މިފަހަރުގެ ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ވާދަ ކުރައްވަން ނިންމެވީ މާވަށު ދާއިރާއަށް ކަމަށާއި ނަމަވެސް މިހާރު އެދާއިރާ ކުރީގެ އިކޮނޮމިކް މިނިސްޓަރ މުޙައްމަދު ސައީދަށް ދޫކޮށްލައްވައިފިކަން ރައީސް ޔާމީން ވިދާޅުވެއްޖެއެވެ.
މިއަހަރުގެ އޭޕްރިލް މަހުގެ ހަވަނަ ދުވަހު ބޭއްވޭ މަޖިލިސް އިންތިހާބުގައި މާވަށު ދާއިރާއަށް ސައީދު ވާދަ ކުރައްވަނީ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ކެންޑިޑޭޓެއްގެ ގޮތުގައެވެ. ސައިދަކީ ޕީއެންސީ ގެ ނައިބު ރައީސް ވެސް މެއެވެ.
ރޭ މާވަށުގައި ބޭއްވި ސައީދުގެ ކެމްޕޭނު ޖަލްސާއެއްގައި، އެދާއިރާގެ ރައްޔިތުންނާއި ފޯނުން ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ ސައީދުއަށް ޖާދަދެއްވުމުގެ ގޮތުން، މާވަށު ދާއިރާއަށް ވާދަ ކުރެއްވުމުގެ ވިސްނުންފުޅު އެމަނިކުފާނު ދޫކޮށްލެއްވި ކަމަށެވެ. އަދި މިދިޔަ އަހަރުގެ ސެޕްޓެމްބަރ މަހު ބޭއްވި ރިޔާސީއިންތިހާބު ރައީސް ޔާމީން އަށް ކާމިޔާބު ކޮށްދެއްވުމަށް އިޚްލާސްތެރި މަސައްކަތްތަކެއް ވެސް ސައީދު ކޮށްދެއްވިކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.