ރައީސް ޔާމީން މާފުށި ޖަލަށް ގެންގޮސްފި!

ކިޔުމަށް ހޭދަވާނީ 1މ 7ސ
ރައީސް ޔާމީން މާފުށި ޖަލަށް ގެންގޮސްފި!

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ގެ މައްޗަށް އުފުލާފައިވާ މަނީ ލޯންޑަރިން ގެ ދައުވާގެ ޝަރީއަތް ނިމެންދެން އެމަނިކުފާނު ބަންދު ކޮށްފައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން މިއަދު އަމުރު ކުރުމާއި ގުޅިގެން، އެމަނިކުފާނު މާފުށި ޖަލަށް އަށް ގެންގޮސްފިއެވެ. 

މިމައްސަލައާއި ގުޅޭ ގޮތުން މިއަދު މެންދުރު 13:30 ގައި ބޭއްވި (މިމައްސަލައިގެ) ފުރަތަމަ އަޑުއެހުމުގައި ރައީސް ޔާމީންގެ މަނީ ލޯންޑަރިން ދައުވާގެ ޝަރީޢަތް ނިމެންދެން އެމަނިކުފާނު ހައްޔަރު ކުރުމަށް ކްރިމިނަލް ކޯޓުން އަމުރުކުރީ، ރައީސް ޔާމީނާއި ދެކޮޅަށް ހުށަހަޅާފައިވާ ޝަފަވީ ހެކިންގެ ހެކިބަސް ބަދަލުކުރުމަށް ފައިސާ ދިންކަން ސާބިތުކުރުމަށް ދައުލަތުގެ ވަކީލުން ހުށަހެޅި ލިޔުމެއްގެ މައްޗަށް ބިނާކޮށެވެ. 

ރައީސް ޔާމީން އާއި ދެކޮޅަށް ދައުވާ ކޮށްފައިވާ މިމައްސަލައިގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަ ދައްކަވަމުން ދައުލަތުގެ ވަކީލާ އާއިޝަތު މުޙައްމަދު ވިދާޅުވީ ހެއްކަށް ނުފޫޒު ފޯރުވަން އެމަނިކުފާނު މަސައްކަތް ކުރައްވާފައިވާ ކަމަށެވެ. 

އެހެންކަމުން އެކަންކަމަށް ރިޢާޔަތްކޮށް ޤާނޫނު އަސާސީ އާއި ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ ދަށުން ވަކި ގޮތެއް ނިމެންދެން ރިމާންޑް ޖަލެއްގައި ރައީސް ޔާމީން ބަހައްޓަން އަމުރުކުރާ ކަމަށް ގަޒީ ހައިލަމް އަމުރު ކުރެއްވިއެވެ.

ރައީސް ޔާމީން މާފުށި ޖަލަށް ގެންދިޔައީ ދާދި ދެންމައަކުއެވެ.

 

މިއަދު އޮންލައިން