އިއްޔެ ރޭ ސިނަމާލެ ބްރިޖާއި ގުޅޭ ހައިވޭ މަތިން ބާރު ސްޕީޑުގައި ދުއްވަމުން ދިޔަ ކާރެއް ކޮންޓްރޯލް ނުވެގެން ގޮސް ހިނގި އެކްސިޑެންޓުގައި، އެކާރު ދުއްވަން އިނީ ކުރީގެ ނޫސްވެރިޔާ އަދި މިހާރު ޔޫތު މިނިސްޓަރު އަޙުމަދު މަޙްލޫފްގެ ޕީއެސް އަޙުމަދު އަޒްމޫން ކަން ހާމަވެއްޖެއެވެ.
އެކްސިޑެންޓާއި ގުޅޭގޮތުން މައުލޫމާތު ދެއްވަމުން އަޒްމޫން ވިދާޅުވީ، އިއްޔެ ރޭ މެންދަމު 3:00 ޖެހިއިރު ހުޅުމާލެއިން ކާރުގައި މާލެ ވަޑައިގެންނެވިއިރު އެއެކްސިޑެންޓު ހިނގީ ހައިވޭ މަތިން ކުއްލިއަކަށް ހުރަސް ކުރަން ދިޔަ ބުޅަލެއް ކާރުގައި ޖެހުމުން ކާރު މަޑުކުރަން އުޅުމުގެ ތެރޭގައި ކޮންޓްރޯލް ނުވެގެން ގޮސް ކަހާލައިގެން ކަމަށެވެ.
"ބުޅާ ހުރަސް ކުރަން ގޮސް ކުއްލިއަކަށް ކާރުގައި ޖެހުމާއެކު ކޮންޓްރޯލް ގެއްލުނީ، އެކްސިޑެންޓްގައި ކާރުގެ ބޮޑު ބައި އޮތީ ހަލާކުވެފައި. އަޅުގަނޑުމެން ސަލާމާތްވީ އެއާ ބޭގް ފަޅައިގެން ގޮސް އެއިން ލިބުނު ރައްކާތެރި ކަމުން،" އެކްސިޑެންޓްގައި ބޮޑު އަނިޔާއެއް ނުވެ ސަލާމަތްވެ ވަޑައިގެންނެވި އަޒުމޫން މިއަދު ވިދާޅުވިއެވެ.
މީގެއިތުރުން އަޒްމޫން ވިދާޅުވީ ބްރިޖު މަތިން އޭނާ ދުއްވާފައި ވާނީ 70 ކިލޯ މީޓަރުގެ ބާރު މިނުގައި ކަމަށާއި އެފަދަ އެކްސިޑެންޓެއް އޭނާގެ ފަރާތުން އައުމުން މާފަށް އެދި ވަޑައިގަންނަވާ ކަމަށެވެ.
މަޒްޑާ ބްރޭންޑްގެ އާރްއެކްސް އެއިޓް ބްރޭންޑުގެ އެކާރު ކޮންޓްރޯލް ގެއްލުމާއެކު ހައިވޭގެ އަރިމަތީ ފެންސް ފަޅާލައި އެދިމާ ތޮށިގަނޑުގައި ޖެހުނީ ހައިވޭގެ ހޮޅިދަނޑިއެއްގައި ވެސް ޖެހިފައެވެ.