މާމިގިލި ދާއިރާގެ ރައްޔިތުންގެ ވަރަށް ބޮޑު ތަރްޙިބާއިއެކު ޤާސިމް އިބްރާހީމް، 19 ވަނަ މަޖިލިސް އިންތިޚާބުގެ ކެންޕޭނު ފަށްޓަވައިފިއެވެ.
މިކަމަށްޓަކައި މިރޭ ފެންފުށީގައި ބޭއްވި ރަސްމިއްޔާތުގައި ޤާސިމް އިބްރާހީމް ވިދާޅުވީ ފެންފުށީގައި ތިބި ޕީޕީއެމްއަށް ނިޞްބަތްވާ މެންބަރުން އެމަނިކުފާނަށް ތާއީދުކުރަން ނިންމީ މަޖިލިސް މެންބަރަކު ނުވަތަ އަމިއަލަ ފަރުދަކު އެމީހެއްގެ ދާއިރާގެ ތަރައްޤީއަށް އެންމެ ބޮޑަށް މަސައްކަތްކޮށްފައިވާ ރާއްޖޭގެ އިންތިޚާބީ ދާއިރާއަކީ ކޮން ދާއިރާއެއްކަން އެ މެންބަރުންނަށް އެނގޭތީ ކަމަށެވެ. އެހެންކަމާއިއެކުވެސް 19 ވަނަ މަޖިލިސް އިންތިޚާބުގައި އެމަނިކުފާނަށް ތާއީދުކުރަން އެ މެންބަރުން ނިންމީތީ ޝުކުރު އަދާކުރައްވާ ކަމަށެވެ.
ޤާސިމް އިބްރާހީމް ވިދާޅުވީ ކޮންމެ ފަހަރަކުވެސް މަޖިލިސް އިންތިޚާބުގައި ރައްޔިތުން އެމަނިކުފާނަށް ތާއީދުކޮށް އެމަނިކުފާނު އިންތިޚާބުކުރަނީ އެމަނިކުފާނުގެ ޚިދުމަތަށް ރައްޔިތުން އިތުބާރުކުރާތީ އަދި ފުރިހަމަ ޔަޤީންކަން އޮންނާތީ ކަމަށެވެ.
ޤާސިމް އިބްރާހީމް ވިދާޅުވީ ކޮންމެ ފަހަރަކުވެސް މާމިގިލި ދާއިރާއަށް ކުރިމަތިލައްވަނީ އެއީ އެމަނިކުފާނުގެ އުފަން އަދި "އުޅެ ބޮޑުވި" ދާއިރާކަމަށްވާތީ ކަމަށެވެ. ދާއިރާގެ ރައްޔިތުންނާއި އަޚްވަންތަކަމާއި އެކުވެރިކަން އިތުރަށް އާލާކުރެއްވުމުގެ ބޭނުންފުޅުގައި ކަމަށެވެ.
ޤާސިމް އިބްރާހީމް ވިދާޅުވީ މާމިގިލި ދާއިރާއަކީ މަޖިލިސް އިންތިޚާބުގެ އިތުރުން ރިޔާސީ އިންތިޚާބުގައި ވެސް އެމަނިކުފާނަށާއި އެމަނިކުފާނު ތާއީދުކުރައްވާ ކޯލިޝަނަށް މުޅި ރާއްޖެއަށް ބެލި ނަމަވެސް ރެކޯޑް އަދަދަކަށް ތާއީދުކޮށްދޭ ދާއިރާއެއްކަމަށެވެ. "އެކަމަށްޓަކައި ދާއިރާގެ ރައްޔިތުންނަށް ހިފެހެއްޓުމެއް ނެތި ޝުކުރާއި އައްސަރިބަހާއި ސާބަސް އަރިސްކުރަން!"
ޤާސިމް އިބްރާހީމް ވިދާޅުވީ ރާއްޖޭގެ ތަރައްޤީއަށް ސަރުކާރުން ކުރާ ހޭދައިގެ ތެރެއިން މާމިގިލި ދާއިރާއަށް ހޭދަކުރަމުން އައިސްފަވަނީ ނިޞްބަތުން ވަރަށް ކުޑަ މިންވަރެއް ކަމަށެވެ. އެހެންކަމުން އެ އަދަދު އިތުރުކުރަވަން ކުރިއަށްވުރެ ދެ ގުނަ އިތުރަށް މަސައްކަތް ކުރައްވާނެ ކަމުގެ ޔަޤީންކަން ދެއްވާ ކަމަށެވެ. ސަބަބަކީ ސަރުކާރުން ކުރާ ހޭދައިން ގިނަ ދާއިރާތައް މިހާރު ވަރަށް ބޮޑަށް ތަރައްޤީވެފައި އޮތުމުން އެކަމަށް އެދިވަޑައިގަތުމުގެ ފުރުޞަތު އިތުރުވެފައިވާތީ ކަމަށެވެ.
"މިކަމަށް ފުރިހަމަ އެއްބާރުލުން ދެއްވާނެ ކަމުގެ ފުރިހަމަ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވަނީ އަޅުގަނޑަށް ދެއްވާފަ. ރިޔާސީ އިންތިޚާބުގެ ދުވަސްވަރު އަޅުގަނޑަށް ރާއްޖެއިން ބޭރުގަ ހުންނަން ޖެހުނު ނަމަވެސް އަޅުގަނޑުގެ އިލްތިމާސް ޤަބޫލުކޮށް ދާއިރާގެ ރައްޔިތުން ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙަށް އެރުވި ބޮޑު ތާއީދު އެމަނިކުފާނު ޤަބޫލުފުޅު ކުރައްވާ. އަދި އެކަމަށްޓަކައި ރައްޔިތުންނަށް ޝުކުރުވެސް އަދާކުރައްވާ. އަދި އެއިރު އަޅުގަނޑަށާ އަޅުގަނޑުގެ ދަރިފުޅަށް އަދި އަޅުގަނޑުގެ މުދަލަށް ކިތަންމެ ބޮޑު ގެއްލުމެއް ދީފައި އޮތް ނަމަވެސް ރާއްޖޭގެ ހުރިހާ ރަށަކުންވެސް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙަށް ކުރި ތާއީދަށް ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް އަޅުގަނޑު ވަރަށް ބޮޑަށް ޝުކުރު ދަންނަވަން." ޤާސިމް އިބްރާހީމް ވިދާޅުވިއެވެ.
ދާއިރާގެ ރައްޔިތުންގެ ފަރާތުން މިރޭގެ ރަސްމިއްޔާތުގައި ވާހަކަ ދެއްކެވި ހުރިހާ ބޭފުޅުންވެސް ވަނީ ދާއިރާގެ ތަރައްޤީއަށް މިހައިތަނަށްވެސް ޤާސިމް އިބްރާހީމް ކޮށްދެއްވާފައިވާ ޚިދުމަތްތައް ފާހަގަކުރައްވައި ޝުކުރު އަދާކުރައްވައިފައެވެ. އަދި ކުރީ އަހަރުތަކަށްވުރެ ވެސް މަތީ އަޣްލަބިއްޔަތަކުން ޤާސިމް އިބްރާހީމް މަޖިލީހަށް އިންތިކާބުކުރާނެ ކަމުގެ ޔަޤީންކަންވެސް އަރުވައިފައެވެ.