ރ. ވާދޫ ޕޮލިސް ޑެސްކާއި އެރަށު ސްކޫލާއި ޖުވެނައިލް ޖަސްޓިސް ޔުނިޓު ގުޅިގެން، ވާދޫ ސްކޫލްގެ މުދައްރިސުންނާއި ބެލެނިވެރިންނަށް މަޢުލޫމާތު ދިނުމުގެ ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފިއެވެ.
އެގޮތުން ބެލެނިވެރިންނަށް އަމާޒުކޮށް ކުރިއަށްގެންދިޔަ ޕްރޮގްރާމްގައި، ބެލެނިވެރިކަމުގެ ހުނަރުތަކާ ގުޅޭގޮތުން މަޢުލޫމާތު ދީފައިވެއެވެ. އެގޮތުން ކުއްޖާ އެންމެ ކުޑައިރުން ފެށިގެންވެސް އެކުއްޖާ ރަނގަޅު ގޮތުގައި ތަރުބިއްޔަތު ކުރުމުގައި ބެލެނިވެރިން ސަމާލުކަންދޭންވީ ކަންކަމާއި އަދި ކުއްޖާ ހެދިބޮޑުވަމުން އަންނައިރު އެކި އުމުރު ފުރާގައި ކުއްޖާގެ އުޅުމަށާއި މިޒާޖަށް އަންނަމުންދާ ބަދަލުތައް ދެނެގަނެ އެކަންކަމަށް ބެލެނިވެރިން ސަމާލުކަންދިނުމުގެ މުހިންމުކަމާ ގުޅޭގޮތުން މަޢުލޫމާތު ދީފައިވެއެވެ. އަދި ކުއްޖާ ދައްކާ ވާހަކަ އަޑުއަހާ ބެލެނިވެރިޔާއާއި ކުއްޖާއާ ދެމެދު ގާތް ގުޅުމެއް ބޭއްވުމާ ގުޅޭގޮތުން މަޢުލޫމާތު ދީފައިވެއެވެ.
މީގެއިތުރުން ކުށުގެ ވެށިން ކުއްޖާ ދުރުހެލި ކުރުވުމަށް މަސައްކަތްކުރާނެ ގޮތްތަކާއި އިންޓަރނެޓުގެ ޒަރީއާއިން ކުދިން ކުރާ ކުށްތަކާއި އެފަދަ ކަންކަމަށް ހުށަހެޅުމަށް ކުއްޖާއަށް ފުރުޞަތު ނުދީ ބެލެނިވެރިކަމުގެ ޒިންމާ ފުރިހަމަ ގޮތުގައި އަދާކުރުމުގެ މުހިންމުކަމާއި ގުޅޭގޮތުން މަޢުލޫމާތު ދީފައިވެއެވެ. އަދި ބޮޑެތި މީހުންނަށް އިޙްތިރާމް ކުރުމަށް ކުއްޖާއަށް ދަސްކޮށްދިނުމާއި ސްކޫލާއި ގޭތެރޭގައިވެސް އެއްކުއްޖަކު އަނެއްކުއްޖަކާ ގުޅިގެން އުޅުމަށް ކުދިންނަށް ދަސްކޮށްދިނުމާ ގުޅޭގޮތުން މަޢުލޫމާތުދީފައިވެއެވެ.
ވާދޫ ސްކޫލްގެ މުދައްރިސުންނަށް މަޢުލޫމާތު ދިނުމަށް ކުރިއަށް ގެންދިޔަ ޕްރޮގްރާމްގައި، ދަރިވަރުންނާއި މުދައްރިސުންނާއި ގުޅިގެން ފިލާވަޅުތައް ކުރިއަށް ގެންދިއުމާއި އެއްކުއްޖަކު އަނެއްކުއްޖަކާ ތަފާތު ނުކުރުމާއި ގުޅޭގޮތުން މަޢުލޫމާތު ދީފައިވެއެވެ. އަދި ރަނގަޅުގޮތުގައި ދަރިވަރުން ތަރުބިއްޔަތު ކުރުމުގައި މުދައްރިސުންގެ ދައުރަކީ ކޮބައިކަމާއި ގުޅޭގޮތުން މަޢުލޫމާތު ދީފައިވެއެވެ.
ވާދޫ ސްކޫލްގެ އެދުމުގެ މަތިން، ފެބުރުވަރީ 20ން 21ށް ކުރިއަށްގެންދިޔަ މިޕްރޮގްރާމްގައި މުދައްރިސުންނާއި ބެލެނިވެރިންނަށް މަޢުލޫމާތު ދެއްވާފައިވަނީ ޖުވެނައިލް ޖަސްޓިސް ޔުނިޓުގެ ޑިރެކްޓަރ ފާޠިމަތު ރޫނާއެވެ.