ބޭންކް އޮފް މޯލްޑިވްސްއިން މުޅި ރާއްޖެއަށް އަމާޒުކޮށް ޚިދުމަތް ފުޅާކުރުމަށް ހިންގާ އިންވެސްޓްމަންޓް ޕްރޮގްރާމްގެ ދަށުން ގ.ދ ގައްދޫގައި މިއަދު ބްރާންޗެއް ހުޅުވައި ސެލްފް ސަރވިސް ބޭންކިންގ ޚިދުމަތް ދޭން ފަށައިފިއެވެ.
މި ބްރާންޗްގައި ގާއިމްކޮށްފައިވާ އޭޓީއެމް މެދުވެރިކޮށް ފައިސާ ނެގުމާއި ޖަމާކުރުމުގެ ޚިދުމަތް 24 ގަޑިއިރު ލިބިގެންދާނެއެވެ. އަދި ބޭންކިންގ ޚިދުމަތް ދޭ ގަޑިތަކުގައި އެކައުންޓް ހުޅުވުމާއި ލޯނު ދޫކުރުމާއި ކާޑުގެ ޚިދުމަތްތައް ފޯރުކޮށްދިނުމަށް މުވައްޒަފުން ހަރަކާތްތެރިވާނެއެވެ.
މި ބްރާންޗްތައް ރަސްމީކޮށް އިފްތިތާހުކުރުމަށް މިއަދު އެ ރަށުގައި ބޭއްވުނު ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ބޭންކު ހިންގެވުމާ ހަވާލުވެ ހުންނެވި އާއިޝަތު ނޫރައްދީން ވިދާޅުވީ "މި ހުޅުވުނު އާ ބްރާންޗް މެދުވެރިކޮށް ލިބިގެންދާނެ ޚިދުމަތްތަކަކީ ގައްދޫއަށް އަންނަމުންދާ ތަރައްޤީއަށް އިތުރު ފުރިހަމަކަމެއް ގެނެސްދޭނެޚ ިދުމަތަކަށްވާނެކަން ޔަޤީން ކުރައްވާ ކަމަށެވެ. އަދި ބްރާންޗްގެ ސަބަބުން ގައްދޫގެ ކުދިބޮޑު އެންމެހައި ރައްޔިތުންނަށާއި، ވިޔަފާރިތަކަށް އަދި ރަށަށް ޒިޔާރަތްކުރާ މެހެމާނުންނަށް ބޭންކިންގ ޚިދުމަތްތައް ހޯދުމަށް ވަރަށް ބޮޑަށް ލުއިފަސޭހަވެގެންދާނެ ކަމަށެވެ. "މިއީ މުޅި ރާއްޖެއަށް ބޭންކިންގ ޚިދުމަތް ފޯރުކޮށްދިނުމަށް ކުރަމުންދާ އިންވެސްޓްމަންޓް ޕްރޮގްރާމުގެ ދަށުން ފެށިގެންދާ ޚިދުމަތްތަކެއް."