ގއ. ވިލިނގިލީގައި ހުރި ހަރުގެއެއްގެ ކައިރިން މަރުވެފައި އޮއްވާ އިއްޔެ ފެނުނު ޙުސެއިން ސިމާދު މަރުވީ، އެހަރުގެއިން ބަޔަކު ވައްކަން ކުރާތީ ވަގުން ހިފުމަށް ހަދާފައި ހުރި ކަރަންޓު ދަންތުރައެއްގައި ޖެހިގެން ކަމަށް އެރަށުގެ ބައެއް މީހުން ބުނެފިއެވެ.
ވިލިނގިލި މީހަކާ ކައިވެނިކޮށްގެން ރަށުގައި އުޅޭތާ 12 އަހަރެއްހާ ދުވަސްވީ ސ. ހިތަދޫ ހިޔާލީގޭ ސިމާދު (36އ.) އަކީ، މަސްތުވާތަކެތި ބޭނުންކުރުމާއި ވައްކަން ކުރުމުގެ ކުށުގެ ރިކޯޑު ވެސް އޮންނަ މީހެއް ކަމަށް ރަށުގެ ގިނަ ބަޔަކު ބުނެ އެވެ.
ސިމާދު މަރުވެފައި އޮއްވައި ފެނުނީ ރަށް ޕެޓްރޯލް ކުރަމުންދިޔަ ފުލުހަކަށެވެ. ބޮޑެތި ޒަހަމްތަކެއް އޭނާގެ ހަށިގަނޑުން ފެންނަން ހުރިއިރު، އޭނާ މަރުވި މައްސަލައިގައި މިހާތަނަށް ފުލުހުން މީހަކު އަދި ހައްޔަރެއް ނުކުރެ އެވެ. ފުލުހުން ހަމައެކަނި ބުނީ މައްސަލަ ތަހުގީގު ކުރާކަން އެކަންޏެވެ. އެކަމަކު ރަށުގެ ގިނަ ބަޔަކު ތުހުމަތު ކޮށްފައިވަނީ ،ކަރަންޓު ދަންތުރައެއްގައި ސިމާދު ޖައްސައި މަރާލީ ކަމަށެވެ.