ކުށްމަދުކުރުމަށް ރައްޔިތުން ހޭލުންތެރިކުރުވުމަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ތ. ވިލުފުށި ޕޮލިސް ސްޓޭޝަނުގައި މަސައްކަތްކުރާ ފުލުހުން، ތ. ބުރުނީގައި ވިޔަފާރިކުރާ ފަރާތްތަކަށް މަޢުލޫމާތު ދިނުމުގެ ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފިއެވެ.
ފެބުރުވަރީ 19ވަނަ ދުވަހު ބުރުނީގައި ކުރިއަށްގެންދިޔަ މި ޕްރޮގްރާމްގެ ތެރެއިން، އެރަށުގެ ފިހާރަތަކާއި ސައި ހޮޓާ އަދި ކެފޭތައް ހިންގާ ފަރާތްތަކާއި ބައްދަލުކޮށް މަޢުލޫމާތުދީފައިވެއެވެ. އެގޮތުން ވައްކަންކުރާ ފަރާތްތަކަށް ފުރުޞަތު ކުޑަކުރުމުގެ ގޮތުން ފައިސާ ގެންގުޅުމުގައި ސަމާލުވުމަށާއި ތަން ބަންދުކުރާއިރު ފައިސާ ނުބެހެއްޓުމާއި ރަނގަޅަށް ތަޅުލެވުނުތޯ ޔަޤީންކުރުމާއި އަދި ސީސީޓީވީ ކެމެރާ ހަރުކުރުމަށް އިރުޝާދު ދީފައިވެއެވެ.
އަދި އޮޅުވާލައިގެން މަކަރާއި ހީލަތުން ފައިސާ ހޯދާ މައްސަލަތަކާއި އެކައުންޓާއި ކޭޝްކާޑުގައިވާ މަޢުލޫމާތު ހޯދަމުންދާ މައްސަލަތަކަށް މިހާރަށް ވުރެ ބޮޑަށް ސަމާލުކަން ދިނުމާއި ގުޅޭގޮތުން މަޢުލޫމާތު ދީފައިވެއެވެ.
މީގެއިތުރުން މިޕްރޮގްރާމުގެ ތެރެއިން، ބުރުނީގެ ރަށު ކައުންސިލާއި ބައްދަލުކޮށް މިވަގުތު ރަށަށް ދިމާވެފައިވާ ކަންބޮޑުވުންތަކާއި ބެހޭގޮތުން ކައުންސިލާއެކު މަޝްވަރާ ކޮށްފައިވެއެވެ. އެގޮތުން ރަށުތެރޭގައި ޤަވާޢިދާއި ޚިލާފަށް އެކިކަންކަން ކުރަމުންދާ ފަރާތްތައް ހުއްޓުވުމަށް މަސައްކަތްކުރުމާއި ރަށުގައި ދުއްވާ އެއްގަމު އުޅަނދުތަކަކީ އެއްގަމު ދަތުރުފަތުރުގެ ޤާނޫނާއި ޤަވާޢިދާއި އެއްގޮތަށް ދުއްވާ އުޅަނދުތަކަކަށް ހެދުމަށް ކުރެވިދާނެ މަސައްކަތްތަކާއި ބެހޭގޮތުން މަޝްވަރާ ކޮށްފައިވެއެވެ.
އަތޮޅުތެރޭގައި ރައްޔިތުން ހޭލުންތެރިކުރުވުމަށް ފުލުހުން ހިންގާ މިފަދަ ޕްރޮގްރާމަތަކަށް އާންމު ރައްޔިތުންގެ ފަރާތުން ވަރަށް ބޮޑު އެއްބާރުލުމެއް ދަނީ ލިބެމުންނެވެ.