ހަމައެކަނި ކުރީގެ ނައިބް ރައީސް އަހްމަދު އަދީބުގެ އެސްއޯއެފް ކުންފުނިން ޑޮލަރު ގަތް ފަރާތްތަކުގެ މައުލޫމާތު ހާމަކުރުމަކުން ނުފުދޭ ކަމަށާއި ނަގުދު ފައިސާ ދިން މީހުންގެ މައުލޫމާތުވެސް އަވަހަށް ހާމަކޮށްދެއްވުމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު، ވިލާ ގްރޫޕުގެ ޗެއާމަން ޤާސިމް އިބްރާހީމް ގޮވާލައްވައިފިއެވެ.
ޤާސިމް އިބްރާހީމް މިރޭ ވިދާޅުވީ އެމްއެމްޕީއާރުސީން ހިންގި ޚިޔާނާތްތަކުގެ މައުލޫމާތު ފުރިހަމަވާނީ ނަގުދުން އެ ފައިސާ ލިބުނު މީހުންގެ ތަފްޞީލްވެސް ހާމަކުރުމުން ކަމަށެވެ. "ކެޔޮކޭވަރު ހާމަކުރަން އެބަ ޖެހޭ. އެކަން ކުރެވޭނީ ރަނގަޅަށް ބިތުފަންގި ނެގުމުން."
ޤާސިމް އިބްރާހީމް ވިދާޅުވީ ވިލާ ޓްރެވަލްސް އަކީ ހަމަ އެކަނި އެމަނިކުފާނުގެ މަޞްލަހަތު އޮންނަ ކުންފުންޏެއް ނޫން ކަމަށާއި އެކުންފުންޏަކީ ހަމަ އެމަނިކުފާނުގެ ކުންފުންޏެއް ކަމަށެވެ. އަދި ޑޮލަރު އެކުންފުންޏަށް ގަންނަން ޖެހެނީ ދިވެހި ރުފިޔާއަށް ޓިކެޓް ވިއްކުމަށްފަހު އެއާލައިންތަކަށް ޑޮލަރުން އަގުދައްކަންޖެހޭއިރު ބޭންކްތަކުން ޑޮލަރު ނުލިބޭތީ ކަމަށެވެ. އަދި އެކުންފުނިން ޑޮލަރު ގަތުމަށްފަހު ވަގުތުން ރުފިޔާ ދައްކާފައިވާނެ ކަމަށާއި އެކަމުގެ ލިޔެކިޔުންތައް ވެސް ކުންފުނީގައި އެބަހުރި ކަމަށެވެ. އަދި އޭސީސީސީން ނެރުނު ރިޕޯޓް ނެރެފައިވާނީ ވިލާ ޓްރެވަލަސް އާއި އެއްވެސް ވަރަކަށް ސުވާލެއްވެސް ކުރުމެއް ނެތި ކަމަށެވެ.
ޤާސިމް އިބްރާހީމް ވިދާޅުވީ އެމްއެމްއޭ އިން މަނާކޮށްފައިވަނީ ލައިސްންސް ނެތި ޑޮލަރު ގަނެ ވިއްކުމުގެ ވިޔަފާރި ކުރުން ކަމަށާއި ޑޮލަރު ގަތުން މަނާކޮށްފައި ނުވާ ކަމަށެވެ. އެހެންކަމުން ބޭންކްތަކުން ޑޮލަރު ނުލިބުމުން އެކި ފަރާތްތަކުން ޑޮލަރު ގަތުމަކީ ވިޔަފާރިކުރާ ހުރިހާ ކުންފުނިތަކުންވެސް ކުރަމުން އަންނަ ކަމެއް ކަމަށާއި އަދި ބޭނުންވާ ޑޮލަރު ބޭންކްތަކުން ނުލިބުމުން ޢާންމު ރައްޔިތުންވެސް ކުރަމުން އަންނަ ކަމެއް ކަމަށެވެ. އެހެންކަމުން ވިލާ ޓްރެވަލްސް އަށް ވެސް ޑޮލަރު ގަނެފައިވާނީ އެ އުޞޫލުން ކަމަށެވެ.
ޤާސިމް އިބްރާހީމް ވިދާޅުވީ ޤާނޫނާއި ޚިލާފަށް އެއްވެސް ކަމެއް ކުރައްވާފައި ނުވާނެ ކަމަށާއި އަބުރު ކަތިލުމަށާއި ބަދުނާމުކުރުމަށް ކިތަންމެ ވަރަކަށް ކަންކަން ކުރި ނަމަވެސް ފަސްޖެހިވަޑައި ނުގަންނަވާނެ ކަމަށެވެ. ﷲ ތަޢާލާ ހުރިހާ ކަމެއްވެސް ބައްލަވައި ވޮޑިގެންވާ ކަމަށާއި ޙައްޤަށް ނަޞްރު ދެއްވަވާނެ ކަމަށެވެ. އެކަން ވަނީ މާޒީގައިވެސް ފެނިފައި ކަމަށެވެ.