ސިނަމާލެ ބްރިޖު މާލު ކޮޅު ލައިޓް ކައިރިން ދެ ސައިކަލު ޖެހި ހަތަރު މީހަކު ޒަހަމް ވެއްޖެއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވީ މިއެކްސިޑެންޓު ހިނގާފައިވަނީ މިއަދު ހެނދުނު 6:30 ހާއިރު ކަމަށެވެ.
މިއެކްސިޑެންޓުގައި ޒަހަމް ވެފައި ވަނީ އުމުރުން 13 އަހަރުގެ ކުޑަ ކުއްޖަކާއި 17 އަހަރުގެ ކުއްކަޖެއްގެ އިތުރުން 18 އަހަރުގެ މީހަކާއި 43 އަހަރުގެ މީހަކަށެވެ.
އެގޮތުން 18 އަހަރުގެ މީހާ އަށް އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ދެމުންދާ ކަމަށާއި ދެންތިބި ތިން މީހުންނަށް އައިޖީއެމްއެޗް ގައި ފަރުވާ ދެމުން ދާ ކަމަށް ވެސް އޮފިޝަލު ވިދާޅުވިއެވެ.
އެކްސިޑެންޓްވި ދެ ސައިކަލުގެ ތެރެއިން އެއް ސައިކަލުގައި ތިބީ 17 އަހަރުގެ ކުއްޖާއާއި 18 އަހަރުގެ މީހާއެވެ. އެސައިކަލު މިހާރު ވަނީ ޓޯ ކުރެވިފައި ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.
އެމީހުންނަށް ލިބުނު ޒަހަމްތަކަށް ބަލާއިރު 18 އަހަރުގެ މީހާގެ ކޮލުގެ ކަށިގަނޑެއް ބިންދައިގެން ގޮސްފައިވާ ކަމަށާއި 43 އަހަރުގެ މީހާގެ ބަނޑުން ހަން މަށައިގެން ގޮސް ކޮނޑު ހުޅުން ވެސް ވަނީ ނެއްޓިފައެވެ. އުމުރުން 13 އަހަރުގެ ކުއްޖާ އަށާއި 17 އަހަރުގެ ކުއްޖާއަށް މާބޮޑު އަނިޔާތަކެއް ލިބިފައެއް ނުވެއެވެ.