މިއަހަރުގެ އޭޕްރިލް މަހުގެ ހަވަނަ ދުވަހު ބޭއްވޭ މަޖިލިސް އިންތިހާބުގައި އެމްޑީޕީ ގެ ފަރާތުން ވާދަކުރާ 86 ދާއިރާގެ ފޯމުތައް އިލެކްޝަންސް ކޮމުޝަނުން ބަލައިގެންފި ކަމަށް މިއަދު އެޕާޓީން ބުނެފިއެވެ.
އެމްޑީޕީ ކެންޑިޑޭޓުންގެ ފޯމުތައް ބަލައުގެންފައިވާކަން އެޕާޓީގެ ރަސްމީ ޓްވިޓާ އެކައުންޓުންވަނީ ހާމަ ކޮށްފައެވެ.

އެޕާޓީން ވާދަކުރާ 86 ކެންޑިޑޭޓުންގެ ފޯމު އެންނެ ފުރަތަމަ ހުށަހަޅާފައިވަނީ މިމަހުގެ ހަވަނަ ދުވަހުއެވެ. ނަމަވެސް މައުލޫމާތު ފުރިހަމަ ނުވާ ކަމަށް ބުނެ އޭގެ ތެރެއިން 10 ފޯމެއް އީސީން ވަނީ އަނބުރާ ފޮނުވާލާފައެވެ. އެހެންކަމުން އެމްޑީޕީން ވަނީ އެފޯމުތަކުގެ މައުލޫމާތު ފުރިހަމަ ކުރުމަށްފަހު އަލުން ހުށަހަޅާފައެވެ.
ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު ހުޅުވާލާފައިވާއިރު ކުރިމަތިލުމުގެ މުއްދަތު ހަމަވާނީ މިމަހުގެ 21 ވަނަ ދުވަހުގެ ނިޔަލަށެވެ. އިލެކްޝަންސް ކޮމިޝަނުން އިއްޔެ ބުނެފައި ވަނީ، އޭޕްރީލް މަހުގެ 6 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބުގައި ވާދަކުރުމަށް 183 ބޭފުޅުން ފޯމް ހުށައަޅާފައިވާކަމަށެވެ.