މިމަހުގެ 12 ވަނަ ދުވަހުގެ ރޭ، ސެނަހިޔާ ކައިރީގައި އޮންނަ ކަފިހި ހުރަސް މަތިން ހުރަސް ކުރަނިކޮށް އަންހެނެއްގެ ގައިގާ ޖެއްސި ޓެކްސީ ޑްރައިވަރުގެ ޓެކްސީ ކުރުމުގެ ހުއްދަ ދެ އަހަރަށް ބާތިލުކޮށް، އޭނާގެ ލައިސެންސް ވެސް ދެ އަހަރަށް ހިފަހައްޓައިފިއެވެ.
އެނގިފައިވާ ގޮތުގައި ފުލުހުންނާއި ޓްރާންސްޕޯޓް އޮތޯރިޓީން ގުޅިގެން، މިފިޔަވަޅު އަޅާފައިވަނީ މީގެ ކުޑަ އިރުކޮޅެއް ކުރިންނެވެ.
ދެ އަންހެނަކު ކަފިހި ހުރަހުން ހުރަސް ކުރަނިކޮށް، ބާރު ސްޕީޑެއްގައި އައި ޓެކްސީއެއް އޭގެން އެކަކުގެ ގައިގާ ޖެއްސުމުގެ ސަބަބުން އެއަންހެން މީހާގެ ބޯ ސްޕީޑް ބްރޭކާރ ގައި ޖެހި، އޭނާގެ ހާލު ވަރަށް ސީރިއަސް އެވެ.
އޭޑީކޭ ހޮސްޕިޓަލުގައި އެއަންހެން މީހާއަށް މިހާރުވެސް ފަރުވާ ދެމުންދާއިރު އޭނާއަށް ފަރުވާ ދެނީ އައިސީޔޫގައި ކަމަށް އެހޮސްޕިޓަލުގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އަފްއާލް ވިދާޅުވެފައިވެއެވެ. މިއެކްސިޑެންޓުގައި އަނިޔާވި އަންހެން މީހާގެ ސިކުނޑިއަށް ލޭ އެޅި، އޭނާގެ ސިކުނޑި ދުޅަވެފައިވާ ކަމަށް ވެސް މައުލޫމާތު ލިބިފައިވެއެވެ.