ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ގެ މައްޗަށް ދައުލަތުން އުފުލާފައިވާ މަނީ ލޯންޑަރިން މައްސަލައިގައި، މިއަދު މެންދުރު 13:30 އަށް އެމަނިކުފާނު ކްރިމިނަލް ކޯޓަށް ހާޒިރުވާން އަންގައިފިއެވެ.
ރައީސް ޔާމީންގެ މައްޗަށް ކުރާ ދައުވާގެ ލިޔުންތައް އިއްޔެ ހެނދުނު އެމަނިކުފާނު ވަނީ ވަކީލުންނާ ހަވާލުކޮށްފަ އެވެ.
އެމަނިކުފާނުގެ މައްޗަށް ދައުވާ އުފުލީ، މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)ގެ ބޮޑު ޚިޔާނާތުގެ ފައިސާ އިން އަމިއްލަފުޅު އެކައުންޓަށް ޖަމާކޮށްފައި ހުރި ފައިސާ ލޯންޑަކުރި ކަމުގެ ތުހުމަތު ގައެވެ.
އިސްލާމިކް ބޭންކް (އެމްއައިބީ)ގައި ހުރި ރައީސް ޔާމީންގެ ޑޮލަރު އެކައުންޓަކަށް ދެ ޗެކަކުން އެސްއޯއެފުން ފައިސާ ޖަމާކުރީ އެމްއެމްޕީއާރުސީގެ 1.4 ބިލިއަން ރުފިޔާގެ ޚިޔާނާތް ފަޅާއަރާފައި ވަނިކޮށެވެ. ޔާމީންގެ އެކައުންޓަށް ޖަމާކުރި ޝައްކު އުފެދޭ ފައިސާ އޭސީސީއާ ހަވާލުކުރައްވަން އެމަނިކުފާނު ފުރަތަމަ އިންކާރު ކުރެއްވި އެވެ. ނަމަވެސް ފަހުން އެމަނިކުފާނު އެއްބަސްވެވަޑައިގަތީ އޭސީސީއާ އެކު އެސްކްރޯ އެކައުންޓެއް ހުޅުވައި އެފައިސާ ޖަމާކުރައްވަން ކަމަށް މައުލޫމާތު ލިބިފައިވެއެވެ.