އެސްއޯއެފް މައްސަލާގައި އަމަލުކުރީ ޤަވާއިދާ އެއްގޮތަށް: ބީއެމްއެލް

ކިޔުމަށް ހޭދަވާނީ 2މ 7ސ
އެސްއޯއެފް މައްސަލާގައި އަމަލުކުރީ ޤަވާއިދާ އެއްގޮތަށް: ބީއެމްއެލް

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) އިން އެސްއޯއެފް ކުންފުނީގެ އެކައުންޓަށް ޖަމާކުރަން ދީފައިވާ ޗެކުތައް ޖަމާކޮށްދީފައިވާނީ ޤާނޫނާއި ޤަވާއިދާއި އެއްގޮތަށް ކަމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ބުނެފިއެވެ.

ބީއެމްއެލްއިން އިއްޔެ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެމްއެމްޕީއާރްސީގެ ނަމުގައި އެކި ފަރާތްތަކުން ދޫކޮށްފައިވާ ޗެކްތައް އެސްއޯއެފްގެ އެކައުންޓަށް ޖަމާކޮށްފައިވަނީ އެޗެކްތައް އެންޑޯސް ކޮށްގެން ކަމަށާއި ޤާނޫނުގެ ދަށުން ޗެކު ފައިސާއަށް ބަދަލު ކުރެވޭ ގޮތުގައި ގެންގުޅޭ ލިޔުމާބެހޭ ޤާނޫނުގެ ދަށުން ޗެކަކީ ފައިސާ އަށް ބަދަލު ކުރެވޭ އެއްޗެއް ކަމަށެވެ. އެގޮަށް ޗެކު ލިބޭ ފަރާތުން ބޭންކަށް އެޗެކް ހުށަހެޅުމަކާ ނުލާ އެހެން ފަރާތަކަށް ދެވޭނެ ކަމަށް ވެސް ބީއެމްއެލް ގެ ބަޔާނުގައި ވެއެވެ. 

"އެގޮތަށް ޗެކު ހުށަހެޅުމުގެ ކުރިން އެޗެކް ކިތަންމެ ފަހަރަކުވެސް ދައުރު ކުރެވިދާނެއެވެ. އެގޮތަށް އަމަލު ކުރުމަށް ޗެކު ލިބޭ ފަރާތުން ކުރާ ކަމަކީ އެހެން ފަރާތަކަށް ޖަމާ ކޮށްދިނުމަށް އަންގާ ސޮއި ކުރުން ނުވަތަ އެންޑޯސް ކުރުމެވެ." ބީއެމްއެލް ގެ ބަޔާނުގައި ވެއެވެ. 

މީގެއިތުރުން ބީއެމްއެލް އިން ބުނެފައިވަނީ ޗެކް އެންޑޯސް ކުރުން މަނާ ކޮށްފައިވަނީ 2016 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 14 ވަނަ ދުވަހު ކަމަށާއި އޭގެ ކުރިން ބޭންކުން އަމަލު ކުރަމުން އައީ ޤާނޫނާއި އެއްގޮތަށް ކަމަށެވެ. 

އެމްއެމްޕީއާރްސީގެ ބޮޑު ޚިޔާނާތުގެ މައްސަލައިގައި ބައެއް ފަރާތްތަކުން ވަނީ ކްރޮސްކޮށްފައިވާ ޗެކްތަކެއް އެހެން މީހެއްގެ އެކައުންޓަށް ޖަމާކުރީ ކީއްވެތޯ ސުވާލު ކޮށްފައެވެ. 

އެކަމާއި ގުޅޭގޮތުން ބީއެމްއެލްގެ ބަޔާނުގައި ބުނެފައިވަނީ އެމްއެމްޕީއާރްސީ ނަމުގައި ދޫކުރި ޗެކުތަކުގައި "ނޮޓް ނިގޯޝިއަބްލް" ބަޔާން ކޮށްފައިނުވާ ކަމަށާއި އެއްފަރާތުން އަނެއް ފަރާތަށް ނުދެވޭނެ "ނޮޓް ނިގޯޝިއަބްލް" ޗެކެއް ކަމުގައި ހަމައެކަނި ވާނެ ގޮތަކީ ކްރޮސް ކުރާއިރު "ނޮޓް ނިގޯޝިއަބްލް" ބަޔާންކޮށްފައި އޮތުން ކަމުގައެވެ. 

މީގެއިތުރުން ބީއެމްއެލްގެ ބަޔާނުގައި ވާގޮތުގައި އެބޭންކުންވަނީ ބޮޑެތި އަދަދުތަކުން އެސްއޯއެފް އިން ފައިސާގެ މުއާމަލާތް ހިންގާފައިވާކަން ފާހަގަ ކުރެވިގެން އެސްއޯއެފްފެ އެކައުންޓު ބަލައި މޮނީޓާ ވެސް ކޮށްފައެވެ. 

އެގޮތުން އެސްއޯއެފް އެކައުންޓު ކޮންމެ ދުވަހަކު އަދި ކޮންމެ ހަފްތާއަކާއި ކޮންމެ މަހަކު ކަނޑައެޅިފައިވާ އުސޫލުގެ ތެރެއިން މޮނިޓާ ކުރަމުން ދިޔައެވެ. އެސްއޯއެފް އެކައުންޓު މޮނީޓާ ކުރަން ފަށާފައިވަނީ 2014 ވަނަ އަހަރުގެ އޮކްޓޯބަރ މަހުން ފެށިގެންނެވެ.

މިއަދު އޮންލައިން