ރައްޔިތުންގެ މަޖިލީހަށް ބޭނުންވަނީ އިޚްލާޞްތެރިކަމާއިއެކު ޤައުމަށް ޚިދުމަތްކުރެއްވި ތަޖުރިބާކާރު ޚިދުމަތްތެރިން: ޤާސިމް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 50ސ
ރައްޔިތުންގެ މަޖިލީހަށް ބޭނުންވަނީ އިޚްލާޞްތެރިކަމާއިއެކު ޤައުމަށް ޚިދުމަތްކުރެއްވި ތަޖުރިބާކާރު ޚިދުމަތްތެރިން: ޤާސިމް

ރައްޔިތުންގެ މަޖިލީހަށް ބޭނުންވަނީ އިޚްލާޞްތެރިކަމާއިއެކު ޤައުމަށް ޚިދުމަތްކުރެއްވި ތަޖުރިބާކާރު ޚިދުމަތްތެރިން ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހީމް ވިދާޅުވެއްޖެއެވެ. 

ޖުމްހޫރީ ޕާޓީގެ ޓިކެޓްގައި ހެންވޭރު ދެކުނު ދާއިރާއަށް ކުރިމަތިލައްވާފައިވާ އިރްތިޝާމް އާދަމްގެ ކެންޕޭން ޖަގަހަ ހުޅުވުމަށް މިރޭ ބޭއްވި ރަސްމިއްޔާތުގައި ޤާސިމް އިބްރާހީމް ވިދާޅުވީ އިރްތިޝާމް އާދަމް އަކީ ޚާރިޖީ ދާއިރާގައި އެންމެ އާދައިގެ މަޤާމްތަކުން ފެށިގެން އެތައް ޤައުމެއްގެ ސަފީރުކަން ވެސް ހިމެނޭ ގޮތުން ވަރަށް ގިނަ މަޤާމްތަކެއް ފުރުއްވުމުގެ އިތުރުން މިދިއަ ސަރުކާރުގައި 2 މިނިސްޓްރީއެއްގެ މިނިސްޓަރުކަންވެސް އިޚްލާޞްތެރިކަމާއިއެކު ކުރައްވާފައިވާ ޚިދުމަތްތެރިއެއް ކަމަށެވެ. އެހެންކަމުން އެފަދަ ޚިދުމަތްތެރިންގެ ޚިދުމަތަށް ޤައުމު ބޭނުންވެފައިވާ ކަމަށެވެ. 

"ރައްޔިތުން މިއަދު މިކަންކަމަށް ވިސްނާނެ. ބޭފުޅަކު ދެއްވާ ލިސްޓަކަށް ވޯޓެއް ނުދޭނެ. ޤައުމަށް ކޮށްދީފައިވާ ޚިދުމަތަށް ވެސް ބަލައިގެން ވޯޓު ދޭނީ. އެގޮތުން ބަލާއިރު މިދާއިރާއަށް ކުރިމަތިލައްވާފައިވާ އެންމެ ޤާބިލު ކެންޑިޑޭޓަކީ އިރްތިޝާމް އާދަމް ކަމަށް އަޅުގަނޑު ޝައްކެއް ނުކުރަން."  

ޤާސިމް އިބްރާހީމް ވިދާޅުވީ އެންމެ އަމިއްލަ އެދުން ބޮޑު ލީޑަރު ހޮވަން ޕޮލް އެއް ނަގަން އުޅޭ ވާހަކަ ދެކެވޭ ކަމަށާއި އެންމެ އަމިއްލަ އެދުން ބޮޑު ލީޑަރަކަށް ވާނީ ހުރިހާ ބާރުތަކެއްގެ މައްޗަށް ވެރިވެގަތުމަށްޓަކައި ބަރުލަމާނީ ނިޒާމް ގެންނަން އުޅޭ ލީޑަރަކު ކަމަށެވެ. އަދި މިފަދަ ޕޮލްތައް ނަގާއިރު ވޯޓުދެނީ ރައްޔިތުން ނޫން ކަމަށާއި ޕޮލްގެ ނަތީޖާ ނެރެނީ 100 ޑޮލަރު ދީފައި އެތައް ހާސް ވޯޓެއް ގަނެގެންކަން ރައްޔިތުންނަށް ރަނގަޅަށް އެނގޭއިރު ބައަކު ހަމަ ނަގާހައި ޕޮލްއެއް ރައްޔިތުން ބަލައި ނުގަންނާނެ ކަމަށެވެ. 

ޤާސިމް އިބްރާހީމް މިރޭވެސް ވިދާޅުވީ ކޯލިޝަނުގެ ވަކިޕާޓީއަކަށް މެޖޯރިޓީ ދިނުމުގެ ހިތި ތަޖުރިބާ ރައްޔިތުންނަށް ވަނީ އެތައްފަހަރަކު މިހާރުވެސް ކުރެވިފައި ކަމަށާއި އެގޮތް ދެން ރައްޔިތުން ޤަބޫލު ނުކުރާނެ ކަމަށެވެ. ރައްޔިތުން ބޭނުންވަނީ ހަމަ އާއި އިންޞާފުން ރާއްޖޭގެ ކަންކަން ކުރެވި އަދުލު އިންޞާފު ޤާއިކުރެވި އެގޮތުގައި ޤައުމުގެ ކަންކަން ކުރިއަށް ގެންދަން ކަމަށާއި ރައްޔިތުން ވޯޓުދޭނީ އެ ވިސްނުމުގައި ކަމަށް ޤަބޫލުފުޅު ކުރައްވާ ކަމަށެވެ. 

ޤާސިމް އިބްރާހީމް ވަނީ އިލެކްޝަންސް ކޮމިޝަނުން އިންތިޚާބުގެ ކަންކަން ކުރާއިރު ހުރިހާ ޕާޓީތަކަށާއި ހުރިހާ ކެންޑިޑޭޓުންނަށް ހަމަހަމަ އުޞޫލަކުން ކަންކަން ކުރުމުގެ މުހިންމުކަންވެސް ފާހަގަކުރައްވައިފައެވެ. 

ޤާސިމް އިބްރާހީމް ވިދާޅުވީ ރާއްޖެތެރޭ މީހުނެގެ 5 ކުޅަނދު މަދުކަމަށް ބައެއް މީހުން ވާހަކަ ދައްކައި ފުރައްސާރަކުރަން އުޅޭއިރު ރާއްޖެތެރެއާ ގުޅުން ނެތް ޢާއިލާއެއް މިހާރު މާލޭގައި ނެތް ކަމަށެވެ. އެހެންކަމުން މާލެއާއި ރާއްޖޭގެ ހުރިހާ ރަށްތަކެއް މިހާރު މިވަނީ ގުޅި ލާމެހިފައިކަމަށެވެ. ވަކި ރަށަކަށް ވުމުން ތަފާތުވާ ހަމައެކަނި ކަމަކީ މާލެއިން ލިބެންހުރި ޚިދުމަތްތައް ރަށްރަށުން ލިބެން ނެތުން ކަމަށެވެ.

ޤާސިމް އިބްރާހީމް ވިދާޅުވީ ދައުލަތަށް މާލީ ދަތިތައް ހުރުމުން ރާއްޖެތެރޭގެ  ރަށްތަކާއި އަޅައި ނުލެވުނު ޒަމާންތަކެއް ފާއިތުވެގެން ހިނގައްޖެ ކަމަށާއި ނަމަވެސް މިހާރު މިވަނީ ހާލަތު ބަދަލުވެފައި ކަމަށެވެ. މިސަރުކާރުގެ ތެރެއިން ރަށްތަކަށް ބޮޑެތި ކުރިއެރުންތަކެއް ލިބޭނެ ކަމަށް އުންމީދުކުރައްވާ ކަމަށާއި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް އެކަން ކޮށްދެއްވާނެ ކަމަށް ޔަޤީންކުރައްވާ ކަމަށެވެ.  

 

 

މިއަދު އޮންލައިން