިޔާ ލިބިފައިވަނީ ކާރުން ޖެއްސި އަންހެން މީހާ އޭނާގެ ގައިމައްޗަށް ވެއްޓުމުން ވެށްޓި ސްޕީޑް ބްރޭކަރުގައި ބޯޖެހިގެންނެވެ.
އަނިޔާ ލިބުނު އަންހެން މީހާގެ ސިކުނޑިއަށާއި ބޮލަށް ވަރަށް ބޮޑެތި އަނިޔާތައް ލިބިފައިވާތީ އަދިވެސް އޭނާގެ ޙާލު ސީރިއަސްކަމަށާއި އަދި މިހާރުވެސް ގެންދަނީ އޭޑީކޭ ހޮސްޕިޓަލުގެ އައިސީޔޫގައި ފަރުވާ ދެމުންކަމަށް ވަނީ މައުލޫމާތު ލިބިފައެވެ.