ހިޔާނާތުގެ ފައިސާ އެސްއޯއެފުން ޖަމާކުރި މީހުންނާ ގުޅޭ ތަހުގީގު ކުރިއަށްދާކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބުނެފިއެވެ.
މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް (އެމްއެމްޕީއާރުސީ) މެދުވެރިކޮށް ހިންގި 1.3 ބިލިއަން ރުފިޔާގެ ހިޔާނާތުގެ ފައިސާ އެސްއޯއެފުން ޖަމާކުރި 155 މީހުންގެ ނަން އޭސީސީ އިން ވަނީ ހާމަކޮށްފައެވެ.
އޭސީސީ އިން ބުނެފައިވަނީ ތަހުގީގު ނިންމައި، ދައުލަތުގެ ކަމާ ބެހޭ އިދާރާތަކަށް އެ ކޮމިޝަނުން ރިޕޯޓް ފޮނުވި އިރު ވެސް 155 މީހުންގެ މައްސަލަ ވަކި ތަހުގީގެއްގެ ގޮތުގައި ކުރިއަށް ގެންދަން އޮތީ ނިންމާފައި ކަމަށެވެ. އަދި މިތަހުގީގު ކުރަނީ މިމީހުންނަށް ފައިސާ ޖަމާވި ސަބަބު ދެނެގަތުން ކަމަށްވެސް އޭސީސީ އިން ވަނީ ބުނެފައެވެ.
155 މީހަކަށް ފައިސާ ޖަމާކުރި ސަބަބު ދެނެގަތުމުގައި ފުލުހުންނާ އެކު ތަހުގީގު ކުރިއަށް ގެންދަން އޭސީސީ އިން އަންނަނީ މަޝްވަރާ ކުރަމުނެވެ.